News
"ހިތްވަރޭ، ހިތްވަރޭ! ، ހިތްވަރޭ، ހިތްވަރޭ!"
8 މާރިޗު 2019
މަޖީދީމަގުން ޤައުމީ ފުޓްބޯޅަ ސްޓޭޑިއަމް ހިމެނޭ ސަރަހައްދަށް މެންދުރު ފަހުގެ ވަގުތެއްގައި ދެވިއްޖެނަމަ އިވޭނެ އެއްއަޑަކީ އެ ހިސާބުގައި މިދުވަސްވަރު ހިއްޕާލާފައިހުންނަ ބެރުތަކާއި ދުންމާރީގެ އަޑެވެ. އެ އަޑުތަކަކީ ޤައުމީ ފުޓްބޯޅަ ސްޓޭޑިއަމްއިން ނިކުމެގެން އެ ޞަރަހައްދުގައި ފެތުރިގެންދާ އަޑެކެވެ. އެއީ މިދުވަސްވަރު އެންމެ ފޯރިއާއި އެކު ކުރިއަށްދާ މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފޯރިއެވެ.
އޮރެންޖް، ރީނދޫ، ދަނބު، ފެހި، ރަތް، ނޫ، އަޅި. މި ކުލަތަކީ މަޖީދީމަގު އޮލިމްޕަސްކުރިމަތިން ފެށިގެން ގަލޮޅު ސަހަރާއިދެމެދު މިދުވަސްވަރު މެންދުރު ފަހުގެ ވަގުތުތަކުގައި ފެންނާނެ އެންމެ އާންމުކުލަތަކެވެ. ކީއްވެގެންކަން އެނގޭތޯއެވެ؟ އެވެސް މިދުވަސް ސްކޫލްތަކުގައި ހުމެއްހެން ފެތުރިފައިވާ އިންޓަރ ސްކޫލް ފުޓްބޯޅަ ފޯރިއެވެ. ސްކޫލް ކުދިން އެކުދިންގެ ކުޅިވަރު ޔުނީފޯރމްގައި ގަލޮޅު ދަނޑު ހިމެނޭ ޞަރަހައްދުން އެފެންނަނީ އެ ދަރިވަރަކު ނިސްބަތްވާ ސްކޫލެއްގެ ޓީމަށް ހިތްވަރުދީ ސަޕޯރޓްކުރުމަށް ދަނޑުގައި ހަރަކާތްތެރިވާތީއެވެ. ދަރިވަރުން އެކަންޏެއްނޫނެވެ. ބެލެނިވެރިންނާއި ޓީޗަރުންވެސްމެއެވެ. ކުޅުންތެރިންގެ އާއިލާތަކާއި ރައްޓެހިންވެސްމެއެވެ.
ޤައުމީ ސަލާމުގެ ރިވެތި އާދައިން ކުޅުންތެރިން މެޗުތައް ފަށާއިރު ބައެއް ފަހަރު ދިވެހި ޤައުމީ ޓީމު މެޗުތައް ކުޅެމުންދާއިރު ގަލޮޅު ދަނޑުން ކުރެވޭ ކަހަލަ އިހުސާސްއެއްވެސް ބައެއްފަހަރު ކުރެވެއެވެ. ތަފާތު ވައްތަރުގެ ބެނާތައް ޓީމުތަކުން ޓީމަށް ސަޕޯޓްކުރުމަށް ބޭނުންކުރާއިރު އަނެއްބައި ޓީމުތަކުން ވިހުރަނީ ސްކޫލްގެ ދިދަތަކެވެ. ފުއްޕާހަމާއި ޕޮންޕޮންއެވެ. ބެރުތަކާއި ދުންމާރިތަކެވެ. އެ ޓީމަކަށް ނިސްބަތްވާ ދަރިވަރުން އެއްކުލައަކުން އެއްތަނެއްގައި ތިބެ އެދޭ ސަޕޯޓުން ދަނޑުމަތީގައި އެވަގުތު ކުޅެމުންދާ ކުޅުންތެރިންނަށް ކުރެވެނީ ތަފާތު އިހުސާސެކެވެ. ސްކޫލް ބޭންޑްތަކުގެ ކުދިން ހަމައަޅުވާ ޖަހަމުން އެދާ ބެރުތަކުން މެންދުރުގެ ހޫނުގައި ކުޅެންޖެހުނަސް ވަރުބަލިކަންވެސް އިހުސާސްވެސް ނުވާފަދައެވެ. އެހާވެސް ފޯރިގަދައެވެ.
