News

މިރޭގެ މެޗަކީ ގްރީން ސްޓްރީޓަށް އެންމެ އުނދަގޫވާނެ މެޗް: ކޯޗު ނިސްތާރު

19 ޑިސެންބަރު 2020






މިއަދު ގްރީން ސްޓްރީޓްސް އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ދެކޮޅަށް ނިކުންނަ މެޗަކީ ލީގުގައި ކުޅޭނެ އެންމެ އުނދަގޫ މެޗު ކަމަށް ކްލަބު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފިއެވެ.

މިއަދުގެ މެޗުގެ ތައްޔާރީތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ނިސްތާރު ބުނީ ސްކޮޑްގެ ގޮތުން ބެލިޔަސް މާޒިޔާ އަކީ ލީގުގެ އެންމެ ވަރުގަދަ 

ޓީމުކަމަށާއި، އެހެންނަމަވެސް ގްރީން ސްޓްރީޓުން މެޗަށް ނިކުންނާނީ މާޒިޔާ އަތުން މޮޅުވެ ތިން ޕޮއިންޓް ހޯދުމުގެ އަޒުމުގައި ކަމަށެވެ.

ގްރީން ސްޓްރީޓަކީ ލީގުގައި ވާދަކުރާ ވަރުގަދަ ޓީމެއްކަން މި މެޗުން ސާބިތުކޮށްދޭނެ ކަމަށްވެސް ކޯޗު ނިސްތާރު ފާހަގަކުރި އެވެ.

ގްރީން ސްޓްރީޓުން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައިވެސް ނިކުތީ ސްކޮޑްގެ ގޮތުންނާއި ތަޖްރިބާގެ ގޮތުން ބަލާއިރު ވަރުގަދަ ޓީމަކާއި ދެކޮޅަށެވެ. އެއީ ކްލަބު ވެލެންސިއާއެވެ. އަލީ އަޝްފާގާއި އަކްރަމް އަބްދުލްޣަނީ އަދި އަލީ ފާސިރު ފަދަ ކުޅުންތެރިންގެ ސަބަބުން އެ މެޗުވެސް ގްރީން އަށް އުނދަގޫވި އެވެ. ނަމަވެސް ގްރީންއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.  އެހެންނަމަވެސް އަޝްފާގުގެ ލަނޑުން މެޗު ނިމުނީ 1-0 ގްރީން ބަލިވެގެންނެވެ.

ގްރީން ސްޓްރީޓާއި  ދެކޮޅަށް ނިކުންނަން ތައްޔާރުވާއިރު މާޒިޔާއިން ގްރީން އިން ކުޅުނު ފުރަތަމަ މެޗަށް މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުންޏެވެ.

ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ބުނީ މާޒިޔާއިން ބަލާނީ ގްރީން ސްޓްރީޓްގެ ގޭމާއި އެ ގޭމް ޕްލޭން ރާވާލާފައި އޮންނަ ގޮތަކަށް ކަމަށެވެ. އަދި އެޓީމުގެ ވައްޓަފާޅިއަށް މާޒިޔާއިން ވަރަށް ބޮޑަށް ފާރަވެރިވާނެ ކަމަށާއި ގްރީން ސްޓްރީޓަކީ ބަލި ޓީމެކޭ ނުބުނެވޭނެ ކަމަށްވެސް ނިޒާމްބެ ފާހަގަ ކުރިއެވެ.

ނިޒާމްބެ ބުނީ ޗެރިޓީ ޝީލްޑް މެޗުގެ ނަތީޖާއަށް ފަހު މާޒިޔާގެ ކުޅުންތެރިންގެ ފަރާތުން ގިނަ މިސްޓޭކްތައް ރަނގަޅުކޮށްފައިވާ ކަމަށެވެ. 

މާޒިޔާ އާއި ދެކޮޅަށް ގްރީން ސްޓްރީޓުން ނިކުންނަ މެޗު އޮންނާނީ މިރޭ 21:00 ގައެވެ. މި މެޗު ޔޭސް ޓީވީން ވަގުތުން ދައްކާނެއެވެ. 
ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު 16:00 ގައި ނިކުންނާނީ ކްލަބު ވެލެންސިއާ އާއި (ޔުނައިޓެޑް ވިކްޓަރީ) ޔޫވީ އެވެ. 

ފޮޓޯ: އެފްއޭއެމް 

Club Green Streets Maziya Sports and Recreation Club

Leave a Comment:

Comments will be published after moderation.