News

ޓޮޓެންހަމް ތާވަލުގެ އެއްވަނައަށް، ލިވަޕޫލުން ޓޮޓެންހަމާ އެއްވަރަށް ޕޮއިންޓް ހޯދައިފި

7 ޑިސެންބަރު 2020






އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އާސެނަލްގެ މައްޗަށް ކުރި ހޯދާ ޓޮޓެންހަމް ހޮޓްސްޕާ އިން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. 


އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ 0-2 ން ނެވެ. މި ނަތީޖާއަށްފަހު ތާވަތުގެ އެއްވަނައަށް ޓޮޓެންހަމް ޖެހިލީ 11 މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ. މި މެޗުގައި ދެލަނޑުވެސް ފެނިގެން ދިޔައީ ފުރަތަމަހާފްގައެވެ.  


ޓޮޓެންހަމަށް އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނަގައިދިނީ މެޗުގެ 13 ވަނަ މިނިޓްގައި ސޮން ހުއެން-މިން އެވެ. ޓޮޓެންހަމްގެ 2 ވަނަ ލަނޑު ޖަހައިދިނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ހެރީ ކޭން އެވެ. މިއީ ސޮން އޭނާއަށް ފަހިކޮށްދިން ބޯޅައެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. ރޭގެ މެޗުން ޓޮޓެންހަމް މޮޅުވެ އަނެއްކާވެސް ތާވަލުގެ

އެއްވަނައަށް އެރިއިރު އާސެނަލް އޮތީ ކުޅުނު 11 މެޗުން ލިބުނު 13 ޕޮއިންޓާއެކު ތާވަލުގެ 15 ވަނައިގައެވެ.  


ރޭ ކުޅުނު ދެވަނަ މެޗުގައި ލިވަޕޫލުން ވަނީ ވުލްސްގެ އަތު ފަސޭހަ މޮޅަކުން މެޗު ކާމިޔާބުކޮށްފައެވެ. ލިވަޕޫލުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކުރީ 4-0 ން ނެވެ.


ލިވަޕޫލުން މެޗުގެ ލީޑް ނެގީ 24 ވަނަ މިނިޓްގައި މުހައްމަދު ސަލާހް އެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު ޖެހީ 58 ވަނަ މިނިޓްގައި ގިނީ ވައިނަލްޑަމް އެވެ. އޭނެގ ފަހުން 67 ވަނަ މިނިޓްގައި ސަލާހުގެ އެހީތެރިކަމާއެކު ތިންވަނަ ލަނޑު ޖެހީ ލިވަޕޫލްގެ ޖޮއެލް މަޓިޕް އެވެ. ލިވަޕޫލްގެ 4 ވަނަ ލަނޑަކީ ވުލްވްސްގެ ނެލްސަން ސެމޭޑޯ އަތުން ބައިކޮޅަށް ވަން ގޯލެވެ.


މި ނަތީޖާގައި އޮވެ ރޭގެ މެޗުން މޮޅުވުން ލިވަޕޫލަށް ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލާފައިވާ ޓޮޓެންހަމާއި އެއްވަރަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް ލަނޑުގެ ތަފާތުން ލިވަޕޫލު އޮތީ ތާވަލުގެ ދެވަނައިގައެވެ. ރޭގެ މެޗުން ބަލިވި ވުލްވްސް މިވަގުތު އޮތީ ތާވަލުގެ 10 ވަނައިގައެވެ. އެއީ ކުޅުނު 11 މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ. 



Leave a Comment:

Comments will be published after moderation.