News

ސާފް މުބާރާތުގެ ކުރިން ދިވެހިންގެ އިތުބާރު އަންހެން ޓީމް ހޯދައިފި

9 މާރިޗު 2019






މިއަހަރުގެ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ޔޫ.އޭ.އީގައި ފަރިތަކުރަމުން ދިޔަ ޤައުމީ އަންހެން ޓީމް، ރަނގަޅު ނަތީޖާތަކެއް ފަރިތަކުރުމުގައި ނެރެ ދިވެހިންގެ އިތުބާރު ހޯދައިފިއެވެ.

ޔޫ.އޭ.އީގައި ފަރިތަކުރުމަށްފަހު މިއަދު ނޭޕާލްގެ ބްރިތުނާގަރަށް ދިއުމަށް ފުރާ ޤައުމީ އަންހެން ޓީމްވަނީ ފަރިތަކުރުމުގެ ގޮތުން އެކުވެރިކަމުގެ ދެ މެޗެއް ޔޫ.އޭ.އީގެ އަންހެން ޤައުމީ ޓީމާއެކު ކުޅެފައެވެ. އެގޮތުން މިމަހުގެ 5ވަނަ ދުވަހު ކުޅުނު މެޗުން 0-2ން ދިވެހި ޓީމް ބަލިވި ނަމަވެސް އިއްޔެ ކުޅުން މެޗުގައި ރަނގަޅު ކުޅުމެއް ދައްކާ ދިވެހި ޓީމުން ވަނީ ޔޫ.އޭ.އީގެ އަންހެން ޓީމް މޮޅުވިޔަނުދީ އެއްވަރުކޮށް އޮވެ މެޗު ނިމެންދެން ހިފަހައްޓާލާފައެވެ. މިއީ ދަތުރު ވަރުބަލި އަދި ދިވެހި ޓީމަށް ދިމާވެފައިވާ ބޮޑު ދެ އިންޖަރީގެ މައްސަލައާ ބަލާފައި ވަރަށް ރަނގަޅު ނަތީޖާއެއްކަން ފާހަގަކޮށްލަން ޖެހެއެވެ. މިއަދު ބްރިތުނާގަރަށް ފުރާ ޓީމް ސާފް މުބާރާތުގައި ފުރަތަމަ ނިކުންނާނީ އިންޑިޔާއާ ދެކޮޅަށް މިމަހުގެ 13ވަނަ ދުވަހުގައެވެ. އެއަށްފަހު 15ވަނަ ދުވަހު ލަންކާއާ ދެކޮޅަށް ދިވެހި ޓީމް ނިކުންނާނެއެވެ.

ފާއިތުވެދިޔަ އަހަރުތެރޭ އިންތިހާއަށް ކުޅުން ރަނގަލު ކޮށްފައިވާ ދިވެހި އަންހެން ޓީމް މިމުބާރާތަށް ނިކުންނާނީ އަނިޔާވެފައިވާ ޓީމުގެ ދިފާއީ ދެ ތަނބު ކަމަށްވާ ސަންފަ އިބްރާހިމް އަދި އައިމިނަތު ޒާހިޔާ (ޒެޑޭ) ނުލައެވެ. ސަންފަގެ ލިގަމެންޓް ސާފް މުބާރާތަށް ފަރިތަކުރުމުގެ ތެރޭގައި ޔޫ.އޭ.އީގައި އިރައިގެންދިޔަ އިރު ޒެޑޭގެ އަތް ބިންދައިގެން ދިޔައީ ޑިސެމްބަރުމަހު ބަހްރެއިންއާ ދެކޮޅަށް ދިވެހި ޓީމް ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. މިއީ ޤައުމީ ޓީމަށް އެންމެ ގިނަ ދުވަހު ކުޅެފައިވާ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދެ ކުޅުންތެރިންކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އެދެކުޅުންތެރިން ނުލާވެސް މިފަދަ ރަނގަޅު ނަތީޖާއެއް ދިވެހި ޓީމް ނެރެފައިވާކަމީ އުފާކުރަންޖެހޭ ކަމެކެވެ. ހާމަވެގެންދަނީ ދިވެހި އަންހެން ޓީމުގެ ހުރި ނުގުޑާފަދަ އަޒުމުގެ ސާބިތުކަމެވެ.

