News
މި ސީޒަނުގައި ވެލެންސިއާ ބަލިކުރި ފުރަތަމަ ޓީމަކަށް "ދަ ގްރާންޑޭ"
16 ޖެނުއަރީ 2021
މިއަހަރުގެ ދިރާގް ދިވެހި ޕްރިމިއާ ލީގުގައި މިއަހަރު ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކްލަބް ވެލެންސިއާ އާއި ދަ ގްރާންޑޭ މިއަދު ހަވީރު ބައްދަލުކުރި މެޗް ދަގްރާންޑޭއިން ކާމިޔާބު ކޮށްފިއެވެ. ދަގްރާންޑޭއިން މިއަދުގެ މެޗް ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މިމޮޅާއި އެކު ދަގްރާންޑޭ ވަނީ ނުވަ ޕޮއިންޓާއި އެކު ތާވަލުގެ ތިންވަނަ އަށް ޖެހިލައިފައެވެ. މިއަދުގެ މެޗުން ބަލިވި ނަމަވެސް ވެލެންސިއާ އޮތީ 11 ޕޮއިންޓާއި އެކު ތާވަލުގެ ދެވަނައިގައެވެ.
މިއަދުގެ މެޗްގައި ޖެހި ތިން ގޯލު ވެސް ފެނިގެންދިޔައީ މެޗްގެ ފަހު ހާފުގައެވެ. ދަގްރާންޑޭގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެގޮތުގައި ކުޅެންއެރުވި އެޓީމުގެ ހަލުވި ފޯވާޑް އަޔާޒް އަހްމަދު އެވެ.
އަޔާޒް ގޯލް ޖެހިތާ ދެމިނެޓްފަހުން ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގް(ދަގަނޑޭ) ވަނީ ވަރަށްރީތި ގޯލެއްޖަހައި ވެލެންސިއާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ވެލެންސިއާއިން ނަތީޖާ ހަމަ ހަމަ ކުރިތާ މާގިނައިރުތަކެއްނުވެ ދަ ގްރާންޑޭގެ ބިދޭސީ ކުޅުންތެރިޔާ އަޚްރޯރް އުމަރުޖޮނޯވް ވަނީ އަނެއްކާވެސް ދަ ގްރާންޑޭއަށް ލީޑު ނަގައިދީފައެވެ.
މިއަދުގެ މެޗް އެއްވަރު ކުރަން މެޗް ނިމެން މިނެޓަކަށްވެފައިވަނިކޮށް ވެލެންސިއާއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ދަ ގަރާންޑޭގެ ބިދޭސީ ޑިފެންޑަރު އަތުން ބޯޅައިގައި ޖެއްސިކަމަށް ބުނެ ރެފްރީވަނީ ވެލެންސިއާ އަށް ޕެނަލްޓީއެއް ދީފައެވެ. އެޕެނަލްޓީ އަލީ ފާސިރު(ސެންޓޭ) ގޯލަށް ފޮނޮވާލި ނަމަވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެއަށްފަހު އެބޯޅަ ދަގަނޑޭއަށް ލިބުނު ނަމަވެސް އޭނާގެ ފައިގައި ޖެހި އެބޯޅަ ދިޔައީ ބޭރަށެވެ.
މިއަދުގެ މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަ ހަމަ ކުޅުމެކެވެ. ލީގުގައި މިރޭ ކުޅޭނީ ޔުނައިޓެޑް ވިކްޓްރީ އާއި އަލަށް ލީގަށް ކޮލިފައިވި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް(ސަސް) އެވެ. މިމެޗް އޮންނާނީ މިރޭ 21:00 ގައެވެ.