News
ސައުދީ އަރަބިއްޔާގެ ފުރަތަމަ އަންހެން ފުޓްބޯޅަ ލީގު ފަށައިފި
18 ނޮވެމްބަރު 2020
ކޮރޯނާވައިރަހުގެ ބަލިމަޑުކަމާއި ގުޅިގެން ފަސްކޮށްފައި އޮތުމަށްފަހު އަންގާރަ ދުވަހު ސައުދީ އަރަބިއްޔާގެ ފުރަތަމަ އަންހެން ފުޓްބޯޅަ ލީގު ފަށައިފިއެވެ.
ސައުދީއަރަބިއްޔާގެ ރިއާޒް، ޖިއްދާ އަދި ދަމްމާމްގައި މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި 600 އަށްވުރެ ގިިނަ ކުޅުންތެރިން ބައިވެރިވެފައިވާއިރު މުބާރާތުގައިވާދަކުރަނީ ޖުމްލަ 24 ޓީމަކުންނެވެ. މިއީ މާޗްމަހު ފެށުމަށް ހަމަޖެހިފައި އޮތް މުބާރާތެކެވެ.
އިއްޔެ މުބާރާތް ފެށުމުގެ ގޮތުން ކުޅުނު މެޗު ޓީވީތަކުން ދައްކާފައެއް ނުވެއެވެ. އެހެންނަމަވެސް އެ ގައުމުގެ ޓީވީ ޗެނަލްތަކާއި މީޑިއާތަކުން ވަނީ މި މުބާރާތަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ. މީޑިއާތަކުން ސިފަކޮށްފައިވާ ގޮތުގައި އަންހެން ފުޓްބޯޅަ މުބާރާތަކީ ކުޅިވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމުގެ ގޮތުން ކުރިޔަށް އަޅާ ފިޔަވަޅެކެވެ.

ސައުދީ އަރަބިއްޔާއަށް ޒަމާނީ ބަދަލުތަކެއް ގެންނެވުމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ކުރައްވަމުން އަންނަ މަސައްކަތްޕުޅުގެ ތެރެއިން ސައުދީ އަންހެނުންނަށް ސްޓޭޑިއަމްތަކަށް ގޮސް ފުޓްބޯޅަ މެޗުތައް ބެލުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދިނީ 2018 ވަނަ އަހަރެވެ. އޭގެ ކުރިން އެ ގައުމުގައި އަންހެނުން ކުޅިވަރުތަކުގައި ބައިވެރިވުމަކީ އެގައުމުގެ ސަގާފަތާއި ދީނީ އުސޫލުތަކުގެ ތެރެއިން ހުއްދަކުރާ ކަމެއް ނޫން ކަމަށް އިލްމުވެރިން ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ. އަދި އިއްޔެ ފެށި އަންހެން ފުޓްބޯޅަ ލީގުގެ ސަބަބުން ނޭދޭވޭ ކަންކަން ފެންމަތިވާނެ ކަމުގެ އިންޒާރުވެސް ބައެއް ދީނީ އިލްމުވެރިން ދީފައިވެއެވެ.
ސައުދީ ވިމެންސް ފުޓްބޯލް ލީގް (ޑަބްލިއުއެފްއެލް) ފެށި ދުވަހު ޖުމްލަ ހަތް މެޗު ކުޅެފައިވެއެވެ. މި މެޗުތައް ކުރިޔަށް ދިޔައީ ވެރިރަށް ރިޔާޒް އާއި ޖިއްދާގައެވެ. ފުރަތަމަ ސިޓީތަކުގެ މެދުގައި ކުޅުމަށްފަހު ދެން އޮންނާނީ ގައުމީ ފެންވަރުގެ މުބާރާތެކެވެ. މި މުބާރާތް ކާމިޔާބު ކުރާ ޓީމަކަށް އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 500،000 ސައުދީ ރިޔާލް އެވެ. އެއީ ގާތްގަނޑަކަށް 133،000 އެމެރިކާ ޑޮލަރެވެ.
ފޮޓޯ: އެސްޕީއޭ