News

އޭއެފްސީ ބްރެކެޓް ޗެލެންޖް އަޝްފާގް ކާމިޔާބުކޮށްފި، މި ފަހުރުވެސް ރާއްޖެއަށް

29 ނޮވެމްބަރު 2020






ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އޭއެފްސީ ކަޕް ބްރެކެޓް ޗެލެންޖް ކާމިޔާބުކޮށްފިއެވެ.

މިޗެލެންޖް ދަގަނޑޭއަށް ކާމިޔާބުވީ އޭނާގެ ސަޕޯޓަރުންގެ ބުރަ މަސައްކަތުން ފައިނަލުގައި 89 އިންސައްތަ ވޯޓު ހޯދައިދިނުމުންނެވެ.

އޭއެފްސީ ބްރެކެޓް ޗެލެންޖްގައި ހޮންގކޮންގ ގެ ޗަން ސިއު ކީ އާއި ވާދަކޮށް އަޝްފާގް އެއްވަނަ ހޯދާފައި މިވަނީ މިދިޔަ ގަރުނުގެ އެންމެ މޮޅު ސޯލޯ ގޯލު ހޮވުމަށް އޭއެފްސީ ކަޕުން  ކުރިޔަށް ގެންދިޔަ އޮންލައިން ޕޯލަކުންނެވެ. މިއީ މީގެ 7 ވަރަކަށް ހަފްތާ ކުރިން އެކި އަހަރުތަކުގެ އޭއެފްސީ ކަޕްތަކުން ފާހަގަ ކޮށްލެވުނު މޮޅު 32 ގޯލް ބައިވެރިކޮށްގެން ނެގި ޕޮޕިއުލަރިޓީ ވޯޓެކެވެ. ދަގަނޑޭ މިވަނީ ވޯޓުގެ ކޮންމެ ބުރެއްވެސް ކާމިޔާބުކޮށް ފައިނަލާ ހަމައަށް ދަތުރުކޮށް ފައިނަލުން ފަހްރުވެރި އެއްވަނަ ހޯދައިގެން ރާއްޖެއަށް މި ޝަރަފު ހޯދައިދީފައެވެ.

އޭއެފްސީ ބްރެކެޓްގެ ޗެލެންޖްގައި ހޮވާފައިވާ އެންމެ މޮޅު ސޯލޯ ގޯލަކަށް ދަގަނޑޭގެ ގޯލު ހޮވުނު އިރު އެއީ އޭނާ 2013 ވަނަ އަހަރު އޭއެފްސި ކަޕްގައި ނިއުރޭޑިއަންޓަށް ޖަހައިދިން ހިތްގައިމު ގޯލެކެވެ.

މީގެ ކުރިންވެސް ދަގަނޑޭ ވަނީ އޭއެފްސީން ހޮވި އެންމެ މޮޅު ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އަދި މިއަހަރު އިނގިރޭސި އޮންލައިން ނޫހަކުން ހޮވި ކެރިއަރުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓުން ދަނގަޑޭވަނީ 6 ވަނަ ހޯދާފައެވެ. ދަގަނޑޭ އަކީ މި ސަރަހައްދުގައި ނަން ވިދާ އަދި ބައިނަލްއަގްވާމީ މެޗުތަކުން ރާއްޖެއަށް ރަންވަނަތައް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކުޅުންތެރިއެކެވެ. 

ފޮޓޯ: އޭއެފްސީ 



Leave a Comment:

Comments will be published after moderation.