News
ތިންވަނަ ޑިވިޝަން ފަށާ ތާރީޚް ފަސްކޮށްފި
1 ފެބްރުއަރީ 2021
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް)އިން ބާއްވާ ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ފަސްކޮށްފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.
މިމަހުގެ ހަތަރުވަނަ ދުވަހު ފެށުމަށް ކުރިން ހަމަޖެއްސި އެ މުބާރާތް މިހާރު ފެށުމަށް މަހަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހު އެވެ. ބޯޅަ އެމްވީއަށް މައުލޫމާތު ދެއްވަމުން އެފްއޭއެމްގެ އޮފިޝަލަކު ވިދާޅުވީ މުބާރާތް ބާއްވާ ތާރީޚް ފަސްކޮށްފައިވަނީ ޓީމުތައް ފަރިތަކުރުމަށް އެކަށީގެންވާ ވަގުތު ލިބިފައި ނުވާތީ ފަރިތަ ކުރުމަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުންނެވެ.
މިއަހަރުގެ މުބާރާތުގައި 15 ޓީމު ވާދަކުރާއިރު، މުބާރާތުގެ އެއްވަނަ ދެވަނަ ހޯދާ ދެޓީމު ދެވަނަ ޑިވިޝަނަށް ޕްރޮމޯޓްވާނެއެވެ. ތިންވަނަ ޑިވިޝަން އެންމެ ފަހުން ބާއްވާފައިވަނީ 2018 ވަނަ އަހަރު އެވެ. އެފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައިވަނީ ރޮކް ސްޓްރީޓްސް ސްޕޯޓްސް ކްލަބުންނެވެ.
މިއަހަރުގެ މުބާރާތް ފަށާމެޗުގައި މި މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 16:00 ގައި ބައްދަލު ކުރާނީ ގްރޫޕް "އެެކެއް"ގެ ޓެންޓް ސްޕޯޓްސް ކްލަބާއި ކްލަބް ބްލޫ ލެޕާރޑް ސްޕޯޓްސް އެވެ. އަދި ހަމަ އެގަޑީގައި ގްރޫޕް "ދޭއް"ގައި ހިމެނޭ ވިލި މާލެ ޔުނައިޓެޑާއި ލޮރެންޒޯ ސްޕޯޓްސް ކްލަބް ވާދަކުރާނެއެވެ. މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ އެފްއޭއެމްގެ ޓާފް 1 އަދި 2 ވަނަ ދަނޑުގައެވެ.
FAM 3rd Division Football Association of Maldives