News

ނިޒާމްބެ އެނބުރި ޓީސީއަށް

29 ޖެނުއަރީ 2021






ޓީސީ ސްޕޯޓްސް ކްލަބަށް ކުރިން އިރުޝާދުދީ ގިނަ ކާމިޔާބީތަކެއް އެޓީމަށް ހޯދައިދީފައިވާ މުހައްމަދު ނިޒާމް(ނިޒާމްބެ) އަލުން އެޓީމަށް ސޮއިކޮށްފިއެވެ. 


ޓީސީގެ ރައީސް އަހްމަދު އައްބާސް(އައްބު) ބޯޅަ އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ނިޒާމްބެ އެޓީމާއި ގުޅިފައިވާ ކަމަށެވެ. މިސީޒަނުގައި ޓީސީއަށް އިރުޝާދު ދެމުން ގެންދިޔައީ ރާއްޖޭގެ ފުރަތަމަ ޕްރޯލައިސަންސް ކޯޗް މުހައްމަދު ޝާޒްލީ(ޝާޒް) އެވެ. ޝާޒްވަނީ މިދިޔަ ހަފުތާގައިއެޓީމުގެ ކޯޗުކަމުން އިސްތިއުފާދީފައެވެ. 


ޝާޒް އިސްތިއުފާދީފައިވާ ސަބަބެއްކަމަށް ޓީސީން ބުނެފައިވަނީ ކޯޗްކަމުގެ މަގާމުން ޝާޒް އިސްތިއުފާދީފައިވަނީ ޓީމާއި އެކު ވާހަކަދެކެވި އަމިއްލައަށް ކަމަށެވެ. 


މި ސީޒަނުގައި ޓީސީން މާގިނަ މަޝްހޫރު ކުޅުންތެރިންތަަކެއް ގެނެސްފައެއް ނުވެއެވެ. ނަމަވެސް އެޓީމުން ވަނީ ސީޒަނުގެ ފުރަތަމަ ބުރުގައި ރަނގަޅު ނަތީޖާތަކެއް ވަރުގަދަ ޓީމުތަކާއި ދެކޮޅަށް ކުޅެ ހޯދައިފައެވެ. ލީގު ތާވަލަށް ބަލާއިރު ޓީސީ އޮތީ ތާވަލުގެ ފަސްވަނައިގައެވެެ. 


ޓީސީ ފުރަތަމަ ޑިވިޝަނަށް ގެންދިއުމުގައި މުހިންމު ރޯލެއް އަދާކޮށް އަދި ބަންގުލަދޭޝުގައި ބޭއްވި މުބާރާތަކުން އެޓީމަށް ޗެމްޕިއަންކަން ހޯދައިދިން ނިޒާމްބެ މިސީޒަނުގައި ފުރަތަމަ ފެނިގެން ގޮސްފައިވަނީ ރާއްޖޭގެ މިހާރުގެ އެއް ނަންބަރު ޓީމު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުންނެވެ. ދެމެޗަށްފަހު ނިޒާމްބެ ވަނީ އެޓީމުގެ ކޯޗުކަމުގެ މަގާމުން އިސްތިއުފާދީފައެވެ. 


މި ސީޒަނުގައި ގިނަ ޓީމުތަކުގެ ކޯޗުން ވަނީ ވަކިވެފައެވެ. އެގޮތުން ކޯޗުން ބަދަލުވި ޓީމުތަކުގެ ތެރޭގައި މާޒިޔާ، އީގަލްސް، ޓީސީ، ޔުނައިޓެޑް ވިކްޓްރީގެ އިތުރުން ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ހިމެނެއެވެ. 



TC Sports Club

Leave a Comment:

Comments will be published after moderation.