News
އަންނަ މަހު 13 ގައި ފަށާ ޕްރިމިއާ ލީގުގައި ކުޅޭނީ ތިން ބުރު، ވާދަކުރާނީ 8 ޓީމު
21 ނޮވެމްބަރު 2020
މި ފެށޭ އާ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުގައިމި ފަހަރު ވާދަކުރާނީ ޖުމްލަ 8 ޓީމު ކަމަށާއި ލީގުގައި ކުޅޭނީ 3 ބުރު ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހާމަކޮށްފިއެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ގެނެސްދޭ "ލެޓްސް ޓޯކް ފުޓްބޯލް" ޝޯގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ކޮމްޕެޓިޝަންސް ޑިޕާޓްމެންޓްގެ ހެޑް، އިސްމާއިލް ރިޔާޒް ވިދާޅުވީ ކުރިޔަށް އޮތް ސީޒަން ރާވާފައިވަނީ ސީޒަން ފެށުމުގެ ގޮތުން 8ޑިސެމްބަރުގައި ޗެރިޓީ ޝީލްޑް މެޗުން ފަށާ ގޮތަށް ކަމަށެވެ. އެ މެޗުގައި ބައްދަލު ކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ކްލަބް އީގަލްސް އެވެ.
އެއަށްފަހު 13 ޑިސެމްބަރުގައި ފަށާ ދިވެހި ޕްރިމިއާ ލީގުގައި ޖުމްލަ 8 ޓީމުން ވާދަކުރާނެ ކަމަށާއި ތިންބުރުގެ ކުޅުން ނިމުމަށްފަހު ދެން ކުޅޭނީ އެފްއޭ ކަޕާއި ގައުމީ މުބާރާތް ކަމަށް އޭނާ ވިދާޅުވިއެވެ.
ސީޒަން ކުރިޔަށްދާނީ އެޗްޕީއޭއިން އަންގާ އެންގުންތަކާއި އެއްގޮތަށް ކަމަށާއި އެޗްޕީއޭގެ އެންގުންތަކާއި އެއްގޮތަށް އެފްއޭމުން އަމަލު ކުރާނެ ކަމަށްވެސް އިސްމާއިލް ރިޔާޒް ވިދާޅުވިއެވެ.
މި ފަހަރުދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ޓީމުގެ ތެރޭގައި ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް، ޔުނައިޓެޑް ވިކްޓްރީ، ކްލަބް ގްރީން ސްޓްރީޓް، ކްލަބް އީގަލްސް، ދަ ގްރާންޑޭ، ކްލަބް ވެލެންސިއާ އެވެ. މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ކުޅުނު އަތޮޅުތެރޭގެ ޓީމުތަކަށް މި ސީޒަނުގައި ފުރުސަތުދީފައެއް ނުވެއެވެ. އެފްއޭއެމް އެގޮތަށް ނިންމީ ކޮވިޑް 19 އާއި ގުޅިގެން އަތޮޅު ފުޓްބޯޅަ މުބާރާތް މި އަހަރު ބޭއްވިފައި ނުވާތީ މިފަހަރު ދިވެހި ޕްރިމިއާ ލީގުން އަތޮޅުތެރޭގެ އެއްވެސް ޓީމަކަށް ފުރުސަތު ދިނުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެތީއެވެ.
ކޮވިޑް 19 ގެ ސަބަބުން މިދިޔަ ސީޒަން ވަކި ހިސާބަކުން ހުއްޓާލަން ޖެހުމާއި ގުޅިގެން ދިވެހި ފުޓްބޯޅަ އަށްވެސް ވަނީ ދަތި ދަނޑިވަޅެއް ދިމާވެފައެވެ. އެހެންނަމަވެސް އެފްއޭމް އާއި ކުލްބުތަކުގެ އެދުމުގެ މަތިން އެޗްޕީއޭއިން މިހާރު ވަނީ ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިން އާއި ހިލާފުނުވާނެހެން ކްލަބުތަކުގެ ފަރިތަކުރުންތައް ބޭއްވުމުގެ ފުރުސަތު ހޯދައިދީފައެވެ.
ކޮވިޑް-19 ގެ ލޮކްޑައުންގެ ހާލަތުގައިވެސް އެފްއޭއެމުން ވަނީ ޕްރިމިއާ ލީގަށް ތައްޔާރުވުމުގެ ގޮތުން ގިނަ ކަންތައްތަކެއް ދުރާލާ ރާވައިގެން ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން އަންނަ ސީޒަނުގައި ރެފްރީންކަން ކުރާނެ ފަރާތްތައް ކަނޑައަޅާ ރެފްރީންނަށްވެސް ހާއްސަ ތަމްރީނުތައް ދީފައިވެއެވެ. އަދި އެފްއޭމުން އަންނަނީ ކްލަބްތަކާއި އެކުވެސް ލީގު ފެށުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.
ކްވިޑް ބަލިމަޑުކަމާއެކު ރާއްޖޭގެ ކްލަބުތަކަށް ދިމާވި ގޮންޖެހުންތާއެކުވެސް ކްލަބުތަކުން އަންނަނީ އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ބާއްވަމުންނެވެ. އަދި ގިނަ ކުލަބުތަކުން ވަނީ ޓްރާންސްފާ ޕީރިއަޑްގައި ސްކޮޑަށް ބޮޑެތި ބަދަލުތަކެއްވެސް ގެނެސްފައެވެ.