News
ދިވެހި ލީގު ކުރިޔަށް ގެންދެވޭނެ މަގެއް ހޯދައި ދިނުމަށް ކްލަބުތަކުން އެޗްޕީއޭގައި އެދިއްޖެ
7 ފެބްރުއަރީ 2021
ކޮވިޑް19 އާ ގުޅިގެން އަނެއްކާވެސް ކޮންޓެކްޓްވެގެން ކުޅޭ ކުޅިވަރުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން މަނާ ކުރުމާއި ގުޅިގެން ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ ޓީމުތަކުން ކަންބޮޑުވުން ފާޅު ކޮށް ހައްލެއް ހޯދައި ދިނުމަށް އެޗްޕީއޭގެ ކިބައިން އެދިއްޖެއެވެ.
ކޮވިޑް 19 އާ ގުޅިގެން ކުޅިވަރުތައް މެދު ކަނޑާލާފައި އެއް އަހަރު ވަރު އޮތުމަށްފަހު އަލުން ކުޅިވަރު ކުޅުމުގެ ހުއްދަ ދީފައިވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވުމާއި ގުޅިގެން ކުޅިވަރު ކުޅުމުގެ ހުއްދަދީފައި އޮތުމަށްފަހު އަނެއްކާވެސް އަދަދުތައް މައްޗަށް ދާން ފެށުމުން އެޗްޕީއޭއިން ވަނީ ކުޅިވަރުތައް ކުޅުން މަނާކޮށްފައެވެ.
ޕްރިމިއާ ލީގަކީ އެތައް ދިވެހި ޒުވާނުންނާއި ގުޅިފައިވާ މުބާރާތަކަށްވާތީ ކްލަބުތަކުން ވަނީ ލީގު މެދުކަނޑާލަން ޖެހުމުން އެކަމުގެ ގެއްލުން ކްލަބުތަކާއި ކުޅުންތެރިންނަށް ކުރާތީ އެކަމުގައި ގޮތެއް ހޯދައި ދިނުމަށް އެޗްޕީއޭއަށް ގޮވާލާފައެވެ.
އެގޮތުން ރާއްޖޭގެ މިހާރު އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ އިތުރުން ކްލަބު އީގަލްސް އިން ވަނީ ކަންބޮޑުވުން ފާޅުކޮށް ހޮނިހިރު ދުވަހުގެ ރޭ ނޫސް ބަޔާނެއް ނެރެފައެވެ.
އެދެކްލަބުގެ ބަޔާނުގައި ވެސް ބުނެފައިވަނީ މުބާރާތް ބޭއްވުމުގެ ހުއްދަ އެޗްޕީއޭއިން ދިނުމުން މުބާރާތް ކުރިޔަށްދިޔައީ އެޗްޕީއޭގެ މިންގަނޑާއި އެއްގޮތަށް ކަމަށާއި، ކުލަބުތަކާއި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވެސް އަމަލުކުރަމުން އައިސްފައިވަނީ އެމިންގަނޑުގެ ތެރެއިން ކަމަށެވެ.
ދުނިޔޭގެ އެކިކަން ކޮޅުތަކުގައި ކޮވިޑް19 ހަލުވިކަމާއި އެކު ފެތުރެމުން ދާއިރުވެސް ދުނިޔޭގެ ބޮޑެތި ލީގުތައް މެދު ކަނޑާނުލައި ކުރިޔަށްދާކަން ކްލަބުތަކުން ވަނީ ފާހަގަކޮށްފައެވެ. އެގައުމެއްގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ ތަކުންދޭ އިރުޝާދުގެ ދަށުންމުބާރާތްތައް ކުރިޔަށް ގެންދިއުމަށް ހުއްދަދީފައިވަނީ އެ މުބާރާތްތައް މެދުކަނޑާލައިފިނަމަ ގިނަ ބަޔަކަށް އެކަމުގެ ގެއްލު ތަހައްމަލު ކުރަން ޖެހިދާނެތީ އެގެއްލުމުން ޒުވާނުން ސަލާމަތް ކުރުމުގެތޮތުންކަމަށް އެކުލަބުތަކުން ވަނީ ފާހަގަ ކޮށްފައެވެ.
ހަމަ އެގޮތައް ރާއްޖޭގެ އެތައް ޒުވާނުންނެއް ޕްރޮފެޝަނަލް ކެރިއާ އެއްގެ ގޮތުގައި ފުޓުބޯޅަ އިޚްތިޔާރުކޮށް އެބައިމީހުންގެ ދިރިއުޅުމުގެ ހަރަދުތައް ފުޓުބޯޅަ ކުޅެގެން ލިބޭ އާމްދަނީން ފުއްދައިގެން އުޅޭތީ ފުޓުބޯޅަ މެދު ކެނޑިފައި އޮންނަ ކޮންމެ ދުވަހަކީ އެޒުވާނުންނަށް އަދި ކްލަބުތަކަށް ލިބޭ ވަރަށް ބޮޑު ދެރައެއްކަމަށް ކްލަބުތަކުން ވަނީ ފާހަގަ ކޮށްފައެވެ.
އެހެންކަމުން އެޗްޕީއޭއިން މިކަމާއި މެދު ވިސްނައި ވީހާވެސް އަވަހަށް ލީގު ފެށޭނެ މަގެއް ހޯދައި ދިނުމަށް ކްލަބުތަކުން ވަނީ އެދިފައެވެ. އަދި ލީގު މެދު ނުކެނޑި ކުރިޔަށް ގެންދިޔުމަށްޓަކައި އެފްއޭއެމް އިން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކަށް ކްލަބުތަކުން ވަނީ ތައުރީފު ކޮށްފައެވެ. އަދި ލީގު ކުރިޔަށް ދިޔައިރު ކްލަބުތަކުން ވެސް އެޗްޕީއޭގެ މިންގަނޑަށް އަމަލުކޮށްފައިވާ ކަން ކްލަބުތަކުން ވަނީ ފާހަގަ ކޮށްފައެވެ.
Club Eagles Dhivehi Premier League Maziya Sports and Recreation Club