News

އުއިގޫރު މުސްލިމުންނަށް ފާރަލީކަމުގެ ތުހުމަތާއެކު ގްރިޒްމަން ހުއާވޭގެ ސްޕޮންސަރޝިޕް ދޫކޮށްލައިފި

11 ޑިސެންބަރު 2020






ފްރާންސްގެ ފުޓްބޯޅަ ތަރި އެންޓޯނިއޯ ގްރިޒްމަން އާއި ޗައިނާގެ ޓެލެކޮމް ކުންފުނި ހުއާވޭ އާއި ދެމެދު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެންނަ ކަމަށް ގްރިޒްމަން ބުނެފިއެވެ.

 

އޭނާ ބުނީ ހުއާވޭގެ ސްޕޮންޝަރޝިޕް އިތުރަށް ކުރިޔަށް ގެންދަން ބޭނުން ނުވަނީ ޗައިނާގެ އުއިގޫރު މުސްލިމުންނާ ދެކޮޅަށް ފާރަލުމުގައި ހުއާވޭގެ ދައުރެއް ވާކަމަށް ތުހުމަތު ކުރެވޭ ރިޕޯޓްތަކާއި ގުޅިގެން ކަމަށެވެ.  

 

ޗައިނާގެ ބައިމަދު އުއިގޫރު މުސްލިމުންނާ މެދު އެގައުމުގެ ފުލުހުން އަމަލު ކުރަމުން އަންނަ ގޮތާއި މެދު މުޅި ދުނިޔޭގެ ފާޑުކިއުންތައް އެގައުމަށް ވަނީ އަމާޒުވެފައެވެ. ހުއާވޭއިން ފޭޝިއަލް ރިކޮގްނިޝަން ސޮފްޓްވެއާއެއް ބޭނުންކޮށްގެން މުސްލިމުން ހައްޔަރުކުރުމަށް ފުލުހުންނަށް އެހީވެދިން ކަމަށް ތުހުމަތު ކުރެވޭ ރިޕޯޓްތަކެއް ވަނީ ދާދި ފަހުން ފެންމަތިވެފައެވެ. އެހެންނަމަވެސް ހުއާވޭއިން ވަނީ މިކަމާ ދެކޮޅު ހަދާފައެވެ. ހުއާވޭއިން ބީބީސީއަށް ބުނެފައިވަނީ ގްރިޒްމަންގެ ސްޕޮންޝަރޝިޕް އެއްބަސްވުން ހުއްޓުމަކަށް ގެނައުމަކީ ވަރަށް ދެރަކަމެއް ކަމަށާއި، އެކުންފުންޏާއި މެދު ކުރާ ތުހުމަތަކީ ހަގީގަތެއް ނޫން ކަމަށެވެ.  

 

29 އަހަރުގެ ގްރިޒްމަން އަކީ 2017 ވަނަ އަހަރުން ފެށިގެން ހުއާވޭގެ ބްރޭންޑް އެމްބެސެޑަރެވެ. އަދި ހުއާވޭއިން ފްރާންސްގައި ހަދާފައިވާ އެތައް ބައިވަރު އިސްތިހާރުތަކެއްގައިވެސް ގްރިޒްމަންގެ ފޮޓޯ އާއި ވީޑިއޯ ހިމަނާފައިވެއެވެ.

 

ގްރިޒްމަން އޭނާގެ އިންސްޓަގްރާމް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ "ފޭޝަލް ރިކޮގްނިޝަން ސޮފްޓްވެއާއެއް ބޭނުންކޮށްގެން 'އުއިގޫރު އެލާޓް' އިތުރަށް ފުޅާކުރުމުގައި ހުއާވޭއިން ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އެ ކުންފުންޏާއި އެކު ހަދާފައިވާ ޕާޓްނާޝިޕް ވަގުތުން ހުއްޓާލައިފިން" ކަމަށެވެ.  

 

ގްރިޒްމަންގެ މި ޕޯސްޓާއި ގުޅިގެން ހުއާވޭގެ ތަރުޖަމާނު ވިދާޅުވީ ހުއާވޭއިން ގްރިޒްމަން އާއި ބައްދަލުކޮށް އަދިވެސް ޕަޓްނާޝިޕް ކުރިޔަށް ގެންދިއުމަށް ވާހަކަ ދައްކާނެ ކަމަށެވެ. އަދި އެ ކުންފުނިން އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށާއި، ހަމަހަމަކަމާއި ހުރިހާ ވައްތަރެއްގެ ތަފާތުކުރުންތަކާއި ދެކޮޅަށް ކުންފުނީގެ އެތެރޭގައި އެންމެ މަތީ ފެންވަރުގައި ކޮށްފައިވާ މަސައްކަތްތައް ގްރިޒްމަން އާއި ހިއްސާކުރަން ބޭނުންވާ ކަމަށެވެ. އަދި ހުއާވޭއިން މިފަދަ ކަންބޮޑުވުންތައް ވަރަށް ސީރިއަސްކޮށް ނަގާނެ ކަމަށް ގްރިޒްމަން އާއި ހުއާވޭގެ އެންމެހާ ކަސްޓަމަރުން އަދި ހުރިހާ ޕާޓްނަރުންނަށްވެސް ޔަގީންކޮށްދޭ ކަމަށް ހުއާވޭގެ ތަރުޖަމާން ވިދާޅުވިއެވެ.

 

އެމެރިކާގައި ހުންނަ ރިސާޗް ފާމަކުން މިދިޔަ އަންގާރަދުވަހު އާންމު ކުރި ރިޕޯޓެއްގައި ބުނެފައިވަނީ ޗައިނާ ސަރުކާރުން އުއިގޫރު މީހުން ދެނެގަތުމަށް ފޭޝަލް ރިކޮގްނިޝަން ސޮފްޓްވެއާއެއް ޗައިނާގައި ޓެސްޓު ކޮށްފައިވާ ކަމަށާއި، މިސޮފްޓްވެއާ ޓެސްޓުކުރުމުގައި ހުއާވޭއިން ބައިވެރިވެފައިވާ ކަމަށެވެ.


ބެލެވޭ ގޮތުގައި ޗައިނާ ސަރުކާރުން ވަނީ ޝިންޖިއާން ޕްރޮވިންސުން މިލިއަނެއްހާ އުއިގޫރު މީހުން ހައްޔަރުކޮށްފައެވެ. ޗައިނާ ސަރުކާރުން ބުނަނީ އެމީހުން ހައްޔަރުކުރަނީ ނޫން ކަމަށާއި އެމީހުން ގެންދަނީ "ރީ-އެޑިއުކޭޝަން ކޭމްޕް" ތަކަށް ކަމަށެވެ. ޗައިނާގެ ސަރުކާރުން އެގައުމުގެ މުސްލިމުންނާއި މެދު ނޭންގާނީގޮތްގޮތަށް އަމަލު ނުކުރާ ކަމަށާއި އުއިގޫރު މުސްލިމުން ގެންދާ ކޭމްޕްތަކަކީ ޓެރަރިޒަމްގެ އަމަލުތަކާއި ދުރުކޮށް އެމީހުންނަށް ހުރި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ ގޮތުން ކަންކަން ރޭވިފައިވާ ކޭމްޕް ތަކެއް ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.  



Leave a Comment:

Comments will be published after moderation.