News
އެންމެ ގިނަ ގޯލްޖެހި ލިސްޓުގެ އެއްވަނަ އަސަދުއްﷲ އަށް
22 ޑިސެންބަރު 2020
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިހާރު ދެހަފްތާގެ ކުޅުން ނިމިފައިވާއިރު އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނަ މާޒިޔާގެ ކެޕްޓަން އަސަދުއްﷲ އަބްދުއްﷲ ހިމެނިއްޖެއެވެ.
ލީގުގައި ދެހަފްތާގެ ކުޅުން ނިމިފައިވާއިރު ކޮންމެ ޓީމެއްވަނީ ދެ މެޗް ކުޅެފައެވެ. އަސަދުއްﷲ އަށް އެއްވަނަ ލިބެނީ ކުޅުނު ދެމެޗުން ހަތަރު ގޯލް ޖަހައިގެންނެވެ. ލަނޑު ލިސްޓުގައި ދެން އެންމެ ގިނަ ގޯލް ޖަހާފައިވަނީ ރާއްޖޭގެ އެއް ނަންބަރު ކުޅުންތެރިޔާ ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގް(ދަގަނޑޭ) އާއި އެޓީމުގެ އަލީ ފާސިރު(ސެންޓޭ) އެވެ. މި ދެކުޅުންތެރިންގެ ތެރެއިން ކޮންމެ ކުޅުންތެރިއެއް ވަނީ ދެގޯލް ކާމިޔާބު ކޮށްފައެވެ.
ލީގުގައި މާޒިޔާ ކުޅުނު އެންމެ ފުރަތަމަ މެޗް ޔުނައިޓެޑް ވިކްޓްރީ އާއި ދެކޮޅަށް ކުޅެފައިވާއިރު މާޒިޔާ ވަނީ އެމެޗް 4-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. އެމެޗުގައި އަސަދުއްﷲ ވަނީ ދެގޯލް ކާމިޔާބުކޮށްފައެވެ. ދެން އެޓީމު ކުޅުނީ ގްރީން ސްޓްރީޓްސް އާ އެކު އެވެ. އެމެޗް މާޒިޔާއިން 7-1 ގެ ނަތީޖާއިން ކާމިޔާބުކޮށްފައިވާއިރު އެމެޗުގައިވެސް އަސަދުއްﷲ ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ.
ދަގަނޑޭ އާއި ސެންޓޭ މި ދެކުޅުންތެރިންނަށް ބަލާއިރު ދަގަނޑޭ ވަނީ ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް ބައްދަލު ކުރި މެޗްގައި ޖެހި ހަމަ އެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދީ ގްރީންގެ މައްޗަށް ކުރި ހޯދައި ދީފައެވެ. ދެން ވެލެންސިއާ ބައްދަލުކުރީ ޔުނައިޓެޑް ވިކްޓްރީ އާއެވެ. އެމެޗް ވެލެންސިއާއިން ކާމިޔާބު ކުރީ 4-0 ގެ ނަތީޖާ އަކުންނެވެ. ވެލެންސިއާއިން ކާމިޔާބު ކުރި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ސެންޓޭ ކާމިޔާބު ކޮށްފައިވާއިރު ދަގަނޑޭވަނީ އެމެޗުގައި ލަނޑެއް ކާމިޔާބުކޮށްފައެވެ. އެހެން ކަމުން މިހާރުގެ ލަނޑު ލިސްޓުން މި ދެކުޅުންތެރިން އުޅެނީ އެއް ހަމައެއްގައެވެ. ކޮންމެ ކުޅުންތެރިއަކު ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ.
މިއަހަރުގެ ލީގަށް ބަލާއިރު ކޮވިޑް 19 އާ ގުޅިގެން ކުޅިވަރު މެދު ކަނޑާލާފައި އޮތުމަށްފަހު މި މަހު ފެށި އިރު ގިނަ ޓީމުތައް މުބާރާތަށް ވާންޖެހޭ އެންމެ ބޮޑަށް ތައްޔާރު ވެފައި ނުވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ކުޅުތެރިންގެ ކުޅުންދައްވެ މުބާރާތުގެ ފޯރި ކުޑަކަން ފާގަކުރެވުނެވެ. ނަމަވެސް ދެވަނަ ރައުންޑާއި ހިސާބުން ކުޅުންތެރިންނާއި ޓީމުތައް މިއަށްވުރެ ބޮޑަށް މުބާރާތަށް ސީރިއަސްވެ މުބާރާތުގެ ފޯރި ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ.