News

ގާޑިއޯލާ ބޭނުން ވަނީ މެސީ ބާސާގައި ކެރިއަރު ނިންމާލަން

21 ނޮވެމްބަރު 2020






ލިއޮނަލް މެސީ އޭނާގެ ކެރިއަރުގައި ބާސެލޯނާގައި ހުރެ ނިންމާލަން ބޭނުންވާ ކަމަށް  މެންޗެސްޓާ ސިޓީ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ. 
މެންޗެސްޓާރ ސިޓީގެ ކޯޗުކަމުގައި އިތުރު ދެ އަހަރު މަޑު ކުރުމަށް އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އާ ކުރުމަށްފަހު ވާހަކަ ދައްކަމުން ގާޑީއޯލާ ބުނީ "މެސީ އަކީ ބާސެލޯނާގެ ކުޅުންތެރިއެއް، އަހަރެން މިހެން ބުނެފިން އެއްހާސް ފަހަރުވެސް، ފޭނެއްގެ ހައިސިއްޔަތުން އަހަރެން ބޭނުމީ ލިއޯ އެ ކުލަބުގައި ހުރެ ކެރިއަރު ނިންމާލަން" ކަމަށެވެ. 
މިދިޔަ ޓްރާސްފާ މުއްދަތުގައި ބާސާ ދޫކޮށް ސިޓީއާއި ގުޅުމަށް މެސީ ވަނީ ގާޑިއޯލާއާއި ފޯނުން މަޝްވަރާކުރި ކަމަށް ސްޕެއިންގެ މީޑިއާތަކުން ބުނެފައިވެއެވެ.އަދި އޭރު ގާޑިއޯލާ އާއި މެންޗެސްޓަރ ސިޓީ ވެސް އޮތީ މެސީ ގެންނަން ތައްޔާރަށެވެ.  އެހެންނަމަވެސް މެސީއަށް ބާސާ ދޫކޮށް ހިލޭ ދެވޭ ގޮތެއް ނުވުމުން ފަހުން އޭނާ ވަނީ ކުލަބާއެކު ސުލްހަވެފައެވެ. އަދި މި ސީޒަނުގައި ބާސާއިން ކުޅޭ މެޗުތަކުގައި މެސީ އަންނަނީ މޮޅުކުޅުމެއް ދައްކާ މުހިންމު ދައުރެއް އަދާކުރަމުންނެވެ. 
މެސީ އާއި އެކު ބާސާއިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ ހޫނު މޫސުމަށެވެ. އެހެންކަމުން ޖެނުއަރީ 1 ން ފެށިގެން ޕްރީ-ސީޒަން ކޮންޓްރެކްޓެއް ގޮތަށް ސްޕެއިން ނޫން އެހެން ގައުމެއްގެ ކުލަބަށް ސޮއި ކުރުމުގެ ފުރުސަތު މެސީއަށް އޮންނާނެއެވެ. 
އާޖެންޓީނާގެ ގައުމީ  ފުޓްބޯޅަ ޓީމުގެ ކެޕްޓަން މެސީ ބަލަމުން އައީ ބާސާ ދޫކޮށް މެންޗެސްޓާ ސިޓީ އާއި ގުޅުމަށެވެ. އެހެންނަމަވެސް މިދިޔަ އޮގްސްޓްގައި މެސީ އެދުނުގޮތުން ބާސާ ދޫކޮށް ދިއުމުގެ ފުރުސަތު އޭނާއަށް ބްލޮކްވީ ބާސާގެ އޭރުގެ ރައީ މަރިއާ ބާޓޮމެއުގެ ސަބަބުންނެވެ. ބާޓޮމެއު ވަނީ އޭގެ ފަހުން އޮކްޓޫބަރުގައި އިސްތިއުފާދީފައެވެ. އެހެންކަމުންދެން ބާސާގައި މެސީގެ މުސްތަގްބަލް އޮތް ގޮތެއް އަދި ނޭންގެއެވެ. 
ގާޑިއޯލާ ބުނީ މި އަހަރު މި ސީޒަނަށްފަހު މެސީގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނެ ކަމަށާއި، އެހެންނަމަވެސް އެއަށްފަހު މެސީގެ ވިސްނުން ހުންނާނެ ގޮތެއް ނޭންގޭ ކަމަށެވެ. 
33 އަހަރުގެ މެސީ އަކީ އޭނާގެ ފުޓްބޯޅަ ކެރިއަރު ބާސާއިން ފެށި ކުޅުންތެރިއަކަށްވެފައި އެކުލަބާއެކު އޭނާ ހޯދާފައިވާ ކާމިޔާބީތަކާއި ގުޅިގެން ފޭނުންވެސް އަދި ބާސާގެ މެނޭޖްމެންޓުންވެސް އެދެމުން އަންނަނީ މެސީ ބާސާގައި މަޑު ކުރުމަށެވެ. އެހެންނަމަވެސް ބާސާގެ މެނޭޖްމެންޓާއި މެދު މެސީގެ ހިތްހަމަނުޖެހުންތައް އޮތުމުން އޭނާ މިދިޔަ ޓްރާންސްފާ ޕީރިއަޑްގައި ކުލަބުދޫކޮށްލަން ހުށަހެޅުމުން ބާސާ އާއި އެހެނިހެން ކުލަބުތަކުގެ އެކުވެރިން މެސީގެ ދިފާއުގައި ވާހަކަ ދައްކާފައިވެއެވެ. އަދި މެސީ ބޭނުން ޓީމަކަށް ދިއުމުގެ ފުރުސަތު މެސީއަށް އޮންނަންވާނެ ކަމަށް ބައެއް އެކުވެރިން ބުނެފައިވެއެވެ. 


  ފައިލް ފޮޓޯ: ގެޓީ 


Leave a Comment:

Comments will be published after moderation.