News
މާޒިޔާ އަތުން ގްރީން ސްޓްރީޓްސް ބޮޑު ތަފާތަކުން ބަލިވެއްޖެ
19 ޑިސެންބަރު 2020
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އަތުން ބޮޑު ތަފާތަކުން ކްލަބް ގްރީން ސްޓްރީޓްސް ބަލިވެއްޖެއެވެ. މި މެޗް މާޒިޔާއިން ކާމިޔާބު ކުރީ 7-1 ގެ ނަތީޖާ އަކުންނެވެ.
މިރޭގެ މެޗް ފެށުނީއްސުރެ ނިމެންދެން ވެސް ގްރީންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ދަށް ކުޅުމެކެވެ. އެކަމުގެ ފައިދާ ނަގައި މާޒިޔާ އިން ފުރަތަމަ ހާފް ނިންމާލީ 2-0 ގެ ނަތީޖާ އަކުންނެވެ. ފުރަތަމަ ހާފުގައި ގްރީން ސްޓްރީޓަށް ގޯލާއި އަމާޒުކޮށް ފޮނޮވާލެވިފައިވަނީ އެންމެ ދެހަމަލާ އެވެ.
މާޒިޔާއިން ފަސް ހަމަލާ ގޯލާއި އަމާޒުކޮށް ފޮނޮވާލާފައިވާއިރު، ފުރަތަމަހާފު ޑޮމިނޭޓުކޮށްގެން ކުޅެފައިވަނީ މާޒިޔާއިންނެވެ. ފުރަތަމަ ހާފުގައި މާޒިޔާއިން ދެގޯލް ކާމިޔާބުކޮށްފައިވާއިރު ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ނާއިޒް ހަސަން(ދާދު) އެވެ. އޭނާ މިލަނޑު ކާމިޔާބުކޮށްފައިވަނީ މެޗްގެ 16 ވަނަ މިނެޓުގައެވެ.
ދެވަނަ ލަނޑު މެޗުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަސަދުއްﷲ އަބްދުއްﷲ(އަސަކޮ) އެވެ.
ދެވަނަ ހާފްގެ ކުޅުންފަށައިގެން މާޒިޔާ ފެނުނުނީ ފުރަތަމަ ހާފަށް ވުރެ ބޮޑަށް އިތުބާރާއި އެކު ކުޅެމުންދިޔަ ތަނެވެ. މިރޭގެ މުޅި މެޗްގައި ކަހަލަ ގޮތަކަށް މާޒިޔާ ފެނިގެންދިޔައީ ޕާސްކޮށްގެން ޓީމެއްގެ ގޮތުގައި ހުރިހާކުޅުންތެރިންވެސް އިތުބާރާއި އެކު ކުޅެމުންދިޔަ ތަނެވެ. ނަމަވެސް އެއާ ހިލާފަށް ގްރީންސްޓްރީޓްސް ފެނިގެންދިޔައީ މެޗުގެ ތެރެއަށް ނުވަދެވި ގިނަ މިސްޕާސްތަކެއް ދީ ޓީމެއްގެ ގޮތުގައި ނުކުޅެވި ޕްރެޝަރުގައި ކުޅެމުން ދިޔަކަހަލަ މަންޒަރެކެވެ. އޭގެ ފައިދާ ނަގައި މާޒިޔާއިން ވަނީ މެޗްގެ ފުރިހަމަ ވަގުތު ހަމަވި އިރު 7-1ގެ ނަތީޖާއިން ކުރިހޯދައި ގްރީންސްޓްރީޓް މުޅިން މާޔޫސްކޮށްލާފައެވެ.
މާޒިޔާއިން ފަހު ހާފުގައި ފަސް ލަނޑުކާމިޔާބުކޮށްފައިވާއިރު، އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ އިބްރާހިމް އައިސަމްއެވެ. މާޒިޔާއިން ތިންލަނޑު ކާމިޔާބުކޮށްފައިވަނިކޮށް ގްރީން ސްޓްރީޓުގެ ހަސަން ނަޒީމް(ޗޯޓު)ގެ އެހީތެރިކަމާއި އެކު އެޓީމުގެ ހަމަ އެކަނި ގޯލް ކާމިޔާބުކޮށްދިނީ އެންޖަލް ކަރަސްކޯސާ މުނޯޒް އެވެ. އޭނާ މިލަނޑު ކާމިޔާބުކުރީ މެޗްގެ 58 ވަނަ މިނެޓުގައެވެ.
މުނޯޒް ލަނޑު ޖެހިތާ މިނެޓުވެސް ހަމަނުވަނީސް މާޒިޔާއިން ވަނީ އަނެއްކާވެސް ގޯލެއްޖަހައި ލަނޑުގެ ފަރަގު ބޮޑުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކުރީ ދެވަނަ ލަނޑު ކާމިޔާބުކޮށްދިން އެޓީމުގެ ކެޕްޓަން އަސަކޮ އެވެ. މާޒިޔާގެ ފަސްވަނަ ގޯލް މެޗްގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށް ދިނީ މުހައްމަދު އިރުފާން އެވެ. ފަހު ދެލަނޑުކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެންއެރި ބިދޭސީ ކުޅުންތެރިޔާ ކޯނެލިޔަސް އެޒެކިއެލް ސްޓެވާޓް އާއި އެޓީމުގެ ހަމްޒާ މުހައްމަދު(ހަމްޕު) އެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާޒިޔާގެ ނާއިޒް ހަސަން(ދާދު) އެވެ.
މިރޭގެ މެޗުން ގްރީން ބޮޑު ތަފާތަކުން ބަލިވިއިރު، އެޓީމް ލީގުގައި މިދިޔަ ހަފްތާގައި ކުޅުނު މެޗުންވެސް ވަނީ ބަލިވެފައެވެ. އެމެޗުން އެޓީމް ބަލިވީ ވެލެންސިއާ އާއި ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާ އަކުންނެވެ. އެމެޗުގައި ގްރީން އިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މާޒިޔާ އަށް ބަލާއިރު އެޓީމު ވަނީ އެމީހުންގެ ފުރަތަމަ މެޗުން 4-0ގެ ނަތީޖާއަކުން ޔުނައިޓެޑް ވިކްޓްރީ(ޔޫވ) ބަލިކޮށްފައެވެ. މިރޭގެ މޮޅާއި އެކު މާޒިޔާ ވަނީ ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލާފައެވެ.
Club Green Streets Dhivehi Premier League Maziya Sports and Recreation Club