News
ބްރެކެޓް ޗެލެންޖް: ފައިނަލަށް ތައްޔާރުތަ؟ ދަގަނޑޭ އާއި ޗަންގެ ކުރިމަތިލުން ފެށޭނީ މާދަމާ
24 ނޮވެމްބަރު 2020
ހަ ހަފްތާގެ ވާދަވެރި ކުރިމަތިލުންތަކަށް ފަހު އޭއެފްސީ ކަޕް ބްރެކެޓް ޗެލެންޖް މިހާރު ވަނީ ފައިނަލާ ހަމައަށް ގޮސްފައެވެ.
ފައިނަލަށް ދިޔައީ ރާއްޖޭގެ ފުޓްބޯޅައިގެ )ރަސްގެފާނު އަލީ އަޝްފާގް (ދަގަނޑޭ އާއި ހޮންގކޮންގ ގެ ޗަން ސޮއި ކީ އެވެ.
ސަޕޯޓަރުންގެ މެދުގައި ނަގާ ޕޮޕިއުލަރިޓީ ވޯޓަކުން ދަގަނޑޭ އަށް ފައިނަލަށް އާދެވުނީ ސެމީފައިނަލްގައި ވިއެޓްނާމްގެ ހަނޯއީ އެފްސީގެ ގުޔެން ހުއާން ބަލިކޮށްގެންނެވެ. ސަޕޯޓަރުން ދަގަނޑޭއަށް ވޯޓު ދިނީ އެންމެ މޮޅު ގޯލް ހޮވުމަށް އޭއެފްސީ ކަޕްގެ އެކި އަހަރުތަކުގެ ތެރެއިން ނޮމިނޭޓްކޮށްފައިވާ 2013 ގައި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ދަގަނޑޭ ޖަހައިދިން ގޯލެކެވެ.
ފައިނަލުގައި ދަގަނޑޭ އާއި ވާދަ ކުރާ ސައުތް ޗައިނާ އޭއޭގެ ކުރީގެ ތަރި ޗަންގެ ފައިނަލާ ހަމައަށް އައީ މެލޭޝިޔާގެ ޖޯހޯ ދާރުލް ތައާޒިމްގެ ތަރި ސަފާވީ ރާޝިދު އާއި ވާދަކޮށް އޭނާ ބަލިކޮށްގެންނެވެ.
ފައިނަލްގެ ކުރިމަތިލުމަށް ވޯޓަށް ހުޅުވާލާނީ 25 ނޮވެމްބަރުވާ ބުދަ ދުވަހު އެވެ. 29 ނޮވެމްބަރާއި ހަމައަށް ވޯޓުލުމުގެ ފުރުސަތު އޮންނާނެއެވެ.
ދަގަނޑޭ ވަނީ އޭނާގެ ސަޕޯޓަރުން އޭނާ ފައިނަލާ ހަމައަށް ގެންގޮސްދިނުމުން އެކަމަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
އަދި ގައުމަށް ރީތިނަން ހޯދައިދިނުމަށް ގައުމީ ވާޖިބެއްކަމުގައި ދެކިގެން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފާނެ ކަމަށް ދަގަނޑޭ ވަނީ ބުނެފައެވެ. ބޯޅަޑޮޓްއެމްވީގެ އެމްބެސެޑަރ ކަމުގައިވާ ދަގަނޑޭއަށް ބޯޅަޑޮޓްއެމްވީން ކާމިޔާބީއަށް އެދެމެވެ.
ވޯޓަށް ހުޅުވާލުމުން ދަގަނޑޭއަށް މި ޗެލެންޖް ކާމިޔާބުކޮށްދިނުމަށް އަދި ރާއްޖެއަށް މި ފަހުރުވެރި އެއްވަނަ ހޯދައިދޭން ދިވެހިން ތިބޭނީ ތައްޔާރަށް ކަމާމެދު ޝައްކެއްނެތެވެ.