![]() |
މެޗުތަކުގެ ނަތީޖާ ނިކުންނަ ގޮތުން ދަނޑުގެ އެއްފަރާތުން ޓީމުތަކުން ޝުކުރުގެ ސަޖިދަ ކުރާއިރު އެ ޓީމުގެ ސަޕޯޓަރުން އުފަލުން ނަށާ އަޑުން އަޑުނަގާ ޓީމަށް ސާބަސްދޭތަންފެނެއެވެ. ކުޅުންތެރިންނާއެކު ފޮޓޯ ނެގުމާއި ސެލްފީ ނެގުމާއި ކުޅުންތެރިންނާއި ސަލާމްކުރުމަށް އަތްދިއްކުރަމުން ދާތަން ފެނެއެވެ.
ހަމަ އެހިނދު ދަނޑުގެ އަނެއް ފަރާތުގައި މޮޅިވެރިކަމާއި މާޔޫސްކަމާއިއެކު ކަރުނައިން ފުރިފައިވާ ލޯތައް މިމަންޒަރުތައް ބަލަން ހުއްޓިފައިތިބޭ މަންޒަރުވެސް ފެނެއެވެ. ޓީމުގެ އޮފިސަލުން ކުޅުންތެރިންނަސް ހިތްވަރު ދެމުންދާއިއިރު ކުޅުންތެރިންގެ ބެލެނިވެރިންނާއި އާއިލާތައްވެސް ތިބެނީ ހަމަ އެ ފަދަ ހާލަތައްގައެވެ. ކުރިއަތް އޮތް މެޗުތަކުން ކުރިހޯދޭނެ ކަމަށް ބުނެ ހިތްވަރުގެ ބަސްތަކުން ކުޅުންތެރިންނަށް ހިތްވަރުލާދެމުން ބޮލުގައި ފިރުމާލަނީ ޓީމު ދަނޑުމަތީގައި ލީ ހިތްވަރަށް ސާބަސްދެމުންނެވެ.
މިހުރިހާ ވަގުތެއްގައިވެސް ދެގޮތެއްނުވެ ތިބެނީ އެ ސްކޫލް ޓީމެއްގެ ސްޕޯރޓަރުންނެވެ. މެޗު ފެށިގެން ނިމެންދެން އެއްވާނަކަށް، އެއް ރާގަކަށް، އެއް ހަމައަކަށް އެ ކިޔާ މޮޅު ލަވަތަކާއި ބައިތުތަކުން ޓީމުގެ މައިބަދައަށްވެދެނީ ދަނޑުގައި ގުގުމަމުންދާ މި ސަޕޯޓަރުންގެ އަޑެވެ.
ފެނިގެންދަނީ ވަރަށްވެސް ރޫހުން ފުރިގެންވާ، ވަރަށް ސްކޫލްވަންތަ މަންޒަރުތަކެކެ. ދުވަހުގެ ބުރަ ސްކޫލް ތާވަލް ނިންމާލުމަށްފަހު އެހުންނަ ވަރުބަލިކަމާއިއެކު ބެރުތަކާއި ލޯފޮތިތައް ހިފައިގެން ދަނޑަށްވަދެ ގަޑިއިރުތަކެއް ވަންދެން ވަރުބަލިކަމެއްނެތި އެދޭ ސަޕޯޓުން ފެނިގެންދަނީ ޓީމަށް އޮތް ލޯތްބެވެ. ސްކޫލަށް އޮތް ލޯތްބެވެ. ފުޓްބޯޅައަށް އޮތް ލޯތްބެވެ. ހިތާމައާއިއެކުވެސް މިއީ މިހާރު ދިވެހި ފަސްގަނޑުން ފަނޑުވެފައިވާ އަސަރެކެވެ. މި ފަނޑުވެފައިވާ އަސަރު އަނބުރާ ދިރުވާ އާލާކުރުމަށް އެފް.އޭ.