News
މާޒިޔާގެ ކޯޗް ކަމުގެ މަގާމުން ނިޒާމްބެ އިސްތިއުފާ ދީފި
27 ޑިސެންބަރު 2020
މިސީޒަނުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ހެޑް ކޯޗް ކަމާއި ހަވާލުވި މުހައްމަދު ނިޒާމް(ނިޒާމްބެ) އެމަގާމުން އިސްތިއުފާ ދީފި އެވެ.
އިސްތިއުފާދިން ކަން އިއުލާނުކޮށް ނިޒާމްބެ އޭނާގެ ފޭސްބުކް ގައި ބުނެފަިއިވަނީ އެންމެ ފަހުން މާޒިޔާކުޅުނު މެޗްގެ ނަތީޖާއަށް ބަލައި އިތުރަށް އެމަގާމުގައި ހުންނަން ނުފެންނާތީ އެމަގާމުން ވަކިވުމަށް ނިންމާފައިވާ ކަމަށެވެ. ނިޒާމްބެ ވަނީ މާޒިޔާގައި ހޭދަކުރި ދުވަސްތަކުގައި ކުޅުންތެރިންނާއި ޓީމުގެ މެނޭޖްމަންޓްގެ ފަރާތުން ލިބުނު އެއްބާރުލުމަށްޓަކައި އެކަމަށް ޝުކުރު އަދާކޮށްފައެވެ.
ނިޒާމްބެގެ އިސްތިއުފާއާއި ގުޅިގެން މާޒިޔާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ކްލަބުގެ ހެޑްކޯޗްކަމުގެ މަގާމުގައި ހުރި މުހައްމަދު ނިޒާމް އިސްތިއުފާ ދިނުމަށް ހުށަހަޅާފައިވާތީ، އެކުލަބުގެ މެނޭޖްމަންޓުން އެކަން ގަބޫލުކޮށްފައިވާ ކަމަށެވެ. މާޒިޔާއިން ވަނީ އެޓީމަށް ނިޒާމްބެ ކޮށްދީފައިވާއަގުހުރި މަސައްކަތް ފާހަގަ ކޮށް އެކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.
މާޒިޔާއިން ބުނީ އެޓީމަށް ހެޑްކޯޗެއް އައްޔަނު ކުރަންދެން އެޓީމުގެ ހެޑް ކޯޗުގެ ޒިންމާ އަދާކުރާނީ އެޓީމުގެ އެސިސްޓެންޓް ކޯޗްގެ މަގާމު އަދާކުރަމުން ގެންދާ އަހްމަދު ސުޒައިރު(ކޮއްކޮ) ކަމަށެވެ.
ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް މާޒިޔާއިން ތިން މެޗް ކުޅެފައިވާއިރު ފުރަތަމަ މެޗުން ޔުނައިޓެޑް ވިކްޓްރީ އަތުން މޮޅުވީ 4-0 ގެ ނަތީޖާ އަކުންނެވެ. ދެވަނަ މެޗް ކްލަބް ގްރީން ސްޓްރީޓާއި އެކު ކުޅެ 7-1 ގެ ނަތީޖާ އަކުން މޮޅުވިއިރު ތިންވަނަ މެޗް ވެލެންސިއާ އާއެކު ކުޅެވީ އެއްވަރެވެ.
މި ސީޒަނުގައި މިހާތަނަށް ކުޅުނު މެޗްތަކަށް ބަލާނަމަ އެއްވެސް ޓީމަކަށް މާ ތަފާތު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ލީގު ތާވަލަށް ބަލާއިރު މާޒިޔާ އޮތީ ތާވަލުގެ އެއްވަނައިގައެވެ. އެޓމަށްވަނީ ހަތް ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ވެލެންސިއާ އަށް ވެސް ހަތް ޕޮއިންޓް ލިބިފައިވީނަމަވެސް މާޒިޔާ އަށް އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. އެޓީމަށް ފައިދާ 10 ގޯލް ލިބިފައިވާއިރު ވެލެންސިއާއަށް އޮތީ ފައިދާ ފަސްގޯލެވެ.