News

ޅައިމަގު ޒުވާނުން ފުޓްސަލް ދަނޑު ނިންމައިދޭން އެދި މުޒާހަރާ ކުރަނީ

16 ޑިސެންބަރު 2020






ށ. ޅައިމަގު ޒުވާނުންގެ އުންމީދުތައް ގުޅިފައިވާ އެރަށު ފުޓްސަލް ދަނޑުގެ މަސައްކަތް ނުނިމި ދިގުލައިގެން ދާތީ ޒުވާނުން މުޒާހަރާކުރަމުން އެބަދެއެވެ.


މުޒާހަރާގެ ބައިވެރިންގެ ޝުއޫރުތަކުގެ ތެރޭގައި ކައުންސިލުން ކަންކަން ސިއްރު ނުކޮށް ފާޅުގައި ކަންކަން ކުރުމަށް ގޮވާލާފައިވެއެވެ. އަދި ދަނޑުގެ މަސައްކަތް ނިންމާލަ ނުދެވޭނަމަ ކައުންސިލް ރައީސްގެ އިސްތިއުފާއަށް ގޮވާލާ ލިޔެފައިވާ ލިޔުންތަކެއް ވެސް މުޒާހަރާގެ ބައިވެރިންގެ އަތުގައި ހުއްޓެވެ.


ޅައިމަގު ކައުންސިލްގެ ރައީސް އަބްދުލްޣަނީ ބޯޅައެމްވީ އަށް ވިދާޅުވީ ހެނދުނު 11 ޖެހިއިރުން ފެށިގެން ޒުވާނުން މުޒާހަރާ ކުރަމުންދާ ކަމަށާއި ޒުވާނުން އެދެނީ ވީ އެންމެ އަވަހަކަށް ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމައި ދިނުމަށް ކަމަށެވެ. އަދި ކައުންސިލުން އަބަދާ އަބަދު މިނިސްޓީގައި އެދެމުން ދަނީ މަސައްކަތް އަވަސްކޮށްދިނުމަށް ކަމަށެވެ.


ފުޓްސަލް ދަނޑަށް ދިމާވެގެން މިއުޅޭ މައްސަލަ އަކީ  އަލުން ޕިޗް އަޅަން ޖެހުން ކަމަށް މުޒާހަރާގެ ބައިވެރިން ބުނެއެެވެ.  ކައުންސިލްގެ ރައީސް ވިދާޅުވީ އެ ދަނޑު ބޭނުން ނުކުރެވި ދިގުލައިގެން ދަނީ ސްޕޯޓްސް މިނިސްޓްރީ މަސައްކަތް ހަވާލުކުރި ކޮންޓްރެކްޓަރު އެމަސައްކަތުގެ އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ނިންމާފައި ނުވާތީ ކަމަށާއި އަދި މަސައްކަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ކަމަށެވެ.


"ކޮންޓްރެކްޓަރު މަސައްކަތް ކުރިޔަށް ނުގެންގޮސްގެން މިއުޅެނީ، މިނިސްޓީން މިއަދު ވިދާޅުވި ކޮންޓްރެކްޓަރަށް މަސައްކަތް ނިންމުމަށް 10 ދުވަހުގެ މުހުލަތެއް ދީފައިވާ ކަމަށް" ކައުންސިލް ރައީސް ވިދާޅުވިއެވެ. ޅައިމަގު ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ  ޓްރިޕްލް އެއިޓް ކިޔާ އަމިއްލަ ކުންފުންޏަކުންނެވެ. 


ޔޫތް މިނިސްޓްރީގެ އޮފިޝަލަކު ބޯޅައެމްވީއަށްވިދާޅުވީ ޅައިމަގު ދަނޑަށް ދިމާވެގެން އުޅޭ މައްސަލައަކީ ދަނޑު އެއްވަރު ނުވުމުގެ މައްސަލައެއްް ކަމަށާއި އެކަން ހައްލުކުރުމަށް ކޮންޓްރެކްޓަރާއި އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.  "ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާ މިނިސްޓްރީން އިންސްޕެކްޓް ކުރިއިރު ރަނގަޅު ކުރަން ކަންކަން ފާހަގަ ކުރެވިފައިވާތީ އެކަންކަން ރަނގަޅު ކުރަން ކޮންޓްރެކްޓަރަށް އެންގިފައިވަނީ، އެހެންނަމަވެސް މާލެއިން ބަޔަކު ފޮނުވަން ޖެހޭތީ އެޗްޕީއޭއިން ހުއްދަ ލިބުމުގައި އުނދަގޫތަކެއް ދިމާވެގެން މަސައްކަތް އެއްކޮށް ފުރިހަމަ ކޮށް ކުޅުމުގެ ހުއްދަ އަދި ދެވިފައި ނުވަނީ" ކަމަށް ޔޫތް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ. 


މި ދަނޑަކީ ރައީސް ޔާމީނުގެ ދައުރު ނިމެން ގާތްވެފައި ވަނިކޮށް ސަރުކާރުން މަސައްކަތް ފައްޓާފައިވާ ގަނޑެކެވެ. އެހެންނަމަވެސް އާ ސަރުކާރު އައިފަހުން ދަނޑުގެ މަސައްކަތް ހުއްޓާލާފައި އޮތުމަށްފަހު އަނެއްކާ މަސައްކަތް ފެށީ ރައްޔިތުންގެ މަޖްލީހުގެ އިންތިހާބުގެ ކެމްޕޭނުގެ ދުވަސްވަރު 2019ގައެވެ. 



Leave a Comment:

Comments will be published after moderation.