މިކަމުގެ ހެއްކަކަށް މިދިޔަ އަހަރު ޤައުމީ ޓީމް އިންޑޮނީޝިޔާއާ ދެކޮޅަށް ނެރުނު ނަތީޖާތައް ފުދެއެވެ. އެގޮތުން އޮގަސްޓް މަހު އޭޝިއަން ގޭމްސްގައި ދެ ޓީމް ބައްދަލުކޮށްގެން 0-6ން ދިވެހި ޓީމް ބަލިވިއެވެ. އެއަށްފަހު ނޮވެމްބަރުގައި ދެ ޓީމް ކުރިމަތިލީ އޮލިމްޕިކްސް ކޮލިފައިންގައެވެ. މިމެޗުންވެސް ދިވެހި ޓީމްވީ ބައްޔެވެ. ނަމަވެސް ކުރީ މެޗަށް ވުރެ ތަފާތު ކުޑަކޮށެވެ. 1-3ންނެވެ. އޭގެފަހުން މިދިޔައަހަރު ފަހުކޮޅު ދެ ޤައުމު އަނެއްކާވެސް ބައްދަލުކުރަންޖެހުނެވެ. ގަދަހިފުމަކަށެވެ. ސިންގަޕޫރުގައި ބޭއްވުނު ކުއަޑްރަންގިއުލާރ މުބާރާތުގެ ތިންވަނަ މަގާމް ހޯދުމަށެވެ. މިމެޗުގައި ދިވެހި ޓީމުން ދެއްކީ އާދަޔާ ޚިލާފު މޮޅު ކުޅުމެކެވެ. އިންޑޮނީޝިޔާއަށް އެމެޗުން ދިވެހި ޓީމް ބަލި ކުރެވޭނެ އެއްވެސް ގޮތެއް ނުހޯދުނެވެ. އެންމެފަހުން ޕެނަލްޓީޖަހައިގެން ދިވެހި ޓީމް މުބާރާތުގެ ތިންވަނަ ހޮދީ އިންޑޮނީޝިޔާ ޓީމް ބަލިކޮށްފައެވެ. މިއީ ޤައުމީ އަންހެން ޓީމް ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއެވެ. ދިވެހި ތާރީޚުގައި ދިވެހި ޤައުމީ ޓީމެއް ހޯދި އެންމެ ބޮޑު އެއް ކާމިޔާބީވެސްމެއެވެ.

މިފަދަ ހިތަވަރާ ނުގުޑާފަދަ އަޒުމަކާއެކު ދިވެހި އަންހެން ޤައުމީ ޓީމު ސާފު މުބާރާތުގައި ކުޅުމަށް ފުރާއިރު، ޓީމުން އެދެނީ އެންމެ ކަމަކަށެވެ. އެއީ ޤައުމާ ކިތަންމެ ދުރުގައި ކުޅެން ޖެހުނަސް، ޤައުމުގައި ތިބެގެންވިޔަސް ދިވެހި ސަޕޯޓަތުން ޓީމަށް ތަރުހީބުދިނުމަށެވެ. ބޯޅަ.އެމްވީއިން ދިވެހި އަންހެން ޓީމަށް އަންހެނުންގެ ދުވަހުގެ މުބާރިކުބާދީ އަރިސްކުރަމުން ތިޔަކުރާ ހިތްވަރަށް އައްސަރިބަހާއި ސާބަހުން ތައުރީފުކުރަމެވެ. އެދެނީ ސާފު މުބާރާޓުގައި އަޅުގަނޑުމެންގެ ދިވެހި ދިވެހި އަންހެން ޓީމަށް ފަޚުރުވެރި ކާމިޔާބީއެކެވެ.

FAM Maldives National Team Maldives Women's Womens National Team

Leave a Comment:

Comments will be published after moderation.