News
"ކައުންސިލް ކަޕް 2020" ށ. ފުނަދޫގައި ފޯރީގައި ކުރިޔަށް ދަނީ!
23 ނޮވެމްބަރު 2020
ށ. ފުނަދޫގައި ކައުންސިލުން ކުރިޔަށް ގެންދާ "ކައުންސިލް ކަޕް 2020" ފަށައިގެން ވަރަށް ފޯރީގައި ކުރިޔަށް އެބަގެންދެއެވެ.
ފުނަދޫ ކައުންސިލުން ރާވައިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި މުބާރާތާއި ގުޅޭ ގޮތުން ބޯޅަޑޮޓްއެމްވީއަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް އަހުމަދު އިބްރާހީމްފުޅު ވިދާޅުވީ މިއަހަރުގެ މުބާރާތް މި ފެށުނީ ކޮވިޑް-19 އާއި ގުޅިގެން ވަރަށްބޮޑަށް ލަސްވި ފަހުން ކަމަށެވެ.
އަހުމަދު ވިދާޅުވީ އެހެން އަހަރުތަކުގައި މި މުބާރާތް ބާއްވަނި ދުނިޔޭގެ ސިއްހަތު ދުވަސް، ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ނުވަތަ މިނޫންވެސް ހާއްސަ ދުވަހަކާއި ދިމާކޮށްކަމަށެވެ. އެހެންނަމަވެސް މިފަހަރު ކޮވިޑާއި ގުޅިގެން މުބާރާތް ލަސްވަމުން އައިސް ފެށުނީ 21 ނޮވެމްބަރު ގައި ކަމަށެވެ.
"މި މުބާރާތުގެ މަގްސަދަކީ ފުނަދޫގައި ގާއިމްކޮށްފައިހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ގުޅުން ހަރުދަނާ ކުރުމާއި ކުޅިވަރުގެ ރޫހް އާލާ ކުރުން، ދެން ޒުވާން ކުޅުންތެރިން އުފެއްދުން، މީގެ ތެރޭގައި އަޅުގަނޑުމެން ބޭނުންވާ ކަމެއްމީ އިޖްތިމާއި ރައްކާތެރިކަން، މިސާލަކަށް ގޭގޭގައި އާއިލާތައް ގުޅުން ހަރުދަނާ ކުރުމަށްޓަކާ އަންހެން ޑިވިޝަނެއް މި ބާއްވަނީ، އެ ކުޅުންތެރިން ކޮންމެހެން އޮފީސްތަކުގެ މުވައްޒަފުންނަށް ވާކަށް ވެސް ނުޖެހޭ" އަހުމަދު ވިދާޅުވިއެވެ.
ފުނަދޫ ކައުންސިލް ކަޕް ކުރިޔަށްދާނީ އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ދުވަހަށް ފައިނަލް މެޗު ތާވަލުކޮށްފައިވާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ އަންހެން އަދި ފިރިހެން ޓީމަށް ތައްޓާއި އެކު ކޮންމެ ޓީމަކަށްވެސް 7000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށާއި މުބާރާތުގައި ހޮވާ އެކި އެކި ވަނަތައް ލިބޭ ކުޅުންތެރިންނަށްވެސް އިނާމު ދިނުމަށް ހަމަޖެހިފައިވާ މި މުބާތުގައި ފިރިހެން 6 ޓީމާއި އަންހެން 5 ޓީމުން ވާދަކުރެއެވެ.
ރޭ މި މުބާރާތުގައި ކުޅުނު ފިރިހިން ޑިވިޝަނުގެ މެޗުގައި ބައްދަލުކުރީ ހޮސްޕިޓަލްގެ ޓީމާއި ދުވެލި ޓީމެވެ. މި މެޗުގައި 11-2 އިން ހޮސްޕިޓަލް ޓީމް ވަނީ ދުވެލި ބަލިކޮށްފައެވެ. ހޮސްޕިޓަލު ޓީމުން ވަނީ ފުރަތަމަ 10 މިނިޓްގެ ތެރޭގައިވެސް ދެވެލި ޓީމުގެ ހިތްވަރު އެލުވާލާ 3 ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ. މި ލަނޑުތައް ޖަހައިދިނީ ހޮސްޕިޓަލް ޓީމްގެ އަބްދުލް މާޖިދު (މާއްޓެ) ފަހިކޮށްދިން ފުރުސަތުތަކެއްގެ ބޭނުން ހިފާ އެޓީމުގެ ޖޯޒީ ނަންބަރު 10، އަހްމަދު ޒާހިދު (ޒާބެ) އެވެ.
