News
ލީގު ހޯދަން ބޭނުންވާ ނަމަ މިއަދުގެ މެޗަކީ އީގަލްސްއަށް މުހިންމު މެޗެއް: މޯހަން
25 ޑިސެންބަރު 2020
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭ އާއި ކްލަބް އީގަލްސް ބައްދަލުކުރާ މެޗަކީ އީގަލްސް އިން ލީގުގައި އިތުރަށް ކުރިއަށް ދާން ވަރަށް މުހިންމު މެޗެއްކަމަށް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް މޯހަން ބުނެފިއެވެ.
މެޗްގެ ކުރިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޯހަން ބުނީ ލީގުގައި އީގަލްސް އިން ކުޅުނު ދެމެޗުން ބަލިވެފައިވުމުން މިއަދުގެ މެޗް ކާމިޔާބު ކުރަން ޓީމުގެ ކުޅުންތެރިން ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ. މޯހަން ބުނީ ޓީމުގެ ބައެއް ކުޅުންތެރިންގެ އިންޖަރީތައް ހުރި ނަމަވެސް ޖުމުލަކޮށް ބަލާނަމަ ގިނަ ކުޅުންތެރިން މިއަދުގެ މެޗަށް ފިޓްކަމަށެވެ.
މޯހަންބުނީ އީގަލްސް އަށް މިދިޔަ ދެމެޗުގައި ވެސް މެޗް ޑޮމިނޭޓް ކުރީ އީގަލްސް އިން ކަމަށާއި ނަމަވެސް އެޓީމަށް އެންމެ ބޮޑަށް ދިމާވި މައްސަލަކީ ގޯލަށް އަންނަ ބޯޅަތައް ނުހިފެހެއްޓުމާއި ނިންމާލުމުގެ މައްސަލަތައް ކަމަށެވެ. އެހެންކަމުން މިއަދުގެ މެޗަށް އެކަން ކަން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކުޅުންތެރިން ކުރާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
އީގަލްސްގެ މިދިޔަ ދެމެޗްގައި ގޯލްސް ބެލެހެއްޓީ ކީޕަރު މުހައްމަދު ސިނާހްގެ ބަދަލުގައި މިއަދުގެ މެޗްގައި އެހެން ކީޕަރެއް ފެނިގެންދާނެކަމަށް މޯހަން ބުންޏެވެ. އަދި އެޓީމުގެ ޒުވާން ކުޅުންތެރިޔާ ރާއިފް އަހްމަދު(ހަންނަ) މިއަދުގެ މެޗަށް ފިޓްވެފައިވާ ކަމަށްވެސް ކޯޗް މޯހަން ބުންޏެވެ.
ލީގުގައި އީގަލްސް އެންމެ ފުރަތަމަ ކުޅުނު މެޗުން އެޓީމު ބަލިވީ އަލަށް ލީގަށް ކޮލިފައިވި ސުޕާ ޔުނައިޓެޑް ސްޕޯޓްސް(ސަސް) އަތުން 1-0 ގެ ނަތީޖާ އަކުންނެވެ. އަދި އެޓީމު ކުޅުނު ދެވަނަ މެޗުން ޓީސީ އަތުން ވެސް ބަލިވީ ހަމަ އެނަތީޖާއިންނެވެ. މި ދެމެޗުގައި ވެސް އީގަލްސް އިން ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ. އީގަލްސް އާއި ދަ ގްރާންޑޭބައްދަލުކުރާ މެޗް އޮންނާނީ މިއަދު ހަވީރު 16:00 ގައެވެ.
Club Eagles Dhivehi Premier League