News
އާއްކޮ ޑަ ގްރާންޑޭއަށް
9 މާރިޗު 2019
މާޒިޔާއަށް ކުޅެމުން އައި އަހްމަދު އިމާޒް (އާއްކޮ) ޑަ ގްރާންޑޭއަށް ސޮއިކޮށްފިއެވެ.
2011ވަނަ އަހަރު އީގަލްސްއިން އޭނާގެ ސީނިއަރ ކެރިއަރ ފެށި މި ޒުވާނާއަކީ އެ ޓީމަށް އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ޖެހިގެން އައި އަހަރު މަހިންދަ ރާޖްޕަކްސަ އިންޓަރނޭޝަނަލް ޓްރޮފީ ހޯދި 23 އަހަރުން ދަށުގެ ދިވެހި ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. އެއަށްފަހުވެސް އޭނާ ދައްކަމުންދިޔަ މޮޅުކުޅުމުގެ ނަތީޖާއަކަށްވީ އެކި ޓީމްތަކުން އާއްކޮ އެ ޓީމަށް ގެނައުމުގެ މަސައްކަތް ފެށުމެވެ.
އެތައް ޓީމަކުން މި ޒުވާން ވިންގަރއަށް ޝައުގުވެރިކަން ފާޅުކޮށް އެއްބަސްވުންތައް ހުށަހަޅަމުން ދިޔަނަމަވެސް އާއްކޮ އިޚްތިޔާރު ކުރީ މާޒިޔާއެވެ. އެގޮތުން 2015ވަނަ އަހަރު މާޒިޔާއަށް އާއްކޮ ބަދަލުވިއެވެ. އޭގެފަހުންވެސް ދައްކަމުން ދިޔަ މޮޅުކުޅުން ވެގެން ދިޔައީ ޤައުމީ ޓިމަށް އާންމުކޮށް އަރާ ކުޅުންތެރިއަކަށް ވެގެންދިޔަ ސަބަބަށެވެ. އެންމެފަހުން 2018ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ތަށި ހޯދި ޓީމުގައިވެސް މި ޒުވާނާ ހިމެނެއެވެ.
މިރޭ އާއްކޮގެ ސޮއި ހޯދައިފައިވާ ޕްރިމިއަރ ލީގުގައި މުޅިން އަލަށް ވާދަކުރާ ޑަ ގްރާންޑޭވަނީ އެޓީމް ސީޒަނަށް ވަރުގަދަ ކުރުމުގެ ގޮތުން ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން އެ ޓީމަށް ގެންގޮސްފައެވެ. އެގޮތުން ޔަސްފަދު ހަބީބް (މުލަކޭ)ގެ އިތުރުން ނިއުއަށް ކުޅެމުން އައި މުހައްމަދު ރަޝީދު (ހޮކޭ) ހިމެނެއެވެ. މީގެއިތުރުން އެ ޓީމުގެ ކޯޗަކަށް ހުންނާނީ ކުރިން މާޒިޔާއަށް ކޯޗްކޮށްދިން އިސްމާއިލް މަހްފޫޒް (އިންމަ)ކަންވެސް ފާހަގަކޮށްލެވެއެވެ.
ޑަ ގްރާންޑޭ ފަދައިން ޓްރާންސްފަރ ބާޒާރުގައި ވަރަށް އަވަދިކޮށް އެހެން ޓީމްތައްވެސް މިދުވަސްވަރު އުޅޭކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން އާއްކޮ އެ ޓީމަކުން އައި ޓީމް ކަމަށްވާ މާޒިޔާއިންވަނީ އިބްރާހިމް ހުސައިން ވަހީދު، ހުސައިން ނިހާން އަދި ނިއުއަށް ކުރިން ކުޅުނު ހަމްޒާ މުހައްމަދު (ހަމްޕު) އެ ޓީމަށް ގެންގޮސްފައެވެ. މީގެއިތުރުން ފޯކައިދޫ އަދި ވިކްޓަރީއިންވަނީ ޔޫތު މުބާރާތުގައި ވިދާލި އެތައް ކުޅުންތެރިންނެއްގެ ސޮއި ހޯދާފައެވެ.
ޖުލައިމަހު ފެށުމަށް އެފް.އޭ.އެމްއިން ތައްޔާރުވަމުންދާ މިފަހަރުގެ އައު ފޯމެޓަށް ކުޅުމަށް ހަމަޖެހިފައިވާ ޕްރިމިއަރ ލީގަކީ އެއްގޮތަކަށްވުރެ ގިނަގޮތުން ފޯރިގަދަވެގެންދާނެ މުބާރާތެއްކަމަށް ބެލެވެއެވެ. އެގޮތުން ޒުވާން ކުޅުންތެރިންގެ އަދަދު ގިނަވުމާއި ޓީމްތަކުން ކުޅުންތެރިންގެ ސޮއި ހޯދުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށްލެވެއެވެ.
ފޮޓޯ: ފޭސްބުކް/ޑަ ގްރާންޑޭ
Club Eagles da grande Dhivehi Premier League Maziya Sports and Recreation Club