News

މާޒިޔާއަށް ރަނގަޅު ފެށުމެއް، 4-0 ން ޔޫވީ ބަލިކޮށްފި

13 ޑިސެންބަރު 2020






ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި މިއަދު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއިޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބައްދަލުކުރި މެޗު 4-0 ން މާޒިޔާ ކާމިޔާބުކޮށްފިއެވެ.


ފެށުން ރަނގަޅުކުރުމުގެ އަޒުމުގައި މާޒިޔާއިން ދަނޑަށް ނުކުތް މި މެޗުގައި އެންމެ ފުރަތަމަ ލީޑް ނެގީ މާޒިޔާއިންނެވެ. މާޒިޔާގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ 35 ވަނަ މިނިޓްގައި މުހައްމަދު އުމެއިރު އެވެ. އޭގެ ފަސް މިނިޓްފަހުން އަމްދާން އަލީ (އެންޑީ) ވަނީ ލިބުނު ކޯނަރަކުން ގޯލެއް ޖަހާ މާޒިޔާއަށް ލީޑް ފުޅާކޮށްދީފައެވެ. 


އެންޑީ އަކީ ބިދޭސީ ޑިފެންޑަރު ޕީޓާ ޕްލެނިޗް އަނިޔާގައި ހުރުމުގެ ސަބަބުން އޭނާގެ  ބަދަލުގައި މިއަދުގެ ފުރަތަމަ 11 ގައި ހިމެނި ކުޅުންތެރިންތެރިއެކެވެ.


ދެވަނަ ހާފް ފެށިގެން 6 ވަނަ މިނިޓްގައި މާޒިޔާގެ ކެޕްޓަން އައްސަދުﷲ އަބްދުﷲ ވަނީ ތިން ވަނަ ލަނޑު ޖަހާފައެވެ. މިއީ ޔޫވީގެ ކެޕްޓަން މުހައްމަދު އާރިފް (ބަކާ) އުމެއިރަށް އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ރެފްރީން ދިން ޕެނަލްޓީއަކުން ކާމިޔާބު ކުރެވުނު ގޯލެކެވެ.
މި މެޗުގައި އައްސަދުﷲ ވަނީ ދެ ގޯލު ޖަހާފައެވެ. މާޒިޔާގެ ހަތަރުވަނަ ގޯލު އޭނާ ކާމިޔާބުކޮށްދިނީ މެޗުގެ 71 ވަނަ މިނިޓްގައި ޔޫވީގެ ގޯލް ކީޕަރަށް ހެދުނު މިސްޓޭކެއްގެ އެޑްވާންޓޭޖް ނަގައިގެންނެވެ.


މެޗަށްފަހު މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މެޗަށް ނުކުތީ ވެސް ފެށުން ރަނގަޅުކުރުން ފޯކަސްއަކަށް ހަދައިގެން ކަމަށާއި ހުރިހާ ކުޅުންތެރިންގެ ކުޅުންވެސް ރަނގަޅު ކަމަށެވެ. އަދި މެޗުން މޮޅުވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.


ޔޫވީގެ ކޯޗު މުހައްމަދު އާދަމް ބުނީ މެޗު ފެށިގެން އައީ ވަރަށް ރަނގަޅަށް ކަމަށާއި އެހެންނަމަވެސް މާޒިޔާއިން ލީޑް ނެގި ހިސާބުން ޔޫވީގެ ކުޅުންތެރިންގެ ކިބައިން ގޯސްތަކެއް ފެނުނު ކަމަށެވެ. އަދި މާޒިޔާއަކީ އެންމެ މޮޅު ޓީމުކަމަށާއި މިއީ ލީގުގެ ފުރަތަމަ މެޗުކަމަށްވުމުން ޔޫވީގެ ކުޅުން ގޯސް ނޫން ކަމަށެވެ. 


ފޮޓޯ: އެފްއޭއެމް

Maziya Sports and Recreation Club United Victory

Leave a Comment:

Comments will be published after moderation.