News
މެރެޑޯނާގެ ހަނދާނުގައި އާޖެންޓީނާގައި ގައުމީ ހިތާމައިގެ ތިން ދުވަސް ފާހަގަ ކުރަނީ!
26 ނޮވެމްބަރު 2020
އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރެޑޯނާގެ މަރުވުމުގެ ހިތާމައިގައި ގައުމީ ހިތާމައިގެ ދުވަހުގެ ގޮތުގައި ތިން ދުވަސް ފާހަގަ ކުރަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
މިއަދު ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި އާޖެންޓީނާ އިން ކަނޑައަޅާފައިވާއިރު މެރެޑޯނާ އަކީ އެގައުމުގެ ތާރީހުގައި ފުޓްބޯޅައިން އެންމެ އުސް ހަރުފަތްތައް ގިރާކޮށް އެންމެންގެ ހިއްތައް ފަތަހަކޮށް މުޅި ދުނިޔޭގެ އިހްތިރާމާއި ލޯބި ހޯދާފައިވާ ޝަހްސިއްޔަތެކެވެ.
މަރުވުމާ ހަމައަށްވެސް ފުޓްބޯޅައަށް ހިދުމަތް ކޮށްދިނުމުގައި ކޯޗެއްގެ ގޮތުގައި ހުރި މެރެޑޯނާ މަރުވީ ބުދަދުވަހު އޭނާގެ ގޭގައި ހުއްޓާ ހާޓް އެޓޭކެއް ޖެހިގެންނެވެ.
ދާދިފަހުން މެރެޑޯނާ ވަނީ ސިކުނޑީގެ އޮޕަރޭޝަނެއްވެސް ކޮށްފައެވެ. އަދި އެތައް ދުވަސްތަކެއް ވަންދެން ރާބޮއި މަސްތުވުމުގެ ވަބާއާއި ގުޅިގެންވެސް ގިނަ ދުވަސްތަކެއްވަންދެން މެރެޑޯނާ ވަނީ ފަރުވާ ހޯދާފައެވެ.
އިއްޔެ މެރެޑޯނާގެ ހަށިގަނޑުގެ ފޯސްޓް މޯޓަމް ހެދުމަށް ނިންމާފައިވާއިރު އޭނާގެ ހަށިގަނޑު ބާއްވަން ހަމަޖެހިފައިވަނީ ރަސްމީ އިއްޒަތުގައި ކާސާ ރޮސާޑާގައެވެ.
މެރެޑޯނާގެ މަރާއި ގުޅިގެން އިއްޔެ ޗެމްޕިއަންސް ލީގްގައި ކުޅުނު މެޗުތައް ފެށުމުގެ ކުރިން ވަނީ މެރެޑޯނާއަށް އިހްތިރާމް އަދާކުރުމުގެ ގޮތުން ހަމަހިމޭންކަމުގެ އެއް މިނިޓްގެ ސުކޫތެއް ގެނެސްފައެވެ. އަދި މިހަފްތާއި ޔޫރަޕްގައި ކުރިޔަށްދާ ހުރިހާ މުބާރާތްތަކެއްގެ މެޗުތައް ފެށުމުގެ ކުރިން އެއް މިނިޓްގެ ހަމަހިމޭންކަމުގެ ސުކޫތެއް ގެނައުމަށް ވަނީ ނިންމާފައެވެ
އުމުރުން 60 އަހަރުގެ މެރެޑޯނާގެ ކުއްލި ވަކިވެދިއުމާ އެކު ޝޯސަލް މީޑިއާގައި އެތައް ހާސް ބަޔަކު އަންނަނީ ހިތާމާ ފާޅުކޮށް މެރެޑޯނާގެ ހަނދާންތައް އާ ކުރަމުންނެވެ.
މެރެޑޯނާގެ ފުޓްބޯޅައިގެ ހަޔާތުގައި އޭނާ ކުޅެފައިވަނީ ބާސެލޯނާ އަދި ނަޕޯލީއަށެވެ.
އާޖެންޓީނާ އިން 1986 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބުކުރިއިރު މެރެޑޯނާ އަކީ އެޓީމުގެ ކެޕްޓަންއެވެ.
އެއަހަރުގެ މުބާރާތުގައި މެރެޑޯނާ ވަނީ ކުއާޓާ ފައިނަލްގައި އިންގްލޭންޑްގެ ގޯލަށް ވަރަށް އާދަޔާ ހިލާފު ގޯލެއް ޖަހާ މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ. މިއަދުވެސް ގިނަ ބަޔަކު އެ ގޯލް ސިފަ ކުރަނީ 'ހޭންޑް އޮފް ގޯޑް' ގޯލްގެ ގޮތުގައެވެ.