News
ދިވެހި ޕްރިމިއާ ލީގު ފެށުން މިއަދު، ބައްދަލުކުރާނީ މާޒިޔާ އާއި ޔޫވީ
13 ޑިސެންބަރު 2020
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ދިރާގު ދިވެހި ޕްރިމިއާ ލީގު ފަށާނެއެވެ.
ލީގު ފެށުމުގެ ގޮތުން މިއަދު ހަވީރު 4:00 ގައި ބައްދަލު ކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އެވެ.
މިއަދު މެޗަށް ދެ ޓީީމުން ތައްޔާރުވެފައިވާއިރު މާޒިޔާގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ޓީމު ގޮވައިގެން މިއަދު ދަނޑަށް ނިކުންނާނީ މާޒިޔާއިން އެހެންޓީމުތަކަށްވުރެ ކުރިން ފަރިތަކުރުންތައް ފެށުމުގެ ހިތްހަމަޖެހުމާއެކުގައެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ބުނީ އެންމެ މުހިންމު ކަމަކީ ލީގުގެ ފެށުން ރަނގަޅު ކުރުންކަމަށާއި، މިއަދު ނިކުންނާނީ ލީގުގެ ފުރަތަމަ މެޗުން މޮޅުވާން ކަމަށެވެ.
ނިޒާމްބެ ބުނީ މި ސީޒަނުގައި މާޒިޔާއިން ކޮންމެ މެޗަކަށްވެސް ނިކުންނާނީ ކޮންމެ ޓީމަކީވެސް ވަރުގަދަ ޓީމެއް ކަމަށް ބަލައިގެން ކަމަށާއި، އެވިސްނުމުގައި ކުޅެން ނިކުންނަ އިރު މި ސީޒަނުގައި މާޒިޔާއަށް އެއްވެސް މެޗެއް ފަސޭހަނުވާނެ ކަމަށެވެ. މި ސީޒަނުގައިވެސް މާޒިޔާގެ ކެޕްޓަން އަކީ އައްސަދުﷲ އަބްދުﷲ އެވެ.
ޔޫވީގެ ކޯޗު މުހައްމަދު އާދަމް ބުނީމި ސީޒަނށް ތައްޔާރުވާން ފެށީންސުރެ އަދި އެހެން ޓީމަކާމެދުނުވިސްނާ ކަމަށާއި، ހަމައެކަނި ވިސްނާފައިވަނީ މިއަދު މާޒިޔާއާއި މެދުގައި ކަމަށެވެ. މިއަދު މާޒިޔާ އާއި ދެކޮޅަށް ޔޫވީން ނިކުންނަ އިރު މާޒިޔާއާއި ވާދަނުކުރެވޭ ވަރުގެ ކުޅުންތެރިއެއް ޔޫވީގައި ހުރިކަމަށް ގަބޫލުނުކުރާ ކަމަށްވެސް އޭނާ ބުންޏެވެ. އެހެންނަމަވެސް ހަމައެކަނި ތަފާތަކީ ޔޫވީ އަށްވުރެ ކުރިން މާޒިޔާއިން ޕްރެކްޓިސް ފެށުން ކަމަށް ކޯޗު ބުންޏެވެ. އަދި މިއަދުގެ މެޗަކީ ބެލުންތެރިން ބަލާހިތްވާ ކަހަލަ މެޗަކަށް ވެގެންދާނެ ކަމަށް ކޯޗު މުހައްމަދު ބުންޏެވެ.
މި ސިޒަނުގައި ޔޫވީން ބޭނުންވާ ޓާގެޓަށް ދެވޭނެ ކަމުގެ ޔަގީން ކަން އޮތް ކަމަށް ޔޫވީގެ ކޯޗު ބުނެފައިވާއިރު ޔޫވީން ވަނީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ބައެއް ކުޅުންތެރިން ހޯދާފައެވެ. އެގޮތުން ޓީމު ވަރުގަދަ ކުރުމަށް ގެނައި އެންމެ މުހިންމު އެއް ކުޅުންތެރިއަކީ މިޑްފީލްޑަރ މުހައްމަދު އާރިފް (ބަކާ)އެވެ. ޔޫވީން ވަނީ މި ސީޒަނަށް އެޓީމުގެ ކެޕްޓަންކަންވެސް ބަކާއާއި ހަވާލުކޮށްފައެވެ.
މިއަދު ކުޅޭ މެޗު ޕީއެސްއެމްގެ ޔޭސް ޓީވީ ޗެނަލުން ލައިވްކޮށް ދައްކާނެއެވެ. އެފްއޭއެމުން ބުނީ މިއަދުގެ މެޗު ކުޅޭނީ ސަޕޯޓަރުން ދަނޑަށް ނުވައްދާ ކަމަށާއި، އެހެންނަމަވެސް ލީގުގެ ވަކި ހިސާބަކުން ސަޕޯޓަރުން ދަނޑަށް ވައްދައިގެން ދުރުދުރުގައި ތިބެގެން މެޗުތައް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
Maziya Sports and Recreation Club United Victory