News
އުންމީދު ކުރަނީ އަވަހަށް އެނބުރި އާދެވޭނެ ކަމަށް: ހިމެނޭޒް
1 ޑިސެންބަރު 2020
އަވަހަށް އެނބުރި ކުޅުމަށް އާދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވުލްވްސްގެ ފޯވާޑް ރައުލް ހިމެނޭޒް ބުނެފިއެވެ.
ބޮލުގެ ނާށިގަނޑުގައި ރެނދުލުމާއި ގުޅިގެން ކުއްލި އޮޕަރޭޝަނެއްކޮށްފައިވާ ހިމެނޭޒް އޮފަރޭޝަނަށްފަހު ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާގައި ބުނީ "އަހަރެން އަދި ހުންނާނީ އޮބްޒަވޭޝަންގައި، އަވަހަށް އެނބުރި ޕިޗަށް ދެވޭނެ ކަމަށް އުންމީދު ކުރަނީ". އަދި އޭނާއަށް ހިތްވަރުދީ މެސެޖް ފޮނުވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
ހިމެނޭޒަށް އަނިޔާވީ އިނގިރޭސި ޕްރިމިއާ ލީގްގައި އާދިއްތަ ދުވަހުގެރޭ އާސެނަލާއި ދެކޮޅަށް ކުޅެ 1-2 އިން ވުލްފްސް އާސެނަލް ބަލި ކުރި މެޗުގައެވެ. މި މެޗުގައި 5 ވަނަ މިނިޓްގައި އާސެނަލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އާއި ހިމެނޭޒާއި ދެމީހުންގެ ބޯ ޖެހިގެންނެވެ. ދަނޑުމަތީގައި ހިމެނޭޒަށް ފަރުވާދިން އިރު އޮކްސިޖަންވެސް ދޭން ޖެހުނެވެ. އަދި ހިމެނޭޒަށް ފަރުވާ ދިނުމަށްޓަކައި 10 ވަރަކަށް މިނިޓްވަންދެން މެޗު ކަނޑާލަންވެސް ޖެހުނެވެ.
ވޮލްވްސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސާޖަރީއަށްފަހު ހިމެނޭޒް ހަމައަކަށް އެޅިފައިވާ ކަމަށާއި، އޭނާ މަދު ދުވަސްކޮޅެއް ވަންދެން އޮބްޒަވޭޝަންގައި މަޑުކުރަން ޖެހޭނެ ކަމަށެވެ.
މި ސީޒަނުގައި ޕްރިމިއާ ލީގުގައި ހިމެނޭޒް ވަނީ ވުލްވްސައށް ކުޅުނު 10 މެޗުގައި 4 ލަނޑު ޖަހާދީފައެވެ. ބޮލުގެ ނާށިގަނޑުގެ އޮޕަރޭޝަނާއި ގުޅިގެން ދެން ކުރިޔަށް ހުރި މެޗުތައް ހިމެނޭޒަށް ގެއްލޭނެ ކަމަށް ބެލެވޭއިރު އެންމެ އަވަހަށް ޕްރިމިއާ ލީގުގައި ވްލްވްސްއިން ކުޅެން ޖެހޭނީ މިމަހުގެ ހަތްވަނަ ދުވަހު ލިވަޕޫލާއި ދެކޮޅަށެވެ. ބޮލަށް ލިބުނު ގެއްލުން ރަނގަޅުވާން ނަގާނީ ކިހާ ދުވަހެއް ކަމެއް ނުވަތަ އެނބުރި ހިމެނޭޒަށް ދަނޑަށް ނިކުމެވޭނީ ކިހާ ދުވަހެއް ފަހުން ކަމެއް އަދި އެކުލަބުން ހާމައެއް ނުކުރެއެވެ.
ފޮޓޯ: ގެޓީ