News

އިޓަލީގެ ވޯލްޑް ކަޕް ހީރޯ ޕައޮލޯ ރޮސީ މަރުވެއްޖެ

10 ޑިސެންބަރު 2020






އިޓަލީގެ 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް ހީރޯ ޕައޮލޯ ރޮސީ އުމުރުން 64 އަހަރުގައި މަރުވެއްޖެއެވެ.

 

ރޮސީގެ އާއިލާއިން ބުރާސްފަތި ދުވަހު އޭނާ މަރުވިކަން އިއުލާނުކޮށްފައިވާއިރު ރޮސީގެ އަންހެނުން ފެޑެރިކާ ކަޕަލެޓީ ވަނީ އެ ދެމަރިފިރިންގެ ފޮޓޯ އެއް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. މި ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ އިޓަލީ ބަހުން "އަބަދުގެ އަބަދަށް" މިހެންނެވެ. އެހެންނަމަވެސް ރޮސީ މަރުވީ ކީއްވެގެންކަމެއް އޭނާ ހާމައެއް ނުކުރެއެވެ.

 

އިޓލީގެ ފުޓްބޯޅައިގެ ތާރީހުގައި ރޮސީ އަކީ މަޝްހޫރު ނަމެކެވެ. އޭނާ ވަނީ އިޓަލީގެ ގައުމީޓީމަށް 48 މެޗު ކުޅެ 20 ގޯލް ކާމިޔާބުކޮށްފައެވެ. އަދި އިޓާލިއަން ލީގުގައި 100 އަށްވުރެ ގިނަ މެޗު ކުޅެފައިވެއެވެ. އިޓަލިއަން ލީގުގައި ރޮސީ ކުޅެފައިވާ ކުލަބުތަކުގެ ތެރޭގައި ވިސެންޒާ، ޔުވެންޓަސް، މިލާން އަދި ވެރޮނާ ހިމެނެއެވެ.

 

1982 ގައި ސްޕެއިންގައި ބޭއްވި ވޯލްޑް ކަޕްގައި އިޓަލީން ބްރެޒިލް އާއި ދެކޮޅަށް ސެމީ ފައިނަލްގައި ނިކުމެ ރޮސީ ވަނީ ހެޓްރިކް ހަދާފައެވެ. އެ މެޗަށްފަހު އިޓަލީގެ ވޯލްޑް ކަޕް ހީރޯގެ ގޮތުގައި ނަން ވިދާލީ ރޮސީވަނީ އެ އަހަރުގެ ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. އަދި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ރޮސީ އެވެ.

 

 އެ ޝަރަފާއި އެކު އެއަހަރު ހޮވި ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ރޮސީ ހޮވުނެވެ. މިހާރު ދެމުން އަންނަ 'ބެލޮންޑިއޯ' އެވޯޑަކީ އޭރު ހޮވާ އެންމެ މޮޅު ކުޅުންތެރިޔާއަށް ދެމުން އަންނަ އެވޯޑެވެ. އެހެންނަމަވެސް އޭރު އެވޯޑްދެނީ އެނަމުގައެއް ނޫނެވެ.

 

އިޓަލީގެ މީޑިއާތަކުން ހަބަރުދޭ ގޮތުގައި ރޮސީ މަރުވީ ވަރަށް ގިނަ ދުވަހު ބަލިވެ އުޅުމަށްފަހުގައި ކަމަށެވެ. ރޮސީ 1980 ގެ ތެރޭގައި ފުޓްބޯޅައިން ރިޓަޔާ ކުރުމަށްފަހު ސްކައި، މީޑިއާސެޓް އަދި ރާއީ ކިޔާ  ޓީވީ ޗެނަލްތަކެއްގައި ފުޓްބޯޅަ އެނަލިސްޓެއްގެ ގޮތުން ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކޮށްފައިވެއެވެ. 



Leave a Comment:

Comments will be published after moderation.