News
ޔާމްބެވެސް މާޒިޔާއާއެކު ކޮންޓްރެކްޓް އާކޮށްފި
9 މާރިޗު 2019
މާޒިޔާގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރާ މޫސާ ޔާމިން (ޔާމްބެ) އެޓީމާއެކު އިތުރު ތިން އަހަރަށް އެއްބަސްވުން އާކޮށްފިއެވެ.
2014ވަނަ އަހަރުން ފެށިގެން މާޒިޔާއަށް ކުޅެމުން އަންނަ ޔާމްބެއަކީ މާޒިޔާގެ މެދުތެރެ އަދި ފަހަތް ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ޒުވާން ކުޅުންތެރިއެކެވެ. އޭނާ މާޒިޔާގައި ދައްކަމުން ދިޔަ މޮޅު ކުޅުމުގެ ސަބަބުން ޤައުމީ ޓީމުންވެސް އޭނާވަނީ ޖާގަ ހޯދާފައެވެ. އެންމެފަހުން ރާއްޖެ ސާފު ތަށި ނެގިއިރު އެ ޓީމްގައި ހިމެނުން މި ކުޅުންތެރިޔާއަކީ މުހިންމު މެޗުތަކުގައި ގޯލްވެސް ޖަހައިދީފައިވާ ކުޅުންތެރިއެކެވެ. އެގޮތުން ބަލާލާއިރު މިދިޔަ ސީޒަނުގެ ޗެމްޕިއަނުން ޓީސީ މާޒިޔާ އަތުން ބަލިވި މެޗުގެ ތިންވަނަ ގޯލް މާޒިޔާއަށް ކާމިޔާބުކޮށްދީފައިވަނީ ޔާމްބެއެވެ.
މާޒިޔާގެ ފޭސްބުކް ޕޭޖުން އެއްބަސްވުން އާކުރިކަމަށް އިއުލާންކޮށް ޖަހާފައިވާ ޕޯސްޓެއްގައި ޔާމްބެ ބުނެފައިވަނީ، "ރާއްޖޭގައި މިވަގުތު އޮތް އެންމެ މޮޅު ޓީމަކީ މާޒިޔާ. އުންމީދުކުރަނީ އިތުރު ކާމިޔާބީތަކުން ފުރިގެންވާ ތިން އަހަރަށް ކަމަށް މި އެއްބަސް ވެވުނީ. އެއްބަސްވުން އާކުރުމާމެދު ވަރަށް ހިތްހަމަޖެހޭ."
މާޒިޔާއިން މިފަހަރުގެ ޓްރާންސްފަރ ބާޒާރުގައި ހަތަރު ކުޅުންތެރިން ގެނެސްފައިވާއިރު ޔާމްބެއަކީ މާޒިޔާއާއެކު ކޮންޓްރެކްޓް އާކުރި ދެވަނަ ކުޅުންތެރިޔާއެވެ. މާޒިޔާއަށް މިހާތަނަށް ގެނެސްފައިވާ ކުޅުންތެރިންނަކީ އިބްރާހިމް ހުސައިން ވަހީދު (އިއްބެ)، ހުސައިން ނިހާން (ނިހާޓް)، ހަމްޒާ މުހައްމަދު (ހަމްޕު) އަދި އެންމެ ފަހުގެ ސޮއިކުރުން ކަމަށްވާ އަހްމަދު އަބްދުﷲ (ލިލީ)އެވެ. ކޮންޓްރެކްޓް ދެން އާކޮށްފައިވަނީ މުހައްމަދު އިރުފާން (އިރޭ)އެވެ.
މާޒިޔާ ދޫކޮށްފައި އެހެން ކްލަބްތަކަށް ކުޅުންތެރިން ބަދަލުވަމުންވެސް އެބަދެއެވެ. އެގޮތުން ޑަ ގްރާންޑޭއާ ޔަސްފާދު ހަބީބް (މުލަކޭ) ގުޅިފައިވާއިރު، އިސްމާއިލް އީސަ (މެސީ) ގުޅުނީ ޓީސީއާއެވެ. މީގެއިތުރުން ވަރަށްފަހުން އެ ޓީމަށް ކުޅުނު ގާސިމް ސައްމާމުވަނީ މާޒިޔާއަށް ކުޅެމުން އަންނަ އޭނާގެ ކޮއްކޮ އަލީ ސަމޫހު (ސަމުއްޓޭ)އާ ދުރަށް ގްރީން ސްޓްރީޓްސްއަށް ސޮއިކޮށްފައެވެ. މީގެއިތުރުން އެ ޓީމްގެ ކޯޗަކަށް ހުރި އިސްމާއިލް މަހްފޫޒްވެސް ވަނީ މުޅިން އަލަށް ޕްރިމިއަރ ލީގުގައި މި ސީޒަންގައި މުޅިން އަލަށް ވާދަ ކުރާ ޑަ ގޭންގްއާ ހަވާލުވެފައެވެ.
ޖޫން މަހު ޕްރިމިއަރ ލީގު މުޅިން އައު ފޯމެޓަކަށް ފެށުމަށް އެފް.އޭ.އެމްއިން ތައްޔާރުވަމުންދާއިރު، ޕްރިމިއަރ ލީގުގައި ވާދަކުރާ ކްލަބްތަކުންވެސް އަންނަނީ ފޯރިގަދަކަމާއެކު ތައްޔާރުވަމުންނެވެ. އެގޮތުން ޓްރާންސްފަރ ބާޒާރުގައި މޮޅެތި އަރާހުރި ކުޅުންތެރިން ބައެއް ޓީމްތަކުން ހޯދަމުންދާއިރު އަނެއްބައި ޓީމްތަކުން ޔޫތު މުބާރާތުގައި ވިދާލި ތަރިން ހޯދުމުގެ ރޭހުގައި ވަނީ ކާމިޔާބީ ހޯދާފައެވެ. މިއީ މިއަންނަ ސީޒަން ފޯރިގަދަވެގެންދާނެ އެއްސަބަބު ކަމަށްވެސް ބެލެވެއެވެ.
ފޮޓޯ: ފޭސްބުކް/މާޒިޔާ ސްޕޯޓްސް އެންޑް އާރް.ސީ
Dhivehi Premier League Maziya Sports and Recreation Club