News
ޔޫވީ ބަލިކޮށް ކުޅުނު ދެވަނަ މެޗުންވެސް ވެލެންސިޔާ އަށް މޮޅެއްް
19 ޑިސެންބަރު 2020
ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުލަބު ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓްރީ(ޔޫވީ) ބައްދަލު ކުރި މެޗް ކުލަބު ވެލެންސިއާއިން ކާމިޔާބު ކޮށްފި އެވެ. މި މެޗް އެޓީމުން ކާމިޔާބު ކުރީ 4-0ގެ ނަތީޖާ އަކުންނެވެ.
މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަ ހަމަ ކުޅުމެކެވެ. ޔޫވީގެ ގޯލަށް އަމާޒުކޮށް ވެލެންސިއާ އިން ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް އެހުރިހާ ހަމަލާއެއް ޔުވީ އިން ވަނީ ނާކާމިޔާބުކޮށްލާފައެވެ. އަދި ޔޫވީން ވެސް ވަނީ ލަނޑު ޖަހަން ގިނަ ހަމަލާތަކެއް އުފައްދާފައެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ޔޫވީގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ޑިފެންސިވް ކުޅުމެކެވެ. ނަމަވެސް މެޗްގެ ފުރަތަމަ ހާފު ނިމެން ކުޑަވަގުތުކޮޅަކަށް ވެފައިވަނިކޮށް ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ދެކުޅުންތެރިން ބީޓްކުރުމަށްފަހު ގޯލް ކުރިމަތިން އަލީފާސިރް(ސެންޓޭ) އަށް ދިންބޯޅައެއް ގޯލް ކުރިމަތިން ތިރިތިރިން ފުދޭވަރަކަށް ބާރަށް ފޮނޮވާލި ބޯޅަ ގޯލްތެރެއަށް ވައްދާލައިގެން ވެލެންސިއާއިން ވަނީ މެޗްގެ ލީޑް ނަގައި 1-0 އަށް ނަތީޖާ ބަދަލުކޮށްލާފައެވެ.
އޭގެ ފަހުން ވެސް ދަގަނޑޭ ވަނީ ގޯލާ އަމާޒްކޮށް ހަމަލާއެއް ފޮނޮވާލާފައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.
ދެވަނަ ހާފްގެ ކުޅުން ފެށީ ޔޫވީންއިންނެެވެ. ދެވަނަ ހާފް ފަށައިގެން ވެލެންސިޔާއިން ވަނީ ޔޫވީގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ޔޫވީގެ ޑިފެންސްއިން ވަނީ އެހަމަލާ ނާކާމިޔާބުކޮށްލާފައެވެ.
ދެވަނަ ހާފްފެށިގެން މެޗްގެ 51 ވަނަ މިނެޓުގައި ވެލެންސިއާ އިން ވަނީ މެޗްގެ ލީޑް ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދަގަނޑޭ އެވެ. ދަގަނޑޭގެ މިލަނޑަކީ ވެލެންސިއާގެ ކުރިޔަށް ކުޅެމުން އަންނަ ހުސެއިން ނިޔާޒް(ބޮކުރީ) ޕެނަލްޓީ އޭރިޔާ ބޭރުން ނަގައިދިން ޖެހުމެއް ދަގަނޑޭ ބޮލުން ގޯލްތެރެއަށް ފޮނޮވާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ.
ދެވަނަ ހާފްގައި ފެނިގެންދިޔައީ ވެލެންސިއާ އިން ފުރަތަމަ ހާފަށް ވުރެ ކުޅުން ރަނގަޅުކޮށް ބޯޅަ ގިނަ ވަގުތު ހިފަހައްޓާލައިގެން ކުޅެމުންދިޔަ މަންޒަރެވެ. އެގޮތުން ޔޫވީގެ ގޯލަށް ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނޮވާލާފައެވެ. ނަމަވެސް ދެވަނަ ގޯލަށްފަހު ޔޫވީން މެޗްޑޮމިނޭޓްކޮށްގެން ކުޅުނުތަން ފެނިގެންދިޔައެވެ. އެހެން ނަމަވެސް މެޗްގެ 69 ވަނަ މިނެޓުގައި ވެލެންސިއާގެ ސެންޓޭވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށް ލީޑު އިތުރަށް ފުޅާކޮށްފައެވެ. އޭގެ މާގިނަ އިރެއްނުވެ ޔޫވީގެ އަހްމަދު ރަޝީދު(އައްމަޑޭ) އަދި ބިދޭސީ ކުޅުންތެރިޔާ ޓޯނީ ވަނީ ވެލެންސިއާގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ދެ ހަމަލާ އެއް ފޮނޮވާލާފައެވެ.
މެޗުގެ 80 ވަނަ މިނެޓުގައި އަނެއްކާވެސް ވެލެންސިއާ އިން ވަނީ ގޯލެއް ޖަހާ ނަތީޖާ 4-0 އަށް ބަދަލުކޮށްލާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އަބްދުއްﷲ މިދުހަތު އެވެ. ޔޫވީގެ އިސްމާއިލް ފަރުހާދު(ފަރޭ)ވަނީ ބާރު ހަމަލާއެއް ވެލެންސިއާގެ ގޯލާ އަމާޒުކޮށް ފޮނޮވާލާފައެވެ.
ނަމަވެސް ވެލެންސިއާގެ ކީޕަރު ޝަފީއު ވަނީ އެހަމަލާ ވަރަށް ހުށިޔާރުކަމާއި އެކު ދިފާއުކޮށްފައެވެ. މިއަދުގެ މެޗް 4-0 ގެ ނަތީޖާ އަކުން ވެލެންސިއާ އިން ވަނީ ކާމިޔާބުކޮށްފައެވެ. މިމެޗުގައި ވެލެންސިއާގެ ކެޕްޓަން އަޝްފާގުވަނީ އޭނާގެ ތަޖުރިބާގެ ބޭނުންކޮށް ޓީމުލައްވައި ރަނގަޅު ކުޅުމެއް ކުޅުވައި ގޯލްތައް ކާމިޔާބު ކުރުމަށް ވެސް އެހީތެރިވެދީފައެވެ.
ލީގުގައި މިޔަ ހަފްތާގައި ވެލެންސިއާ އާއި ކުލަބު ގްރީން ސްޓްރީޓްސް ބައްދަލު ކުރި މެޗް ވެލެންސިއާ އިން ވަނީ ކާމިޔާބުކޮށްފައެވެ. އެ މެޗް ވެލެންސިއާ އިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާ އަކުންނެންވެ. ޔޫވީ ކުޅުނު މެޗުން އެޓީމުވަނީ 4-0 ގެ ނަތީޖާ އަކުން މާޒިޔާ އަތުން ބަލިވެފައެވެ. ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.
Club Valencia Dhivehi Premier League DPL2019-20 United Victory