News
އީގަލްސްގެ ހެޑް ކޯޗަކަށް ޝާޒް ހަމަޖައްސައިފި
31 ޖެނުއަރީ 2021
މި ސީޒަނުގައި ޓީސީގެ ކޯޗުކަމުގެ މަގާމުން ފެނިގެންދިޔަ ރާއްޖޭގެ ފުރަތަމަ ޕްރޯ ލައިސަންސް ކޯޗް މުހައްމަދު ޝާޒްލީ(ޝާޒް) ކްލަބް އީގަލްސްގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި އެވެ.
އީގަލްސްގެ ހެޑް ކޯޗަކަށް ޝާޒް ހަމަޖެއްސިކަން އީގަލްސްގެ އޮފިޝަލް ފޭސްބްކް ޕޭޖުގައި ވަނީ އިއުލާނު ކޮށްފައެވެ. ޝާޒް އަށް މަރުހަބާކިޔައި އީގަލްސް އިން ވަނީ އޭނާއާއި އެކު ޓީމަށް ކުރިއެރުން ލިބޭނެ ކަމަށް އުންމީދު ކުރާކަމަށް ބުނެފައެވެ.
މި ސީޒަނުގައި މާގިނަ މޮޅެތި ކުޅުންތެރިންނާއި ނުލައި އާދައިގެ ޓީމަކާއި އެކު ނިކުތް ޓީސީން ވަނީ ދިވެހި ޕްރިމިއާ ލީގުގައި ރަނގަޅު ކުޅުމެއް ދައްކައިފައެވެ. ނަމަވެސް ޓީމުގެ ޓާގެޓަށް ވާސިލްވާން އެޓީމުން ކުރަން އެއްބަސްވި ބައެއް ކަންކަން ހާސިލް ނުވެ އޮތުމުން ޓީސީގެ މެނޭޖްމަންޓާއި އެކު ދެކެވުނު ވާހަކަ ތަކަށް ފަހު ޓީމާއި ވަކިވާން ޝާޒް ނިންމި ކަމަށް ޓީސީން ވަނީ ބުނެފައެވެ. އަދި ޓީސީގެ ކޯޗަކަށް މުހައްމަދު ނިޒާމް ވަނީ ހަމަޖައްސައިފައެވެ.
އީގަލްސް އަށް ބަލާއިރު މިއަހަރުގެ ސީޒަން ވެސް އެޓީމުން ފެށީ މިދިޔަ ސީޒަނުގައި ވެސް އެޓީމަށް އިރުޝާދު ދެމުން އައި ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) އާއެކު އެވެ. ނަމަވެސް ފުރަތަމަ ބުރު ނިމުނުއިރު އީގަލްސް އޮތީ ތާވަލުގެ ފަހަތުން ދެވަނައިގައެވެ. އެއާއެކު އެޓީމުގެ ކޯޗް ކަމުގެ މަގާމުން މޯހަން ވަނީ އިސްތިއުފާދީ ސްޕަރ ޔުނައިޓެޑްގެ ކޯޗްކަމުގެ މަގާމާއި ހަވާލުވެފައެވެ.
އެންމެ ފަހުން ލީގުގައި އީގަލްސް ކުޅުނު މެޗުން އެޓީމު ވަނީ ޔޫވީ އަތުން 3-2ގެ ނަތީޖާ އަކުން މޮޅުވެފައެވެ.