News
އެންމެ ފަހުން ކްލަބުތަކުން ރައީސްގެ އަރިހަށް ދާން ތައްޔާރު
10 ފެބްރުއަރީ 2021
ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ އައް ކްލަބުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލުން ލީގު ފަށަން ހުއްދަ ދިނުމަށް ކްލަބްތަކުން ގޮވާލައިފި އެވެ. މަޒާޑާ ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުރިހާ ކްލަބުތަކެއްގެ ވެރިންނާއި ކޯޗުން ވަނީ ބައިވެރިވެފަ އެވެ.
އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން ދިވެހި ޕްރިމިއާ ލީގު ފަށައިގެން ކުރިއަށް ދަނިކޮށް ކުއްލިއަކަށް ލީގު މެދުކަނޑާލަން އެންގީ ދެވަނަ ބުރުގެ ފުރަތަމަ ހަފުތާގެ މެޗުތައް ނުނިމެނީސް އެވެ. ކްލަބުތަކުގެ އެންމެ ބޮޑު ވާހަކައަކީ އެކްލަބުތަކުން ދިވެހި ލީގަށް ނިކުމެފައިވަނީ ބޮޑެތި ހަރަދުތަކެއްކޮށް އަދި އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންގެ ދަށުން ހުރިހާ ކަމެއް ފުރިހަމަކޮށްގެންކަމެވެ.
ކުއްލިއަކަށް ލީގު މެދުކަނޑާލިއިރު މާޒިޔާ އަދި ކްލަބް އީގަލްސްއިން އަންނަނީ އޭއެފްސީ ކަޕަށް ތައްޔާރުވަމުންނެވެ. އަންނަ މަހު ގައުމީ ޓީމު ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ޗައިނާ އާއި ދެކޮޅަށް ނިކުންނަން ޖެހެ އެވެ. ފަރިތަކުރުންތައްވެސް ހުއްޓިފައި އޮތުމުން ކުޅުންތެރިންގެ ފިޓްނަސްވެސް ދައްވެގެންދާނެކަން ކޯޗުން ވަނީ ފާހަގަކޮށްފަ އެވެ.
މާޒިޔާގެ ޖެނެރަލް ސެކެޓްރީ އަބްދުލް ވައްހާބު (ވައްކޭ) ވިދާޅުވީ އެޗްޕީއޭއިން ކުޅިވަރުގެ އެއްވެސް އިދާރާއެއްގެ ލަފާ ނެތި މިފަދަ ބޮޑު ނިންމުމެ ނިންމުމުގެ ސަބަބުން ކްލަބުތަކަށް ވަރަށް ބޮޑު ދަތިކަމަކާ ކުރިމަތިވެފައިވާ ކަމަށެވެ. ވައްކޭ އިތުރަށް ވިދާޅުވީ ކްލަބުތަކުން ތިބީ ކުރަން ޖެހުނު ކޮންމެ ކަމެއް ކޮށްގެންވެސް އަލުން ކުޅެން ތައްޔާރަށް ކަމަށެވެ. ލީގު ނުކުޅެ ދިގު ދެމިގެން ދާނަމަ ކްލަބުތަކަށް ފޫނުބެއްދޭ ވަރުގެ މާލީ ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު އެބައޮތްކަމަށް އޭނާ ވިދާޅުވި އެވެ.
މާޒިޔާގެ ފަރާތުން ދެން ވާހަކަ ދެއްކީ އެކްލަބުގެ ސީއީއޯ އަދި އެފްއޭއެމްގެ ނައިބު ރައީސް ހުސެއިން ޝާފިއު (ކޮކީ) އެވެ. އޭނާ ވިދާޅުވީ އެޗްޕީއެގެ ގައިޑްލައިނާ އެއްގޮތަށް ކްލަބުތަކުން އަމަލު ކުރަމުން ދަނިކޮށް ކުއްލިއަކަށް ކޭސްތައް ގިނަވެގެން ފުޓުބޯޅަ ހުއްޓާލުން އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ.
