News
ދަގަނޑޭގެ ޝުކުރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް
16 ނޮވެމްބަރު 2020
އޭޝިއާގެ ފުޓުބޯޅަ މައި އިދާރާ އޭއެފްސީން ކުރިޔަށް ގެންދިޔަ އޭއެފްސީ ކަޕްގެ ބްރެކެޓް ޗެލެންޖްގެ ސެމީ ފައިނަލަށް ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި ކުޅުންތެރިޔާ އަލީ އަޝްފާގު(ދަގަނޑޭ) ދަތުރުކުރުމާއި ގުޅިގެން ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ޝުކުރު އަދާކޮށްފިއެވެ.
ދަނގަޑޭގެ އިންސްޓަގްރާމުގައި އޭނާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުން އޭނާއަށް ވޯޓް ހޯއްދަވައިދެއްވުމަށް ކުރެއްވި ބުރަ މަސައްކަތަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރާކަމަށެވެ. އަދި ދެވަނަ އެއް ނުވާ ސަޕޯޓަރުން އޭނާ އާ އެކު ތިބުމަކީ ވަރަށް ބޮޑަށް އުފާކުރާކަމެއް ކަމަށެވެ.
"މި ޕޯލް ކާމިޔާބު ކުރުމަށް ސަޕޯޓަރުންނާއި، ދިވެހި އެންމެހާ ރައްޔިތުން ދެއްވި ވޯޓާއި، ވޯޓުހޯދެއްވުމަށް ކުރެއްވި ބުރަ މަސައްކަތަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އަދި މިފަދަ ދެވަނައެއްނުވާ ސަޕޯޓަރުން އަޅުގަނޑާއިއެކު ތިބުމަކީ އަޅުގަނޑު ނުހަނު އުފާކުރާކަމެއް، ވަރަށް ބޮޑަށް ޝުކުރިއްޔާ" ދަގަނޑޭގެ ޕޯސްޓުގައި ބުނެފައިވެއެވެ.
މި ޗެލެންޖުގައި 32 ކުޅުންތެރިންގެ ގޯލް ހިމެނިފައިވާއިރު، ކުއާޓާ ފައިނަލުގައި ދަނގަޑޭ ވާދަކުރީ ވިއެޓްނާމުގެ ގުޔެން ވެން ކުއެޓް އާ އެވެ.
ދަގަނޑޭ ސެމީ ފައިނަލަށް ދިޔައީ ގުޔެން ވެން ކުއެޓް ވޯޓް ލީ މީހުންގެ 51.45 އިންސައްތަ މީހުންގެ ވޯޓު ހޯދައިގެންނެވެ. އަދި ވެން ކުއެޓްއަށް ލިބިފައިވަނީ ވޯޓްލީ މީހުންގެ 48.55 އިންސައްތައެވެ. އޭއެފްސީ ބްރެކެޓް ޗެލެންޖްގައި ދަގަނޑޭއަށް އެއްވަނަ ލިބިއްޖެނަމަ އެކަން ވެގެންދާނީ މި ކުޑަކުޑަ ދިވެހިރާއްޖެއަށް ލިބިގެންދާނެ ވަރަށް ބޮޑު ޝަރަފަކަށެވެ.
އޭއެފްސީންމީގެކުރިން ހޮވި އެންމެ މޮޅު ގޯލަކަށް ދަގަނޑޭގެ ސޯލޯ މޮޅު ގޯލެއް ހޮވިފައިވެއެވެ. އަދި މީގެ އިތުރުން ދާދިފަހުން ބޭރުގެ އޮންލައިން ނޫހަކުން ހޮވި ކެރިއަރުގައި އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިންގެ ލިސްޓުގެ ހަވަނައިގައި ދަގަނޑޭ ވަނީ ހިމެނިފައެވެ.
ލިޔުނީ: އާއިދާ އަބްދުލް ހަކީމް