News
ސަސްގެ ކުޅުން ތަފާތު، އީގަލްސްގެ މައްޗަށް ފުރަތަމަ މެޗުން ކުރި ހޯދައިފި
14 ޑިސެންބަރު 2020
ވަރުގަދަ ކުރިމަތިލުމަކަށް ފަހު ރޭގެ މެޗު ނިމިގެންދިޔައީ 0-1 ން ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ކްލަބް އީގަލްސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ސަސް އިން މުޅިން އަލަށް ޕްރިމިއާ ލީގުގައި ކުޅުނު މި މެޗުގައި ލީޑް ނެގީ ފުރަތަމަ ހާފްގެ 11 ވަނަ މިނިޓްގައި އެވެ.
ސަސް އަށް ގޯލް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ވިކްޓާ ރޮޑްރިގޭޒް މުނޯޒް އެވެ. ހަތަރު ބިދޭސީ ކުޅުންތެރިންނާއި އެކު ސަސްއިން ނިކުތް މި މެޗުގައި ކްލަބް އީގަލްސް އިން ކުޅުނީ ހުސް ދިވެހި ކުޅުންތެރިންނާއެކުގައެވެ. ރޭގެ މެޗުގައި އީގަލްސްގެ ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ)ގެ ބަދަލުގައި ފުރަތަމަ އެގާރާއިގައި ހިމެނި ކުޅުންތެރިއަކީރިހާމް އަބްދުލް ޣަނީ (ބޮބީ) އެވެ.
މެޗުގައި ރިޒޭނެތްތައް ފޫބައްދަން އީގަލްސްގެ
ކުޅުންތެރިންނަށް އުނދަގޫވި ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް
ހޯދިއެވެ. އެގޮތުން މެޗުގެ 66 ވަނަ މިނިޓްގައި އީގަލްސްގެ މުހައްމަދު ނާއިމް
ސަސްގެ ގޯލަށް ފޮނުވާލި ބޯޅަ ފާހަގަކޮށްލެވެ. އެހެންނަމަވެސް ސަސްގެ ކީޕަރު
މިރްޒޯހިދް މަމަކްތޯނޯފް ވަނީ ނާއިމްގެ އެ ހަމަލާ ދިފާއުކޮށްފައެވެ. އޭގެ ފަހުން
އީގަލްސްގެ ހަސަން ހައިޝަމަށް ލަނޑު ޖަހާނެ ދެ ފުރުސަތު ލިބި އެހެންނަމަވެސް
ގޯލަށް އަމާޒުނުވުމުގެ ސަބަބުން އެ ދެފުރުސަތެއް ބޭކާރުވީއެވެ.
ސަސްއަށް މެޗުގެ ލީޑް ފުޅާކުރާނެ ތަނުގެ
ފުރުސަތެއް މެޗުގެ 50 ވަނަ މިނިޓްގައި ވެސް ލިބުނެވެ. އެހެންނަމަވެސް ޑިފެންޑަރ
ޝާފީ މާ ދުރުން ފޮނުވާލި ބޯޅަ ބޭކާރުވި އެވެ.
ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔަ މި
މެޗުގައި ސަސްގެ ތިން ކުޅުންތެރިންނަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ.
އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ރޭގެ ނަތީޖާއާއި މެދު ހިތްހަމަނުޖެހޭ ކަމަށާއި އަދި ރޭގެ މެޗުގައި އީގަލްސްއަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ކުޅުންތެރިންގެ ފަރާތުން ގޯސްތަކެއް ހެދުނު ކަމަށެވެ. އަދި ތަޖްރިބާކާރު ކުޅުންތެރިން ނެތްތައް ފެނުނު ކަމަށާއި، އަނިޔާގައި ހުރި ރިޒްވާން ނެތްތައް ފޫބައްދަން ވެސް އުނދަގޫވި ކަމަށެވެ.
މެޗަށްފަހު ސަސްގެ ކޯޗު އަހުމަދު ނާޝިދު
(ނާދު) ބުނީ މޮޅަކުން ސީޒަން ފެށުނީތީ ހިތްހަމަ ޖެހިއްޖެ ކަމަށާއި އެހެންނަމަވެސް
ކުޅުންތެރިންގެ ފިޓްނަސް ރަނގަޅު ކުރަން އެޓީމުން މަސައްކަތް ކުރަން ޖެހޭނެ
ކަމަށެވެ.