News

ސެންޓޭ އާއި ދަގަނޑޭ އާ ސީޒަނަށް ވެލެންސިއާ އަށް

1 ޑިސެންބަރު 2020






އާ ސީޒަނަށް އަލީ އަޝްފާގް (ދަގަނޑޭ)  އާއި އަލީ ފާސިރު (ސެންޓޭ) ކްލަބް ވެލެންސިއާ އަށް ސޮއިކޮށްފިއެވެ.

އަޝްފާގް އަކީ 2001 ވަނަ އަހަރު ވެލެންސިއާއިން ކެރިއަރު ފެށި ކުޅުންތެރިއެވެ. ވެލެންސިއާ އާއި ގުޅިފައި މިވަނީ 15 އަހަރަށްފަހުއެވެ.  ދަގަނޑޭ ވެލެންސިއާ އާއި އެކު ހޭދަކުރި 4 އަހަރު އޭނާވަނީ ހަތަރުފަހަރު ދިވެހި ލީގު ވެލެންސިއާއަށް ކާމިޔާބުކޮށްދީފައެވެ. އަދި އެފްއޭކަޕް އެއްފަހަރު އަދި ކަޕްވިނާޒް ކަޕް ދެ ފަހަރު ވެލެންސިއާއަށް ކާމިޔާބުކޮށްދިނެވެ.

އޭގެ ފަހުން ވެލެންސިއާ ދޫކޮށް ދަގަނޑޭ ގުޅުނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއެވެ. ބްދޫނާއީގެ ޑީޕީއެމް އެފްސީ އާއި  އައްޑޫ އެފްސީ، މެލޭޝިޔާގެ ޕީޑީއާރްއެމް އާއި މާޒިޔާ، ކްލަބް ގްރީން ސްޓްރީޓްސް އަދި ޓީސީ ސްޕޯޓްސް ކްލަބަށްވެސް ދަގަނޑޭ ކުޅެފައި އެެވެ. ދަގަނޑޭ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަދި ފުޓްބޯޅައިން ރާއްޖެއަށް ރަންވަނަތައް ހާސިލްކޮށްދީފައިވާ އޭރިއާ ބައްރުގެ ސަރަހައްދީ ފުޓްބޯޅައިގައިވެސް ވަރުގަދަ ކަމެކެވެ. 


ސެންޓޭ އަކީވެސް ކުރިން ވެލެންސިއާ އަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ އެނބުރި ވެލެންސިއާ އާއި މި ގުޅުނީ 10 އަހަރު ފަހުންނެވެ. ސެންޓޭ އެންމެ ފަހުން ކުޅުނީ ކްލަބް އީގަލްސް އަށެވެ. ރާއްޖޭގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދާފައިވާ ސެންޓޭ އަކީ ކުރިން ވިކްޓްރީގެ އިތުރުން ނިއުރޭޑިއަންޓް، އޭވައިއެލް އަދި ޓީސީއަށް ވެސް ކުޅެފައިވާ ތަޖްރިބާކާރު ފޯވާޑެކެވެ.


އާ ސީޒަނަށް އަޝްފާގް އަދި ސެންޓޭގެ ސޮއި ހޯދާފައިވާ ވެލެންސިއާއިން ވަނީ ޓީމު ވަރުގަދަ ކުރުމަށް މި ސީޒަނުގައި ގިނަ ކުޅުންތެރިންތަކެއް އެ ކުލަބަށް ގެނެސްފައެވެ. އޭގެ ތެރޭގައި ގައުމީ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ)، ގޯލް ކީޕަރު ހަސަން ތޮލާލް އަދި ސްޕެއިންގައި ކުޅެމުން އައި ޒުވާން ކުޅުންތެރިޔާ ޒާން އިސްމާއިލް އާމިރުވެސް ހިމެނެއެވެ. އާ ސީޒަނަށް ކްލަބް ވެލެންސިއާގެ ހެޑް ކޯޗަކަށް ހަމަޖައްސާފައިވަނީ މުހައްމަދު  އާތިފްއެވެ. 

Sentey

Leave a Comment:

Comments will be published after moderation.