News

އިންޓަރ ސްކޫލް: ގުޅީ ސްކޫލް ބަލިކޮށް، ދަށް ޓީމެއް ނޫންކަން ސާބިތުކޮށްދިނުމަށްފަހު ކަލާފާނު މުބާރާތާ އަލްވަދާއު ކިޔައިފި

9 މާރިޗު 2019






މިރޭ ކަލާފާނާއި ގުޅީ ސްކޫލް ވާދަކުރި މެޗް ވެގެން ދިޔައީ މުބާރާތުން ކަޓާފައިވާ ދެ ޓީމާ ބަލާފައި އެތައް ގޯލެއް ފެނުން މެޗަކަށެވެ.

މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކުރީ ކަލާފާނުންނެވެ. އެއީ މެޗުގެ 2ވަނަ މިނިޓުގައި އަބްދުﷲ ބިލާލް ބިން ފަހީމް ކާމިޔާބުކޮށްދިން ލަނޑެކެވެ. އޭގެ ހަތް މިނިޓު ފަހުން ގުޅީ ސްކޫލުން ކުރި ފައުލަކާ ގުޅިގެން ކަލާފާނަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އަލިޝް އާނިމްއެވެ. އޭގެ ތިން މިނިޓު ފަހުން ކަލާފާނުގެ ލީޑު ތިންގޯލަށް ފުޅާކޮށްދިނީ އިބްރާހިމް ޝައިބާނެވެ. ހާފު ނިމެން ފަސް މިނިޓު އޮއްވާ ހާފުގެ އެންމެ ފަހު ލަނޑު ކަލާފާނަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ކަލާފާނަށް ކާމިޔާބު ކޮށްދިން އަބްދުﷲ ބިލާލް ބިން ފަހީމްއެވެ.

ދެވަނަ ހާފު ދެ ޓީމުން ފެށީވެސް ކުޅުން ރަނގަޅު ކުރުމުގެ އަޒުމުގައެވެ. އެގޮތުން 42ވަނަ މިނިޓުގައި ކަލާފާނުގެ އިބްރާހިމް ޝައިބާން އިތުރު ލަނޑެއް ކާމިޔާބުކޮށްދިނެވެ. ނަމަވެސް ގުޅީ ސްކޫލުން ކުޅުން އޭގެފަހުން ރަނގަޅުކުރަންފެށިއެވެ. ނަތީޖާއަކަށްވީ 57ވަނަ މިނިޓުގައި އިސްމާއިލް ޔައީޝް ގުޅީ ސްކޫލަށް ކާމިޔާބުކޮށްދިން ގޯލެވެ. ނަމަވެސް އޭގެ ފަހުން އެ ޓީމް ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. މެޗުގެ އެންމެ ފަހު 3 މިނިޓޫ ތެރޭގައި ކަލާފާނުގެ މުހައްމަދު ލީވާން އެ ޓީމަށް އިތުރު ދެ ލަނޑެއް ކާމިޔާބުކޮށްދިނެވެ.

1-7ން މެޗު ނިމުންކަމުގައިވިޔަސް އެއްވެސް ޓީމަކަށް މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު އޮތީ ކުރީމެޗުތަކުން ބަލިވުމުން ބަންދުވެފައެވެ. ނަމަވެސް ސުންކަނޑުވާލާފައި މުބާރާތް ކަލާފާނުން ނިންމާލީ ގިރުވާން މައްޗަށް ޖަހާލައިގެންނެވެ. ގުޅީ ސްކޫލް ފަރާތުން މުބާރާތުގައި މާ މޮޅު ކުޅުމެއް ނުފެނުނު ކަމުގައިވިޔަސް މުބާރާތް ނިންމާލީ ގޯލެއް ކާމިޔާބުކޮށްގެންނެވެ.

މާދަމާއަކީ ބެލެވޭ ގޮތުގައި މަމެން އިންޓަރ ސްކޫލް ފުޓުބޯޚަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފޯރިގަދަ މެޗުތައް ކުޅެވޭނެ ދުވަހެވެ. އެގޮތުން މަޖީދިއްޔާ އަހްމަދިްޔާ ކޮޅަށް ނިކުންނައިރު މަޖީދިއްޔާވަނީ ކުއާޓަރގެ ޖާގައެއް ކުރީ ދެ މެޗު ކާމިޔާބުކޮށް ކަށަވަރު ކޮށްފައެވެ. އަހްމަދިއްޔާއަށް މިމެޗުން މޮޅުވުމުގެ އިތުރުން އަމީނިއްޔާ އަދި މުހްޔިއްދީން ފަހުން ވާދަ ކުރާ މެޗުގެ ނަތީޖާއަށް ވިސްނަންޖެހެއެވެ.

މިމެޗުތަށް އަދި އޭގެ ކުރިއަށް މަމެން އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާޓުގައި ހުރި މެޗުތަކުގެ ޚަބަރުވެސް ބޯޅަ.އެމްވީ އެޕް މެދުވެރިކޮށް އަދި ބޯޅަ.އެމްވީ ވެބްސައިޓުން އަދި ފޭސްބުކް ޕޭޖުން ފެންނަން ހުންނާނެއެވެ.

ފޮޓޯ: އިމޭޖަސް.އެމްވީ



Leave a Comment:

Comments will be published after moderation.