އެމް އިން މިފަހަރުގެ އިންޓަރ ސްކޫލް ދެ އުމުރުފުރާގެ މެޗުތައް ގަލޮޅު ދަނޑުގައި ކުޅޭ ގޮތަށް ނިންމާ، މެޗުތައް ބަލަން ހިލޭ ވަދެވޭގޮތަށް ނިންމި ނިންމުމަކީ ވަރަށްވެސް ފުރިހަމަ ނިންމުމެކެވެ. މި ނިންމުގެ ސަބަބުން މި ކުޅުންތެރިން ހިތްތަކުގައި، ކުޅުންތެރިންގެ އާއިލާތަކުގެ ހިތްތަކުގައި، ކުޅުންތެރިންގެ ރައްޓެހިގެން ހިތްތަކުގައި، މި ޓީމުގެ ތަކުގެ ކުދި ބޮޑު އެކި އުމުރުފުރާތަކުގެ ސަޕޯޓަރުންގެ ހިތްތަކުގައި، މި ޖީލުގެ ހިތްތަކުގައި އާލާވެގެންދާނީ އިންޓަރ ސްކޫލް މުބާރާތުގެ ލޯތްބެވެ. ގަލޮޅު ދަނޑަށް އޮންނަ ސައުޤުވެރިކަމެވެ. ދިވެހި ފުޓްބޯޅައަށް އޮންނަ ފޯރިއެވެ. މިކަމަށްޓަކައި އެފް.އޭ.އެމް އަށް ހިތްވަރޭ، ހިތްވަރޭ!
![]() |
ގޭތެރޭގެ ޒިންމާތައް ހުރި ނަމަވެސް ދަރިފުޅުގެ ޓީމު ކުޅޭތަން ބަލާލުމަށް ކޮއްކޮމެން ގޮވައިގެން މަންމަ އިނދެ އެލަވާ ސަޕޯޓުގެ ހަޅޭކަކީ އެންމެ އަސަރުންފުރިގެންވާ އަޑެވެ. އެމަންޒަރު ބަލަން ކަޅިޖަހައިނުލައި އެއިނީ އެއްކަލަ ތުއްތު ތުއްތު ކޮއްކޮއެވެ. އަދި އެ ތުއްތު ތުއްތު ސިކުނޑިއަށް މަންމަގެ އެ އަޑުގެ ފަހަތުގައި އޮތީ ކިހާ ބާރެއްކަން އިހުސާސްނުވިނަމަވެސް، އެ ތުއްތު ހިތުން އެ އަޑުގެ ބާރު އިހުސާސްކުރާނެ ދުވަސް އަންނާނެއެވެ. އެ އަޑު ދަނޑުމަތީގައި ކުޅެމުންދާ ދަރިފުޅުގެ ކަންފަތަށް ޖަހަމުންދާ ބެރުތަކުގެ އަޑުގަދަކަމާއިހުރެ ނުފޯރިއަސް އެ ދަރިފުޅުގެ ފަހަތުގައި އެއަޑުގެ ބާރު ވިއްދާފައި ހުންނާނެއެވެ. މިފަދަ ބެލެނިވެރިންނަށްވެސް "ހިތްވަރޭ، ހިތްވަރޭ"
"އެއްޓީމެއް – އެއްހުވަފެނެއް". "އެއް ކުލައެއް – އެއް ބައެއް". "އެކައްޗެއްގޮތުގައި، އެކައްޗަކަށް، ހިތާ ރޫހުން، ފަހުވަގުތާ ޖެހެންދެން މޮޅަކަށް." މިފަދަ ބައެއް ޝިއާރުތައް ޓީމުތަކުން ބޭނުންކުރަމުންދާއިރު މި ޝިއާރުގެ ދަށުން ދަނޑުމަތިން ކާމިޔާބު ހޯދުމަށް އެންމެ ބޮޑަށް އެހީތެރިވެދޭ ބަޔަކީ އެޓީމެއްގެ ސަޕޯޓަރުންނެވެ.
އެހެންކަމުން، ޓީމެއްގެ ފަހުތުގައި އޮންނަ ސަޕޯޓަރުންގެ ޓީމަށްވެސް " ހިތްވަރޭ ، ހިތްވަރޭ، ހިތްވަރޭ، ހިތްވަރޭ!"
ފޮޓޯ: އިމޭޖަސް.އެމްވީ ، ސަން
އިންޓަރ ސްކޫލް ފުޓްބޯލް ޓްވާރޑްސް ފިއުޗަރ

