News
އާ ކޯޗާއި އެކު ޓީސީން ކުޅުނު ފުރަތަމަ މެޗުން ބަލި ވެއްޖެ
2 ފެބްރުއަރީ 2021
ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބު ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކްލަބު ބައްދަލު ކުރި މެޗް 2-0 ގެ ނަތީޖާ އަކުން ޓީސީ ބަލިވެއްޖެ އެވެ.
މިއަދުގެ މެޗް ފަށައިގެން ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަ ހަމަ ކުޅުމެކެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ފުރަތަމަ ހާފުގައި ދެޓީމުން ކުރެ ޓީމަކަށް ގޯލާ އަމާޒިކޮށް ނުރައްކާތެރި ހަމަލާއެއްވެސް ފޮނޮވާލެވިފައި ނުވެއެވެ.
މިއަދު މެޗްގައި ވެލެންސިއާއިން ލީޑު ނެގީ މެޗްގެ 57 ވަނަ މިނެޓުގައެވެ. އެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ހުނަރުވެރި ފޯވާޑް އަލީ ފާސިރު(ސެންޓޭ) އެވެ. ސެންޓޭގެ ލަނޑަށްފަހު ޓީސީން އެމީހުންގެ ކުޅުން ރަނގަޅުކޮށް ވެލެންސިއާގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކޮށްފައިވެއެވެ.
ނަމަވެސް ވެލެންސިއާގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަހްމަދު އިމާޒް(އާއްކޮ) ވަނީ ވެލެންސިއާގެ ލީޑު ފުޅާކޮށްދީފައެވެ. އާއްކޮ މިލަނޑު ކާމިޔާބު ކުރީ މެޗްގެ 90 މިނެޓް ހަމަވާން ފަސް މިނެޓަށް ވެފައިވަނިކޮށެވެ.
މިއަދުގެ މެޗަށް ޓީސީން ނިކުތީ އެޓީމުގެ އާ ކޯޗް މުހައްމަދު ނިޒާމް(ނިޒާމްބެ) އާ އެކު އެވެ. އަދި ވެލެންސިއާއިން މިއަދުގެ މެޗަށް ނިކުތީ އެޓީމުގެ ހެޑްކޯޗް މުހައްމަދު އާތިފް(އާތި) އާ ނުލައި އެޓީމުގެ އެސިސްޓެންޓް ކޯޗް އަހްމަދު އާސިފް(ކުޑަ ހީނާ) އާ އެކު އެވެ.
ލީގު ތާވަލަށް ބަލާއިރު ޓީސީ އޮތީ ތާވަލުގެ ފަސްވަނައިގައި ނުވަ ޕޮއިންޓާއި އެކުއެވެ. އަދި ވެލެންސިއާ އޮތީ 15 ޕޮއިންޓާއި އެކު ތާވަލުގެ ދެވަނައިގަ އެވެ.
Club Valencia Dhivehi Premier League TC Sports Club