News

ފުނަދޫ ކައުންސިލް ކަޕް: ރޭގެ ދެ މެޗުވެސް 3-3 ން އެއްވަރު

24 ނޮވެމްބަރު 2020






ށ. ފުނަދޫގައި ކުރިޔަށްދާ ކައުންސިލް ކަޕް 2020 ގެ ރޭ ކުޅުނު ފުޓްސަލް މެޗުތައް އެއްވަރުވެއްވެއްޖެ އެވެ.

 

ރޭ ފިރިހެން ޑިވިޝަނުގައި ކުޅުނީ ފެނަކަ އާއި  ކޮމިއުނިޓީ ޕަވާ ހައުސް (ސީ.ޕީ.އެޗް) އެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެޓީމުން ވަނީ 3 ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަހަ ކޮށްފައެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފް ފަށައިގެން ފަސް ވަނަ މިނިޓްގައި ސީޕީއެޗް އިން ވަނީ މެޗުގެ ލީޑް ނަގާފައެވެ.


އެންމެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ސީޕީއެޗްގެ  ހަސަން ފާރިޝްއެވެ. އެހެންނަމަވެސް މާގިނަ އިރުތަކެއް ނުވެ މެޗުގެ 10 ވަނަ މިނިޓްގައި ފެނައިން ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ  1-1 އަކަށް ބަދަލުކޮށްލާފައެވެ. ފެނަކައަށް މި ލަނޑު ޖަހައިދިނީ މޫސާ އާދަމް  އެވެ.


އޭގެ ފަހުން މެޗުގެ 20 ވަނަ މިނިޓްގައި އަނެއްކާވެސް ފާރިޝް ވަނީ ސީޕީއެޗަށް ދެވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ. ފެނަކައިން ނަތީޖާ އެއްވަރު ކުރީ 28 ވަނަ މިނިޓްގައި މުއާޒު (ދޮންބެ) ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ސީޕީއެޗްގެ ކީޕަރަށް މަތަ ނުކުރެވުމުންނެވެ.


މެޗުގެ 32 ވަނަ މިނިޓްގައި ސީޕީއެޗްގެ 3 ވަނަ ލަނޑު ކާމިޔާބުކޮށްދިނީވެސް އެޓީމަށް ކުރިން 2 ގޯލްވެސް ކާމިޔާބުކޮށްދިން  ފާރިޝް އެވެ. ފާރިޝްގެ މި ހެޓްރިކާއެކު  ފެނަކައިގެ ކޯޗު  އަބްދުﷲ އަލީ ވަނީ ނުރުހުން ފާޅުކޮށް ރެފްރިއަށް ފާޑު ކިޔާފައެވެ. އެއާއެކު އޭނާއަށް ވަނީ ރީންދޫ ކާޑު ދައްކާފައެވެ.


އޭގެ ފަހުން މެޗުގެ 39 ވަނަ މިނިޓްގައި ފެނަކައިގެ އުނެއިޝް ވަނީއެޓީމަށް  3 ވަނަ ލަނޑު ޖަހައިދީ މެޗުގެ ނަތީޖާ 3-3 އަށް ބަދަލުކޮށްލާފައެވެ.   މި ނަތީޖާގައި އޮވެ މެޗު ނިމިގެން ދިޔައިރު ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާ 'މޭން އޮފް ދަ މެޗް' ގެ މަގާމު ހޯދީސީޕީއެޗްގެ ހަސަން ޕާރިޝްއެވެ.

ރޭ ކުޅުނު އަންހެން ޑިވިޝަނުގެ މެޗުގެ ތެރެއިން - ފޮޓޯ: އިންޓަރ އޮފީސް ޓޯނަމަންޓް ފޭސްބުކް ޕޭޖް

އަންހެން ޑިވިޝަނުގައި ރޭ ކުޅުނު މެޗުގައި ބައްދަލު ކުރީ މަގޭ ސާފު ފުނަދޫ (އެމްއެސްއެފް) ޓީމާއި ށ. އަތޮޅު ކައުންސިލްގެ އެސްއާރްސީ ޓީމެވެ. މި މެޗުވެސް ނިމިގެން ދިޔައީ  3-3 ގެ ނަތީޖާއިން ދެ ޓީމު

އެއްވަރުވެގެންނެވެ. 


 ރޭގެ މެޗުގައި އެންމެ ފުރަތަމަ މެޗުގެ ލީޑް ނެގީ އެސްއާރްސީ އިން ނެވެ. އެހެންނަމަވެސް އެއީ އިދިކޮޅު ޓީމުގެ އާމާލް އަތުން 5 ވަނަ މިނިޓްގައި ބައިކޮޅަށް ވަން ލަނޑެކެވެ. ފަހުން މެޗުގެ 25 ވަނަ މިނިޓްގައިއަ   އެސްއާރްސީން ލަނޑެއް ޖަހާ މެޗުގެ ލީޑް ފުޅާ ކުރިއެވެ. އެޓީމަށް ދެވަނަ ލަނޑު ޖަހައިދިނީ ނަތާޝާއެވެ. 


ނަތިޖާ ބަދަލުކޮށްދީ މެޗުގެ 33 ވަނަ މިނިޓްގައި އެމްއެސްއެފްގެ  ޒައިނާ ކާމިޔާބުކޮށްދިން ގޯލަކުންނެވެ. އޭގެ ފަހުން އެމްއެސްއެފް އިން ފުލުފުލުގައި ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ އެޓީމުގެ ކޮޅަށް އަނބުރާލިއެވެ. މި  ދެ ލަނޑު ކާމިޔާބުކޮށްދިިނީ މެޗުގެ 37 އަދި 38 ވަނަ މިނިޓްގައި  އީނާޒް އެވެ.  އެހެންނަމަވެސް އޭގެ އެއް މިނިޓް ފަހުން އަނެއްކާވެސް ކައުންސިލް ޓީމުން ލަނޑެއް ޖަހާ ނަތީޖާ އެއްވަރު ކުރިއެވެ. ކައުންސިލް ޓީމުގެ  3 ވަނަ ލަނޑު ކާމިޔާބުކޯށްދިނީ މެޗުގެ 39 ވަނަ މިނިޓްގައި ނަވްރާއެވެ. 


  3-3 ގެ ނަތީޖާއަކުން ރޭގެ މެޗުގައި ދެޓިމު އެއްވަރުވި އިރު ކުއީން އޮފްދަ މެޗުގެ މަގާމަށް ހޮވުނީ  އެސްއާރްސީގެ ހައްވާ ނުސްރާއެވެ.

 

މިރޭ ބައްދަލު ކުރާނީ އަންހެން ޑިވިޝަނުގައި ޕޮލިސް ލޭޑީސް އާއި ހޮސްޕިޓަލް ޓީމެވެ. ފިރިހެން ޑިވިޝަނުގައިވެސް ބައްދަލު ކުރާނީ ޕޮލިސް ޓީމާއި ހޮސްޕިޓަލް ޓީމެވެ. 



Leave a Comment:

Comments will be published after moderation.