ޓީސީގެ ފަރާތުން ވާހަކަ ދައްކަމުން މުހައްމަދު އީސާ (މޯ) ވިދާޅުވީ ކުރިއާ ހިލާފަށް މިހާރު ފުޓުބޯޅައަށް ގިނަ ކުޅުންތެރިން ބަރޯސާ ވެފައިވާ ކަމަށެވެ. ކުރިން ބޯޅަ ކުޅެނީ ދެވަނަ ވަޒީފާއެއްގެ ގޮތުގައި ކަމަށާއި ނަމަވެސް މިހާރު ކަންކަން ބަދަލުވަމުން އަންނަކަށެވެ. މޯ އިތުރަށް ވިދާޅުވީ ކްލަބުތަކުގެ އޮފިޝަލުންނާއި ކުޅުންތެރިން އެއްކޮށްލައިގެން ބަލާނަމަ މިއީ ބޮޑު އާއިލާއެއް ކަމަށާއި މިކަމުގެ އަސަރު އެތަކެއް ބަޔަކަށް ކުރާނެކަމަށެވެ.
ޔޫވީގެ ފަރާތުން ޕްރެސްގައި ބައިވެރިވި އެކްލަބުގެ ނައިބު ރައީސް މުހައްމަދު ފަސީން ރާފިއު ބުނީ ސީޒަން ފެށީ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށާއި ކްލަބުތަކުން އައީ އެކަންކަން ފުރިހަމަ ކުރަމުން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މިއީ އެތަކެއް ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ބަލައި ވީއެންމެ އަވަހަކަށް ލީގު ފަށަން ހުއްދަ ދޭންޖެހޭ ކަމަށެވެ.
ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލް (މުއާބެ) ބުނީ ފުޓުބޯޅައަކީ މުނިފޫހި ފިލުން ކުރާ ކަމެއްގެ ގޮތުގައި ބައެއް މީހުނަށް ހީވެފައި އޮތަސް އަހަރަކުން 40 މިލިއަން އާއި 50 މިލިއަން އާއި ދެމެދުގެ އަދަދަކަށް ކްލަބުތަކުންނާއި އެފްއޭއެމްއިން ފުރަތަމަ ޑިވިޝަނަށް ހަރަދު ކުރާކަމަށެވެ.
އީގަލްސްގެ ފަރާތުން ވާހަކަ ދައްކަމުން އެކްލަބުގެ ވައިސް ޗެއާމަން މުފާވިޒް ހާޝިމް (މުފާ) ވިދާޅުވީ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކައް ދިމާވެފައިވާ ދިތިތަކުގެ ވާހަކަ ދައްކަމުން ދާއިރު ދެވަނަ ޑިވިޝަން އަދި ތިން ވަނަ ޑިވިޝަންގެ ކްލަބުތަގެ މަތިންވެސް ހަނދާ ނައްތާލެވިގެން ނުވާނެ ކަމަށެވެ. މުފާ އިތުރަށް ބުނީ ވެކްސިން ޖަހައިގެންވެސް ކްލަބުތަކުން ކުޅެން ތައްޔާރުކަމަށެވެ.
ވެލެންސިއާގެ ފަރާތުން ޕްރެސްގައި ބައިވެރިވި އެޓީމުގެ އިސް އޮފިޝަލެއް ކަމުގައިވާ އިލްމާއު ހަސަން (މައު) ވިދާޅުވީ ކްލަބުތަކުން ބިދޭސީ ކުޅުންތެރިންނާއެކު ހަދާފައިވާ އެއްބަސްވުންތަކައް އަމަލު ކުރަން ޖެހޭ ކަމަށާއި އަދި މިގޮތަށް ލީގު މެދުކެނޑިފައި އޮތުމަކީ ކްލަބުތަކުގެ އަތުންވެސް ހިނގާ އިތުރު ހަރަދެއް ކަމަށް މައު ވިދާޅުވި އެވެ.
ކްލަބުތަކުން ވަނީ ޕްރެސް ނިންމާލުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއެކު ބައްދަލުވުމަކަށްވެސް އެދިފަ އެވެ. ކްލަބުތަކުން ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދި ކުޅިވަރާ ބެހޭ ވަޒީރު މަހްލޫފް ދެއްވާ އެއްބާރުލުމަށް ހާއްސް ޝުކުރެއް ދަންނަވާފަ އެވެ.
ފޮޓޯ - ރާއްޖެ އެމްވީ