News
ބްރެޒިލް އަދި ބާސާ އާއި ދެކޮޅަށް ކުޅޭ މެޗުތަކުގެ ކުރިން ސްއަރޭޒަށް ކޮވިޑް ޖެހިއްޖެ
17 ނޮވެމްބަރު 2020
މި ސީޒަނުގައި ބާސާއިން ދޫކޮށްލި އުރުގުއޭގެ ސްޓްރައިކާ ސުއަރޭޒް ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވާ ކަމަށް އުރުގުއޭޔަން ފުޓްބޯލް އެސޯސިއޭޝަނުން ބުނެފިއެވެ. މިހާރު އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ލުއިސް ސުއަރޭޒަށް ކޮވިޑް ޖެހުނުކަން ކަށަވަރުވީ އުރުގުއޭގެ ގައުމީ ޓީމާއި އެކު ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނަނިކޮށް މިދިޔަ ހޯމަ ދުވަހެވެ.
އުރުގުއޭގެ ފުޓްބޯޅަ ޓީމުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުއަރޭޒްގެ އިތުރުން ޓީމުގެ އިތުރު ދެ މެންބަރަކު ކޮވިޑް -19 އަށް ޕޮޒިޓިވްވެފައިވާތީ އެމީހުން އެކަހެރިކޮށްފައިވާ ކަމަށެވެ.
ސުއަރޭޒް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އަންނަ ހޮނިހިރު ދުވަހު ސްޕެނިޝް ލީގުގައި ބާސާ އާއި ދެކޮޅަށް އެތްލެޓިކޯ މެޑްރިޑުން ކުޅެން ޖެހޭ މެޗުގައި އޭނާ އަަކަށް ނުކުޅެވޭނެ އެވެ.
33 އަހަރުގެ ސުއަރޭޒަށް ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް އާއި ދެކޮޅަށް މާދަމާ އުރުގުއޭ އިން ކުޅޭ މެޗުގައިވެސް ނުކުޅެވޭނެއެވެ. އުރުގުއޭއަށް މުހިންމު މެޗެއް މާދަމާ އޮތް އިރު ސުއަރޭޒްގެ އިތުރުން ގޯލްކީޕަރު ރޮޑްރިގޯ މޮނޯޒް ވެސް ވަނީ ކޮވިޑް -19 އަށް ޕޮޒިޓިވްވެފައެވެ. ދެން ޕޮޒިޓިވްވެފައިވަނީ އެޓީމުގެ އޮފިޝަލެއް ކަމުގައިވާ މަޓިއަސް ފަރަލް އެވެ.
އުރުގުއޭގެ ގައުމީ ޓީމުން ބުނީ ސީނިއާ ޓީމުގެ ހުރިހާ މެންބަރުންގެ ސާމްޕަލް ނަގާފައިވާ ކަމަށާއި ހޯމަ ދުވަހު ލިބުނު ޓެސްޓްގެ ނަތީޖާތަކުން ދައްކާ ގޮތުގައި 3 މީހުން ފިޔަވާ އެހެން އެންމެންގެ ނަތީޖާވެސް ނެގެޓިވްކަމަށެވެ. އަދި ޕޮސިޓިވްވީ 3 މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި އެހެންނަމަވެސް އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.