News

ކްލަބް އީގަލްސް ޔޫތް ޓީމް ފަރިތަކުރުންތައް ޖަނަވަރީ 3 ވަނަ ދުވަހު ފަށަނީ.

31 ޑިސެންބަރު 2018






ކްލަބް އީގަލްސްގެ 21 އަހަރުން ދަށުގެ ޔޫތް ޓީމް ފަރިތަކުރުންތައް އަންނަ މަހު، ޖަނަވަރީ 3 ވަނަ ދުވަހު ފަށާގޮތަށް ނިންމައިފިއެވެ. އަންނަ އަހަރުގެ ޔޫތް ޗެމްޕިއަންޝިޕަށް ތައްޔާރުވުވުގެ ގޮތުން އެންމެ ފުރަތަމަ ފަރިތަކުރުންތައް ފަށާބަޔަކަށް ވަނީވެސް ކްލަބް އީގަލްސްއެވެ.

ޖެހިޖެހިގެން ތިން އަހަރު ޔޫތް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ރިކޯޑްހެދުމަށްފަހު މިއަހަރުގެ ޔޫތް މުބާރަތް އީގަލްސް ނިންމާލަން ޖެހުނީ ބޮޑު މާޔޫސްކަމަކާއެކުއެވެ. މިއަހަރުގެ ޔޫތް މުބާރާތުގެ ޗެމްޕިއަން، ކްލަބް ގްރީން ސްޓްރީޓް މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި އީގަލްސްގެ މައްޗަށް ޕެނަލްޓީޖަހައި ކުރިހޯދައިގެންނެވެ.

އަންނަ އަހަރުގެ 21 އަހަރުން ދަށުގެ ޔޫތް މުބާރާތުގައި ބައިވެރިވާ ޓީމް ތަކުގެ އަދަދަށް ފާހަގަކުރެވޭ ކުރިއެރުމަށް އަންނާނެއެވެ. އެންމެ ފަހުގެ ދެމުބާރާތުގައި ބައިވެރިވެ ވާދަކުރީ އެންމެ ހަތަރު ޓީމެވެ.

މިފަހަރުވެސް ކްލަބް އީގަލްސްގެ ޔޫޓް ޓީމް ނިކުންނާނީ ކޯޗް އިބްރާހީމް ސަޢީދު (ކަކާ) ގެ އިރުޝާދުގެ ދަށުންނެވެ. އީގަލްސްގެ 21 އަހަރުން ދަށުގެ ޔޫތް ޓީމުގެ އިސް ކޯޗެއްގެ ގޮތުގައި އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އަދި މިހާރު ދިވެހި ޤައުމީ ޓީމްގެ އެސިސްޓެންޓް ކޯޗެއްގޮތުގައި ހުރި އަޙުމަދު ޝާކިރު (ޝާކިއްޓެ) ވަނީ މިދިޔަ އަހަރު ކްލަބް އީގަލްސްއަށް ޖެހިޖެހިގެން ތިން ފަހަރު ޔޫތް މުބާރާތް ކާމިޔަބުކޮށްދިނުމަށްފަހު އެފް.އޭ.އެމްގެ ފުޓްބޯޅަ ޑިވިލޮޕިންގް ސައިޑާއި ގުޅި، ޢީގަލްސްއާއި ދުރަށް ޖެހިލާފައެވެ. ޝާކިއްޓެގެ މި ނިންމުމާއި އެކު ކްލަބް އީގަލްސްގެ ޒުވާން ޓީމގެ ޒިންމާތަކާއި ހަވާލުވެގެން ކުރިއަށް ނިކުތީ ކަކާއެވެ. 2017 އަދި 2016 ގެ ޔޫތް މުބާރާތް އީގަލްސްއިން ޝާކިއްޓެ އިރުޝާދުގެ ދަށުން ކާމިޔާބު ކުރިއިރު ކަކާ ވަނީ ޝާކިއްޓެގެ އެސިސްޓެންޓް ކޯޗުގެގޮތުގައި މަސައްކަތްކޮށްފައެވެ. ކަކާއަކީ 2016 އިން ފެށިގެން އީގަލްސް ސީނިއަރ ސައިޑްގެވެސް އެސިސްޓެންޓް ކޯޗެކެވެ.

ކްލަބް އީގަލްސްއަކީ އަބަދުވެސް ޒުވާން ކުޅުންތެރިންނާއި އެކު ފާހަގަކޮށްލެވޭ ކްލަބެކެވެ. ފާއިތުވި އަހަތުތަކުގައިވެސް އީގަލްސް ސީނިއަރ ޓީމްގައިވެސް ޒުވާން ކުޅުންތެރިން އަންނަނީ ތަފާތު ދައްކަމުންނެވެ. މީގެ ތެރެއިން ބައެއް ކުޅުން ތެރިންނަކީ ޓީމުގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިންނެވެ.



Leave a Comment:

Comments will be published after moderation.