News
ދެވަނަ ފަރަހަށް ކުރި ޓެސްޓުންވެސް ސަލާހް ކޮވިޑަށް ޕޮސިޓިވް!
18 ނޮވެމްބަރު 2020
ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހް ދެވަނަ ފަހަރަށް ޓެސްޓް ކުރުމުންވެސް ކޮރޯނާވައިރަހަށް ޕޮސިޓީވްވެފައިވާކަމަށް އިޖިޕްޝަން ފުޓްބޯލް އެސޯސިއޭޝަންު (އީއެފްއޭ) އިން ބުނެފިއެވެ.
މިސްރުގެ ފުޓްބޯޅަ ތަރި ސަލާހަށް ކޮވިޑް -19 ޖެހުނީ މިސްރުގެ ގައުމީ ޓީމާއެކު ބައިނަލްއަގްވާމީ މެޗުތަކަށް ތައްޔާރުވަމުން ދަނިކޮށްނެވެ. އެންމެ ފުރަތަމަ ސަލާހް ޕޮސިޓިވްވިކަން އެނގުނީ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި ޓޯގޯއާއި އެކު ކުޅެން ހަމަޖެހިފައިއޮތް މެޗުތަކަށް ފަރިތަކުރަމުން އަންނަނިކޮށް މިދިޔަ ހުކުރު ދުވަހެވެ.
28 އަހަރުގެ ސަލާހް ކޮވިޑަށް ޓެސްޓު ކުރި ނަމަވެސް މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފައިވަނީ އޭނާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް އަދި ނުފެންނަ ކަމަށެވެ.
ބަލީގެ އަލާމާތެއް ނުފެނުނު ކަމުގައިވިޔަސް ދެވަނަ ފަހަަސްޓެސްޓުކޮށްގެންވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ސަލާހުއަށް ޖެހޭނީ އައިސޮލޭޝަންގެ ގަވާއިދުތަކާއި އެއްގޮތަށް އެކަހެރިވެގެން ހުންނާށެވެ. އެހެންކަމުން ލިވަޕޫލުން ކުޅެން ޖެހޭ ކުރިޔަށް އޮތް ދެ މެޗުގައި އޭނާއަށް ކުޅެވޭނެ ކަމުގެ އުންމީދެއް ނެތެވެ.
22 ނޮވެމްބަރުވާ އާދިއްތަ ދުވަހު ލިވަޕޫލުން ޕްރިމިއާ ލީގުގައި ލެސްޓާ ސިޓިއާއި ދެކޮޅަށް ކުޅެން ޖެހޭ މެޗެއް އޮތް އިރު 25 ނޮވެމްބަރުވާ ބުދަދުވަހު ޗެމްޕިއަންސް ލީގުގައި އެޓްލާންޓާ އާއި ދެކޮޅަށްވެސް މެޗެއް ކުޅެން
ޖެހެއެވެ. މި ދެމެޗުވެސް ސަލާހަށް ގެއްލޭނެ ކަމަށް ބެލެވެއެވެ.
ސަލާހް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޭނާއަށް ހިތްވަރުދީ މެޗެސްތައް ފޮނުވާ ހެޔޮއެދުންތައް ފޮނުވާ ހުރިހާ ފަރާތްތަކަށްވެސް ޝުކުރު އަދާ ކުރާ ކަމަށާއި، އަވަސް މުއްދަތެއްގެ ތެރޭގައި އެނބުރި ކުޅުމަށް އާދެވޭނެ ކަމުގެ ޔަގީންކަން އޭނާ އަށް އެބައޮތް ކަމަށެވެ.
ސަލާހްވަނީ މި ސީޒަނުގައި ޕްރިމިއާ ލީގުގައި ލިވަޕޫލުން ކުޅުނު ހުރިހާ މެޗެއްގައިވެސް ކުޅެ މިހާތަނަށް 8 ގޯލު ކާމިޔާބުކޮށްފައެވެ.