News

ފުނަދޫގެ ފުރަތަމަ އެކަޑަމީ ހުޅުވައި ކުދިން ރަޖިސްޓްރީވުމަށް ހުޅުވާލައިފި

25 ޖެނުއަރީ 2021






ށ. ފުނަދޫގައި ހިންގާ ފުރަތަމަ އެކަޑަމީ ރަޖިސްޓްރީކޮށް ކުދިން ބައިވެރި ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. 


ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީގެ ފަރާތުން އެރަށުގައި ފުޓުބޯޅަ ކުޅުންތެރިން އުފެއްދައި، ދުޅަހެޔޮ މުޖުތަމައެއް ބިނާ ކުރުމުގެ މަގުސަދުގައި ކުރިޔަށްގެންދަން ރާފައިވާހަރަކާތް ތަކުގެ ތެރެއިން އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވާ ފުޓުސަލް އަދި ފުޓުބޯޅަ ދަސްކޮށްދިނުމުގެ ހަރަކާތް 8 ކޯޗުންނާއި އެކު އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާކަމަށް އެ އެކަޑަމީން މައުލޫމާތުދެއެވެ. 


ބޯޅަ އެމްވީ އަށް މައުލޫމާދެއްވަމުން ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީގެ މުއައްސިސް ހުސައިން އަރީފް ވިދާޅުވީ 6 އަހަރާއި 16 އަހަރާއި ދެމެދު ކޮންމެ ކުއްޖަކަށް ވެސް އެ އެކަޑަމީގައި މިހާރު ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މަހު ފީއެއްގެ ގޮތުން ކޮންމެ ކުއްޖެއްގެ އަތުން ނެގުމަށް ހަމަޖެހިފައިވަނީ 200 ރުފިޔާގެ ފީއެއް ކަމަށެވެ. ނަމަވެސް އެއްގެއަކުން އެއްކުއްޖަކަށްވުރެ ގިނައިން ރަޖިސްޓްރީ ވާނަމަ ކޮންމެ ކުއްޖެއްގެ އަތުން ނެގުމަށް ނިންމާފައިވަނީ 150 ރުފިޔާ ކަމަށެވެ. މީގެ އިތުރުން ފުނަދޫގައި ސަރުކާރުން ހިންގާ "އަމާން ހިޔާ" ގައި ދިރިއުޅެމުންދާ ކުދިންނަށް ހިލޭ އެ އެކަޑަމީގައި ބައިވެރިކުރުމަށް ނިންމާފައިވާ ކަމަށެވެ. 


އަރީފް ވިދާޅުވީ އެކަޑަމީގައި ކޯޗްކަން ކޮށްދޭނީ އެފްއޭއެމްގެ "ސީ" އަދި "ބީ" ލައިސަންސް ލިބިފައިވާ ތަޖުރިބާ ހުރި ކޯޗުންކަމަށެވެ. އަންހެން އަދި ފިރިހެން ކުދިންނަށް ހުޅުވާލައިގެން ހިންގާ ފުޓްސަލް އަދި ފުޓުބޯޅަ އެކަޑަމީގައި ރަޖިސްޓްރީ ވުމަށް ބޭނުންވާ ކުދިން އެރަށު ހޮސްޕިޓަލް ކައިރީގައި ހުންނަ ފުޑް ގްރޭންޑް ކެފޭ އިން ފޯމް ނެގުމަށްފަހު ހުށަހެޅުމަށް ޔުނިޓީ ސްޕޯޓްސް އިން އެދެއެވެ. އަދި އިތުރު މައުލޫމާތު ބޭނުންވާ ނަމަ 7908877، 7963356، 7392158 އަދި 9119311 އަށް ގުޅައިގެން މައުލޫމާތު ސާފު ކުރުމަށް އެކަޑަމީން ވަނީ އެދިފައެވެ. 


އަރީފް ވިދާޅުވީ ޔުނިޓީ ސްޕޯޓްސް އެކަޑަމީން ވަރަށް ގިނަ ކުޅިވަރުތައް ހިންގަން ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ފުރަތަމަ ފުޓުސަލް އަދި ފުޓުބޯޅައިން ފަށައި ކުރިޔަށް އޮތްތާނގައި އެހެން ކުޅިވަރުތައް ކުރިޔަށް ގެންދިޔުމަށް މަހަޖެހިފައިވާކަމަށެވެ. 

football

Leave a Comment:

Comments will be published after moderation.