News

އެފްއޭއެމް ފައުންޑޭޝަން މިމަހު 27 ގައި ލޯންޗް ކުރަނީ

22 ނޮވެމްބަރު 2020






 މި ނޮވެމްބަރުމަހުގެ 27 ގައި އެފްއޭއެމް ފައުންޑޭޝަން ލޯންޗް ކުރުމަށް ނިންމާފައިވާކަމަށް ފުޓްބޯޅަ އެސޯއިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

 

ކޮންމެ ހަފްތާއަކު އެފްއޭއުމުން ފޭސްބުކް ލައިވް މެދުވެރިކޮށް ގެނެސްދޭ ޓޯކް ޝޯ "ލެޓްސް ޓޯކް ފުޓްބޯލް" ގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ  ހެޑް އޮފް އިންޓަނޭޝަނަލް ރިލޭޝަންސް، މަރިޔަމް އަންޖުމް އަފްޒަލް ވިދާޅުވީ ފައުންޑޭޝަންގެ  މަސައްކަތަކީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީޖްގެ އިސްނެގުމުވާއެކު އަދި އޭއެފްސީގެ ވަރަށް ހާއްސަ އެހީއާއެކު އެކު ކުރިޔަށް ގެންދާ ޕްރޮޖެކްޓެއް  ކަމަށެވެ.


އަދި ކުޅިވަރު ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް އެއް ކުޑައެއްގެ ދަށަށް ގެނެސް އެ މަސައްކަތް އިތުރަށް ފުޅާ ކުރުމަކީ މި ފައުންޑޭޝަނުގެ އެއް އަމާޒު ކަމަށް އޭނާ ވިދާޅުވިއެވެ.


އެފްއޭއެމް ފައުންޑޭޝަންގެ ޕްރޮގްރާމްތައް ރޭވިފައިވާނީ އދ ގެ ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ގޯލް، ފުޓްބޯޅައިގެ ތެރެއިން ހާސިލް ކުރުމަށް އަމާޒު ހިފައިގެން ކަމަށާއި، މި ޕްރޮގްރާމް ޑިޒައިންކޮށްފައިވާނީ އެކަންކްނ ހާސިލްވާނެ ގޮތްތަކަށް ވިސްނައިގެން ކަމަށްވެސް އަންޖުމް ވިދާޅުވިއެވެ.


"މި ޕްރޮގްރާމްގެ ފޯކަސް އޭރިއާތައް ބަލާފައިވާނީ ނޭޝަނަލް ކޮންޓެސްޓަށް ބަލާފަ ރާއްޖެއަށް އެންމެ  ރެލެވެންޓްވާނެ ގޮތަށް ވިސްނާފަ" އަންޖުމް ވިދާޅުވިއެވެ.


އެފްއޭއެމް ފައުންޑޭޝަނުން ކުރިޔަށް ގެންދާނެ ހަރަކާތްތަކާއި ގުޅޭ ގޮތުން އޭއެފްސީގެ ކޮންސަލްޓެންޓަކާއި މަޝްވަރާ ކުރެވިގެން ވަރަށް ރަނގަޅު ޕްލޭނެއް އެކުލަވާލެވިފައިވާ ކަމަށާއި، އެފްއޭއެމްގެ ވަކި ފުޓްބޯލް ސޯޝަލް ކަލަނޑަރެއްވެސް އެކުލަވާލާ ނިމިފައިވާ ކަމަށްވެސް އަންޖުމްވިދާޅުވިއެވެ.


ފީފާ އާއި އޭއެފްސީގެ މެންބަރު އެސޯސިއޭޝަންތަކާއި ފުޓްބޯޅަ ކުޅޭ ފަރާތްތަކުގެ ބައިވެރިވުންވެސް މި މަސައްކަތުގައި ލިބިގެންދާ ކަމަށް އަންޖުމް ފާހަގަ ކުރެއްވިއެވެ.


އެފްއޭއެމް ފައުންޑޭޝަންގެ އަމާޒަކީ ކުޑަކުދިންނާއި ޒުވާނުން އަދި ވަކިން ހާއްސަކޮށް މުޖުތަމައުގެ މާބޮޑު އަޅާލުމެއް ނުލިބި ބާކީވެގެންދާ ކުދިންވެސް ފައުންޑޭޝަންގެ ހަރަކާތްތަކުގައި ބައިވެރިކުރުމެވެ.


އަންޖުމް ވިދާޅުވީ އެފްއޭއެމް ފައުންޑޭޝަން ލޯންޗް ކުރުމަށްފަހު  ފައުންޑޭޝަންގެ ހަކަރާތްތައް ރާއްޖޭގެ އެކި ރަށްރަށުގައި ކުރިޔަށްދާނެ ކަމަށެވެ.


އެފްއޭއެމް ފައުންޑޭޝަނެއް ގާއިމުކޮށް ފުޓްބޯޅަ ތަރައްގީ ކުރުމަކީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމެކެވެ. 

FAM

Leave a Comment:

Comments will be published after moderation.