News

ޗެރިޓީ ޝީލްޑް މެޗު ކްލަބް އީގަލްސް އިން ކާމިޔާބުކޮށްފި

8 ޑިސެންބަރު 2020






އެފްއޭއެމްގެ ޗެރިޓީ ޝީލްޑް މެޗު ކްލަބް އީގަލްސް އިން ކާމިޔާބުކޮށްފިއެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން  އާއި ކްލަބް  އީގަލްސް ބައްދަލުކުރި މި މެޗުގައި މާޒިޔާގެ ސަމޫހް އަލީ (ސަމުއްޓޭ) ވަނީ މެޗުގެ ފުރަތަމަ މިނިޓްގައި މާޒިޔާއަށް ލީޑް ނަގައިދީފިއެވެ.

މާޒިޔާއަށް ދެވަނަ ލަނޑު ޖަހައިދިނީ އީގަލްސް އިން މާޒިޔާގެ ހަމްޒާއަށް ފައުލް ކުރުމާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން އިބްރާހިމް މަހުދީ (އިއްބެ) އެވެ.

އެހެންނަމަވެސް ދެވަނަ ހާފްގައި ފަހަތުން އަރާ މެޗުގެ ނަތީޖާ އީގަލްސް ކޮޅަށް އަނބުރާލިއެވެ.އީގަލްސްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ޒައިން ޒަފަރެވެ. ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ރިޒްވާން ފަހިކޮށްދިން ބޯޅައަކުން ނާއިމް އެވެ. 

އީގަލްސްގެ ތިންވަނަ ލަނޑު ޖަހައިދިނީ ރިޒްވާންއެވެ. ގޯލްކީޕަރުގެ އަތުގައި ޖެހިފަ ގޯލްގެ ކަނަށް ވަދެގެންދިޔަ މި ބޯޅަ އަކީ މެޗު ނިމެން ފަނަރަ މިނިޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރެވުނު ލަނޑެކެވެ.  މިއީ މާޒިޔާގެ ގޯލް ކީޕަރު ނިކޮލާ ކުރި ފައުލަކާއި ގުޅިގެން އީގަލްސްއަށް ލިބުނު ޕެނަލްޓީއެކެވެ.

ދެވަނަ ހާފްގައި މާޒިޔާގެ ޑިފެންޑަރ ޕީޓާއަށް އަނިޔާވެގެން ވަނީ ދަނޑުން ބާލާފައެވެ. ޕީޓާ ނެތުމުގެ ފައިދާ އީގަލްސްއިން ވަރަށް ރަނގަޅަށް ނެގިއެވެ.

އީގަލްސްއަށް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ފުރަތަމަ ހާފްގައި ވެސް ލިބުނެވެ. ފުރަތަމަ ހާފްގައި ރިޒްވާންއަށް ލިބުނު ދެ ފުރުސަތުގައި ވެސް އޭނާ ގޯލަން ފޮނުވާލަން އުޅުނު ބޯޅަތައް ނާކާމިޔާބުވީއެވެ.

މިއީ ކްލަބް އީގަލްސް އިން ޗެރިޓީ ޝީލްޑް މެޗެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ އީގަލްސް އިން ޗެރިޓީ ޝީލްޑް މެޗެއްގައި ވާދަ ކުރި ފުރަތަމަ ފަހަރެވެ.  

މި މެޗުގައި ރެފްރީއަކީ 2011 ވަނަ އަހަރު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބާސެލޯނާ އާއި މެންޗެސްޓާ ޔުނައިޓެޑު ބައްދަލު ކުރި މެޗުގެ ރެފްރީއެވެ.

އެއީ ހަންގޭރީއަށް ނިސްބަތްވާ ފީފާގެ ކުރީގެ ރެފްރީ ވިކްޓަރ ކަސައި އެވެ. މިރޭ ކުޅުނު މެޗަށްފަހު އެފްއޭއެމުން ވަނީ ތިން ޖަމްއިއްޔާއަކަށް ފައިސާ ހަދިޔާކޮށްފައެވެ.

އެއީ އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރެން އާއި މޯލްޑިވްސް ބްލަޑް ޑޯނާސް އަދި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ޖަމްއިއްޔާއަށެވެ.  ޗެރިޓީ ޝީލްޑް މެޗް އެންމެ ފުރަތަމަ ކުޅުނީ 2009 ގައެވެ.  އެންމެ ފުރަތަމަ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރީ ވީބީ އާއި ކްލަބު ވެލެންސިއާއެވެ.

މުޖުތަމައުގެ އެހީތެރިކަން ބޭނުންވާ ޖަމްއިއްޔާތަކަށް މެޗުން ލިބޭ ފައިސާ ހަދިޔާ ކުރާ ގޮތަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗަކީ ކުރިން ސީޒަން ފެށުމުގެ ގޮތުން ރާއްޖޭގައި ކުޅޭ ކަޕްވިނާޒް ކަޕްގެ ބަދަލުގައި ކުޅެމުން އަންނަ މެޗެކެވެ. 


ފޮޓޯ: އެފްއޭއެމް

Club Eagles FAM Maziya Sports and Recreation Club

Leave a Comment:

Comments will be published after moderation.