News
ނަސްލީ ތަފާތު ކުރުމާއި ދެކޮޅަށް ކުޅުންތެރިން ނިކުތުމުން ހިތްހަމަޖެހިއްޖެ: އެމްބާޕޭ
10 ޑިސެންބަރު 2020
ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހު ކުޅެމުން ދިޔަ މެޗެއްގައި ރެފްރީ ގެންގުނު ނަސްލީ ތަފާތު ކުރުންތަކާއި ދެކޮޅަށް ކުޅުންތެރިން އިއްޔެ ރޭ ދަނޑުގައި ދެއްކި ހަރަކާތުން ހިތްހަމަޖެހިއްޖެ ކަމަށް ޕީއެސްޖީގެ ކީލިއަން އެމްބާޕޭ ބުނެފިއެވެ.
އަންގާރަދުވަހުގެ ރޭ ޕީއެސްޖީ އާއި އީސްތަންބުލްގެ ބަސަކްޝެހީރް ބައްދަލުކުރި މެޗެއްގައި މެޗުގެ ރެފްރީ ސެބަސްޓިއަން ކްލްޓެސްކޫ ވަނީ ބަސަކްޝެހީރްގެ އެސިސްޓެންޓް ކޯޗް، ޕީއޭ ވެބޯއަށް އަމާޒުކޮށް ނަސްލީ ގޮތުން ތަފާތުކުރުން ކަމަށް ދޭހަވާފަދަ ބަހެއް އޭނާއަށް ދިމާއަށް ބުނެފައެވެ. މި މެޗުގެ 14 ވަނަ މިނިޓްގައި ބަދަލު ރެފްރީ ރޮމޭނިއާގެ ސެބަސްޓިއަން ބުނި ބަހެއްގެ ސަބަބުން ވެބޯ އާއި އޭނާ އާއި ދެމެދު ވަނީ ހަމަނުޖެހުންތަކެއް ހިނގާ އޭނާއަށް ރަތް ކާޑު ދައްކާ ބެންޗުންވެސް ބޭރުކޮށްފައެވެ. އެއަށްފަހު އެ މެޗު ވަނީ ހުއްޓާލާފައެވެ. ފަހުން ބުދަދުވަހުގެ ރެއަށް ތާވަލުކޮށްގެން އެ މެޗުގެ ބާކީބައި ކުޅުނު އިރު މެޗު ފެށުމުގެ ކުރިން ދެޓީމުގެ ކުޅުންތެރިންވެސް ވަނީ ދަނޑުމެޗުގައި ކަކޫމައްޗަށް ތިރިވެ ނަސްލީ ތަފާތުކުރުމާއި ދެކޮޅުކަން ހާމަކޮށްދިނުމަށް ވަގުތު ކޮޅެއް ހޭދަކޮށްފައެވެ.
އެމްބާޕޭ ބުނީ "އަހަރެމެން ވަރުބަލިވެއްޖެ، ދެން އިތުރަށް މިހެން ކުރިޔަށްދާކަށް ބޭނުމެއް ނޫން،އަހަރެން ވަރަށް ހިތްހަމަ ޖެހިއްޖެ ކުޅުންތެރި ކުރި ކަންތަކުން، ނުކުޅެވިގެނެއް އަހަރެމެން ދެރައެއް ނުވާނެ" ކަމަށެވެ.
އެމްބާޕޭ އާއި އޭނާގެ ޓީމު މޭޓުން އަދި އިދިކޮޅު ޓީމުގެ ކުޅުންތެރިންވެސް މި ހަރަކާތުގައި ބައިވެރިވިއިރު މެޗު ފެއްޓުމުގެ ކުރިން ފަރިތަކުރުންތައް ހެދި އިރު ކުޅުންތެރިން ލައިގެން ތިބީ ނަސްލީ ތަފާތު ކުރުމަށް ނޫނެކޭ ބުނެ ލިޔެފައިވާ އިބާރާތްކޮޅެއް ޖަހާފައިވާ ޓީޝާޓެކެވެ.
އެމްބާޕޭ ބުނީ ބުނެލާ ބަހަކަށްވުރެ މިފަދަ ހަރަކާތެއް މާ ބާރުގަދަވާނެ ކަމަށާއި، އޭނާ އާއި އެހެން ކުޅުންތެރިންގެ އެހަރަކާތުން އެއީ އެކުވެރިބައެއްކަން މުޅި ދުނިޔެއަށް ދައްކާދީފައިވާ ކަމަށެވެ. އަދި އެ ހަރަކާތަކީ ކުޅުންތެރިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ކަމެއް ކަމަށެވެ.