News
ވެލެންސިއާގެ އެނބުރި އައުން ރަނގަޅު ފެށުމަކާއިއެކު، ގްރީންގެ މައްޗަށް ކުރި ހޯދައިފި
15 ޑިސެންބަރު 2020
އެއްއަހަރުގެ މެދު ކެނޑުމަކަށްފަހު ދިވެހި ޕްރިމިއާ ލީގަށް އަލުން ޕްރޮމޯޓްވި ކްލަބް ވެލެންސިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި މިރޭ ކްލަބު ގްރީން ސްޓްރީޓްސް އަތުން 1-0 އިން މޮޅުވެއްޖެ އެވެ.
މި މެޗުގައި ދެ ޓީމުން ވެސް މޮޅު ކުޅުމެއް ދައްކާފައިވާ އިރު ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވަނީ 15 އަހަރަށް ފަހު ވެލެންސިއާއަށް ގޯލެއް ކާމިޔާބުކޮށްދީފައެވެ. ގޯލުގެ މަތީ ކަނަށް ވައްދާލި މި ހިތްގައިމު ލަނޑުންް ވެލެންސިއާއަށް ދަގަނޑޭ ލީޑު ނަގައިދިނީ މެޗުގެ 26 ވަނަ މިނިޓްގައެވެ.
މިއީ ހުސެއިން ނިޔާޒު މުހައްމަދު (ބޮކުރީ) ދަގަނޑޭއަށް ފަހިކޮށްދިން ބޯޅައަކުން ގްރީންގެ ކުޅުންތެރިއެއްގެ ކައިރިން ނައްޓުވާލުމަށްފަހު އޭރިއާތެރެއަށްވަދެ ގޯލަށް އަމާޒުކޮށް ދަގަނޑޭ ފޮނުވާލި ބާރުގަދަ ހަމަލާއެކެވެ. ވެލެންސިއާގެ ސަޕޯޓަރުންނަށް ދަގަނޑޭ ދިން މި ހަދިޔާއާއި އެކު މެޗުގެ ފޯރި ގަދަވެ ގްރީންގެ ކުޅުންތެރިންވެސް ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ.
އަދި ވެލެންސިއާގެ ހާފްގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ގޯލަށް ހަމަލާތައް އަމާޒުކުރަން މަސައްކަތް ކުރި އެވެ. އެހެންނަމަވެސް ގްރީން އިން ފޮނުވާލި އެއްވެސް ހަމަލާއެއް ކާމިޔާބުވާގޮތް ނުވެ ގިނަ ފުރުސަތުތައް ގެއްލުނީ ގޯލަށް ބޯޅަ އަމާޒު ނުކުރެވުމުންނެވެ. އެގޮތުން މެޗުގެ 34 ވަނަ މިނިޓްގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް އަބްދުﷲ ޔާމިން (ޔާން) އަށް ލިބުނެއެވެ. އެހެންނަމަވެސް އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރުވީއެވެ.
އޭގެ ފަހުން ގްރީން އަށް ލިބުނު ހިލޭ ޖެހުމެއް ގޯލަށް އަމާޒުކުރުމަށް ކެޕްޓަން ރިލްވާން ވަހީދު(ރިލޭ) މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ ޖެހި ބޯޅަ މުހައްމަދު މުސްލިހު (މުހިއްޓު) ބޮލުން ޖައްސާލުމަށްފަހު ގޯލަށް ފޮނުވާލަން އުޅުމުގެ ތެރޭގައި ގޯލާއި އަމާޒުނުވެ ބޭރުވީއެވެ. ދެވަނަ ހާފްގައި ވެސް ގްރީންއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.
ދެވަނަ ހާފްގެ ކުރީކޮޅު މުހައްމަދު ޖައިލަމް (އޮގީ) މުހިއްޓުއަށް ގޯލު ކުރިމަތިން ދޭން މަސައްކަތްކުރި ބޯޅައެއް މުހިއްޓު ބޮލުން ނަގައިދެން އުޅުމުން ލައްްވާނުލާ ގޮސް އެެ ފުރުސަތުވެސް ބޭކާރުވިީއެވެ. އޭގެ ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ހަސަން ނަޒީމް ގާސިމް (ޗޯޓު) ގޯލަށް ފޮނުވާލަން އުޅުނު ބޯޅަވެސް ދިޔައީ ގޯލަށް އަމާޒުނުވެ ބޭރަށެވެ.
މެޗުގެ ދެވަނަ ހާފްގައި ގްރީންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ވެލެންސިއާގެ އަހްމަދު ރިލްވާން ވަނީ ގްރީންގެ ގޯލަށްނުރައްކާކޮށްފައެވެ. އެހެންނަމަވެސް ކީޕަރު ލަބާން ވަނީ ހުޝިޔާރުކަމާއެކު އެ ބޯޅަ ދިފާއުކޮށްފައެވެ.
ފޮޓޯ: އެފްއޭއެމް