News
އެފްއޭއެމް ފައުންޑޭޝަނުން ދިރިއުޅުން ބަދަލުކޮށްލަދޭނޭ: ބައްސާމް
28 ނޮވެމްބަރު 2020
އެފްއޭއެމް ފައުންޑޭޝަން ވެގެންދާނީ ދިވެހި ޒުވާނުންނާއި އެހެނިހެން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް 'ލައިފް ޗޭންޖް' ކޮށްލަދޭނޭ ފައުންޑޭޝަނަކަށް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
ވިދާޅުވެއްޖެއެވެ.
އިއްޔެ އެފްއޭއެމް ފައުންޑޭޝަން ލޯންޗް ކުރުމަށް ގަލޮޅުދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބައްސާމް ވިދާޅުވީ މިއަދު ފުޓްބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫން ކަމަށާއި ފުޓްބޯޅައަކީ މުޖުތަމައަށް ޒުވާނުން ބިނާ ކުރާ ވަރުގަދަ އިންސްޓިޓިއުޝަނެއް ކަމަށެވެ.
އެފްއޭއެމް ފައުންޑޭޝަން ލޯންޗް ކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފެވެ.

ސްޕޯޓްސް މިނިސްޓަރު މަހްލޫފް އެފްއޭއެމް ފައުންޑޭޝަން ލޯންޗް ކޮށްދެއްވަނީ
އެފްއޭއެމް ފައުންޑޭޝަނަކީ ފީފާ އާއި އޭއެފްސީގެ އެހީތެރިކަމާއި ތަޖްރިބާކާރުންގެ އިރުޝާދާ ލަފާ ބޭނުންކޮށްގެން އުފެއްދި ފައުންޑޭޝަނެކެވެ. މި ފައުންޑޭޝަނަކީ މުޅި ރާއްޖޭގައި ހަރަކާތްތައް ހިންގާނެ ފައުންޑޭޝަނެއް ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ. "ފުޓްބޯޅައަކީ އެކީގައި ގުޅިގެން މަސައްކަތްކޮށްފިނަމަ ދިރިއުޅުން ބަދަލުކުރެވޭނީ ކަމެއް، އަޅުގަނޑު ގަބޫލުކުރާހިތް އޮތީ ކުރިޔަށްވުރެވެސް ވަރުގަދަކޮށް މި މަސައްކަތް ފެށިގެންގޮސް އަތޮޅުތެރޭގައި ތިބި ކުޅުންތެރިންނަށްވެސް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރުން، މުޅި ރާއްޖޭގެ މުޖުތަމައު އެއްބައިވެ މަސައްކަތްކުރުން މުހިންމު" ކަމަށް ބައްސާމް ވިދާޅުވިއެވެ.
އެފްއޭއެމް ފައުންޑޭޝަނުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައް ބެހިފައިވާ މައިގަނޑު ހަތަރު ބަޔަކީ:
1. އެޑިއުކޭޝަން އެންޑް އެވެއާނަސް ޕްރޮގްރާމް
2. ސޯޝަލް އެންޑް ކޮމިއުނިޓީ ޕްރޮގްރާމް
3. ފުޓްބޯލް އިވެންޓްސް
4. އެޑިޝަނަލް ރިސޯސަސް އެންޑް ޗެރިޓަބަލް އިވެންޓްސް

ގުޑްވިލް އެމްބެސެޑަރު ޝާހް އިސްމާއިލް
އެފްއޭއެމް ފައުންޑޭޝަން ލޯންޗުކުރުމަށް ފަހު ފައުންޑޭޝަންގެ ގުޑްވިލް އެންބެސެޑަރުންނާއި ޕާޓްނަރުން ވެސް ވަނީ ހަމަޖައްސާފައެވެ. އެފްއޭއެމް ފައުންޑޭޝަންގެ ގުޑްވިލް އެންމެސެޑަރުންނަކީ އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކެއްޓްރީ ޝާހް އިސްމާއިލް، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީ، ރާއްޖޭގެ އެއްވަނަ ނަމްބަރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އާއި ގައުމީ އަންހެން ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރު، ގައުމީ އަންހެން ޓީމުގައި މޮޅު ކުޅުމެއް ދެއްކި މަރިޔަމް މިރްފަތު، ގައުމީ އަންހެން ޓީމުގެ ޒުވާން ކުޅުންތެރިޔާ ލައިޝާ ޖުނައިދު، އަދި އަރަމުން އަންނަ ހުނަރުވެރި ތަރި އީތަން އިބްރާހިމް ޒަކީ އެވެ.
އެފްއޭއެމް ފައުންޑޭޝަންގެ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަދި އެޑްވޮކޭޓިން ރައިޓްސް އޮފް
ޗިލްޑްރެން (އާކް) އެވެ.
ފޮޓޯތައް: އެފްއޭއެމް