News
'ފީފާ ކްލަބް ވޯލްޑް ކަޕް 2020' އަންނަ އަހަރުގެ ފެބްރުއަރީއަށް ފަސްކޮށްފި
18 ނޮވެމްބަރު 2020
އަންނަ މަހު ފަށަން ތާވަލްކޮށްފައި އޮތް ފީފާ ކްލަބް ވޯލްޑް ކަޕް އަންނަ އަހަރުގެ ފެބުރުއަރީއަށް ލަސްކޮށްފިއެވެ.
ކްލަބް ވޯލްޑް ކަޕް '2020' ބާއްވަން މިހާރު ހަމަޖައްސާފައިވަނީ 1 ފެބުރުއަރީ އިން 11 ފެބްރުއަރީގެ ނިޔަލަށް ގަތަރުގައެވެ. 2022 ވަނަ އަހަރުގެ ވޯލްޑްކަޕްވެސް ހޯސްކުރުމަށް ހަމަޖެހިފައިވާ ގަތަރުން ކޮންޓިނެންޓަލް ކްލަބް ޗެމްޕިއަންޝިއަޕް ބާއްވާ މިއީ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުވެސް ފީފާ ކްލަބު ވޯލްޑްކަޕް ބާއްވާފައިވަނީ ގަތަރުގައެވެ.
މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކޮށް ތަށި ގެންދިޔައީ އިނގިރޭސި ކްލަބް ލިވަޕޫލުންނެވެ. މިއަހަރުގެ ކްލަބް ވާލްޑްކަޕް ބޭއްވުމަށް އެންމެ ފުރަތަމަ ހަމަޖައްސާފައިއޮތީ ޑިސެމްބަރުގައި ކަމަށްވިޔަސް ފެބުރުއަރީއަށް ފަސްކުރީ ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅިިގެން މިހާރު ދުނިޔޭގެ ކުޅިވަރުގެ ޝެޑިއުލުތަކަށް އައިސްފައިވާ ބަދަލުތަކާއި ހާލަތަށް ރިއާޔަތް ކުރުމަށްފަހުގައެވެ.
އިއްޔެ ފީފާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މުބާރާތް ފަސްކުރީ ކޮވިޑާއި ގުޅިގެން ކަމަށެވެ.
ކުރިޔަށް އޮތް ތިން މަހެއްހާދުވަހުގެ ތެރޭގައި ފީފާ ކްލަބު ވޯލްޑް ކަޕަށް ކޮލިފައިވާ ޓީމުތައް ކަނޑައަޅާނެއެވެ. މިހާތަނަށް މި މުބާރާތަަށް ކޮލިފައިވެފައިވަނީ އެންމެ ދެ ކުލަބެކެވެ. އެއީ މުބާރާތް ބާއްވާ ގައުމުގ ގަތަރުގެ ލީގު ޗެމްޕިއަން ކްލަބު ކަމުގައިވާ އަލް ދުހައިލް އާއި ނިމިގެންދިޔަ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ކަށަވަރު ކުރި ޖަރުމަނުގެ ޓީމު ބަޔާން މިއުނިކެވެ.
މިދިޔަ އަހަރު ފީފާއިން މި މުބާރާތަށް ގެނެސްފައިވާ ބަދަލުތަކާއެކު ފީފާއިން ނިންމާފައިވަނީ އަންނަ އަހަރު ޖޫން 17 ން ޖުލައި 4 އާއި ހަމައަށް މުބާރާތް ޗައިނާގައި ބޭއްވުމަށެވެ. އެހެންނަމަވެސް މިއަހަރުގެ މުބާރާތް އަންނަ އަހަރަށް ފަސްވުމާއި ގުޅިގެން ދެން އާ ފޯމެޓަށް ބަދަލުކުރި ގޮތަށް އައު މުބާރާތެއްގެ ގޮތުގައި ފީފާ ކްލަބް ވޯލްޑް ކަޕް ބޭއްވޭނެ ކަމަށް ބެލެވެނީ 22 ގައެވެ.
ދެން މިމުބާރާތް ބާއްވާނީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކަމަށް ފީފާއިން ވަނީ ކުރިން ކަނޑައަޅާފައެވެ. އަދި މުބާރާތުން ފުރުސަތު ލިބޭނީ އެފްރިކާ އިން ތިން ޓިމް، އޭޝިއާއިން 3 ޓީމް، އުތުރު އެމެރިކާއިން 3 ޓީމު، ދެކުނު އެމެރިކާއިން 6 ޓީމު، އަދި ޔޫރަޕުން 8 ޓީމާއި އޯޝެނިއާއިން އެއް ޓީމަށެވެ.