އޭގެ ފަހުން މާއްޓެވެސް ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އޭގެ ފަހުން ހޮސްޕިޓަލް ޓީމަށް ފައިސަލް އަދި އިރުފާން ކާމިޔާބުކޮށްދިން ދެ ލަނޑާއި އެކު ފުރަތަމަ ހާފް ނިމިގެން ދިޔައީ ހޮސްޕިޓަލް ޓީމުން 9 ލަނޑު ކާމިޔާބުކޮށްގެންނެވެ. ދުވެލި ޓީމަށް ފުރަތަމަ ހާފުގައި އެޓީމުގެ ރިފާއުވަނީ ގޯލެއް ކާމިޔާބުކޮށްދީފައެވެ. އަދި ހޮސްޕިޓަލް ޓީމުގެ އިރުފާންގެ އަތުން ބައި ކޮޅަށްވެސް ލަނޑެއް ވަނެވެ. އެހެންކަމުން ދެވަނަ ހާފް ފެށިގެން ދިޔައިރު ނަތީޖާ އޮތީ 9-2 ން ހޮސްޕިޓަލް ކުރީގައެވެ.
ދެވަނަ ހާފްގައިވެސް ދުވެލި ޓީމަށް ކުރިއެރުމެއް ނުހޯދުނެވެ. އެޓީމު ކޮޅަށް ނަތީޖާ އަނބުރާލަން
އިތުރަށް އުނދަގޫވެގެންދިޔައީ ދެވަނަ ހާފްގައި ހޮސްޕިޓަލްގެ ޒާބެ އިތުރު ދެ ގޯލް
ޖެހުމުންނެވެ. ރޭގެ މެޗު ނިމިގެން ދިޔައީ
މި ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހޮސްޕިޓަލްގެ
މާއްޓެއެވެ.
ށ. ފުނަދޫ ކައުންސިލް ކަޕް 2020 ގައި ރޭ ކުޅުނު އަންހެން ޑިވިޝަނުގެ މެޗު ކާމިޔާބު ކުރީ 1-3 ން އެއާޕޯޓް ޓީމެވެ. މި މެޗުގެ ވަރަށް ކުރީ ކޮޅު މެޗުގެ ފުރަތަމަ ލަނޑުކަމަށް ރެފްރީ ކަނޑައެޅީ އެއާޕޯޓްގެ ގޯލްކީޕަރު ޝިފްލާ އެއްލި ބޯޅައަކުން ހޮސްޕިޓަލް ޓީމުގެ ކީޕަރު ޝަހާމާގެ އަތުގައި ޖެހިގެން ގޯލަށް ވަން ބޯޅަ އަކަށެވެ. އެއަށްފަހު މެޗުގެ 16 ވަނަ މިނިޓްގައި އަނެއްކާވެސް އެއާޕޯޓުން ވަނީ ލީޑް ފުޅާކޮށްފައެވެ. އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ފާތިމަތު ޝަރުމީލާ (ޝިއުނީ) އެވެ.
އެހެންނަމަވެސް ދެވަނަ ހާފްގައި ހޮސްޕިޓަލް ޓީމުގެ ކުޅުން ރަނގަޅުކޮށް އެޓީމުންވެސް ވަނީ ހަމަލާތަކެއް އެއާޕޯޓް ޓީމުގެ ގޯލަށް އަމާޒުކޮށްފައެވެ. ހޮސްޕިޓަލަށް ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ 33 ވަނަ މިނިޓްގައި އެޓީމުގެ ޒުލޭހާއެވެ. އޭގެފަހުން އަނެއްކާވެސް އެއާޕޯޓްގެ ޝަރުމީލާ (ޝިއުނީ) ވަނީ އެއާޕޯޓަށް 3 ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ނަތީޖާގައި އޮވެ ރޭގެ މެޗު ނިމިގެން ދިޔައިރުމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެއާޕޯޓްގެ ޝިއުނީއެވެ.
ކައުންސިލް ކަޕްގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ފިރިހެން ޑިވިޝަނުގައި ފެނަކަ އަދި ކޮމިއުނިޓީ ޕަވަރ ހައުސްގެ ޓީމެވެ. އަންހެން ޑިވިޝަނުގައި 'ފުނަފަތި' ޓީމް އަދި 'މަގޭ ސާފު ފުނަދޫ' ޓީމެވެ.
މި މުބާރާތުގެ ފިރިހެން ބައިގައި ވާދަކުރާ ޓީމް ތަކަކީ:
ޕޮލިސް
ޔުނައިޓެޑް ޕޮލިސް
ހޮސްޕިޓަލް
ފެނަކަ
ދުވެލި(އަތޮޅު ކައުންސިލް)
ސީޕީއެޗް(ކައުންސިލް ޕަވަރ ހައުސް)
އަންހެން ބައިގައި ވާދަކުރާ ޓީމުތަކަކީ:
ހޮސްޕިޓަލް
އެއާޕޯޓް
މަގޭ ސާފު ފުނަދޫ(އެމްއެސްއެފް)
ފުނަފަތި(އަތޮޅުކައުންސިލް)
ޕޮލިސް ލޭޑީސް