News
އިންޓަރ ސްކޫލް: ގްރޫޕް ސްޓޭޖްގެ ފަހު މެޗުތަކަށް ކުރިމަތިލާއިރު ގްރޫޕް "ސީ" ގެ ހާލަތު
8 މާރިޗު 2019
މިދުވަސްވަރު އެންމެ ފޯރިހިއްޕާލާފައި އޮތް، މިހާރު ކުރިއަށްދާ އެންމެ ބޮޑު ފުޓްބޯޅަ ހަރަކާތްކަމަށްވާ މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ، 15 އަހަރުން ދަށުގެ އުމުރުފުރާގެ މުބާރާތުގައި މިހާރު ކުރިއަށްދަނީ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗުތަކެވެ. ގްރUޕް ސްޓޭޖް ފަހު މެޗުތަކަށް ޓީމުތަށް ކުރިމަތިލާންޖެހިފައިވާއިރު ބައެއް ޓީމުތައްވަނީ ކުރިންބައިގައި ކުއާޓަރ އިން ޖާގަ ޔަގީންކޮށްފައެވެ. ނަމަވެސް އަނެއްބައި ޓީމުތަކަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ހުރިހާ އުއްމީދެއް ގުޅިފައިވަނީ މި މެޗުތަކުން ނިކުންނަ ނަތީޖާތަކާއެވެ.
ދެ ގްރޫޕަކުން އެ ގްރޫޕްތަކުގެ ހުރިހާ މެޗެއް ފުރިހަމަކޮށް މުބާރާތުގެ ދެވަނަ ބުރު ކަމަށްވާ ކުއާޓަރ ފައިނަލަށް މިހާރު ވަނީ 4 ޓީމެއް ދަތުރުކޮށްފައެވެ. ގްރޫޕް އޭ އަދި ބީ ގެ ގްރޫޕް ސްޓޭޖް ހުރިހާ މެޗެއް ކުޅެ ނިމިފައިވާއިރު މި ދެ ގްރޫޕުން ކުއާޓަރ ފައިނަލް ބުރަށް ދަތުރުކުރާ ޓީމުތައް ޔަގީންވެފައިވާއިރު ކުއާޓަރ ފައިނަލްގައި އެ ޓީމުތައް ވާދަކުރަން ޖެހޭ ޓީމުތައްވެސް މިވަނީ ކަށަވަރުވެފައެވެ. އެގޮތުން ގްރޫޕް އޭ އިން ގާޒީ ސްކޫލް ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ދިޔައިރު އެ ގްރޫޕްގެ ދެވަނަ ޓީމެއްގޮތުގައި ކުއާޓަރ ފައިނަލަސް ދަތުރުކުރީ ތާޖުއްދީން ސްކޫލެވެ. ގްރޫޕް ބީ ގެ ގްރޫޕް ސްޓޭޖް ފަހު މެޗުތައް ކުޅެ ނިމިފައިވާއިރު، ގްރޫޕް ބީ ގެ އެއްވަނަ ޓީމެއް ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ހިރިޔާ ސްކޫލެވެ. އަދި ދެވަނަ ޓީމެއް ގޮތުގައި ދަތުރުކުރީ ދަރުމަވަންތަ ސްކޫލެވެ.
ގްރޫޕް ސީ
ދެން އެންމެ އަވަހަށް ގްރޫޕް ސްޓޭޖް ފަހު މެޗުތަކާއި ކުރިމަތި ލާނީ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދާފައިވާ ދެ ޓީމު ހިމެނޭ ގްރޫޕް ސީ ގެ ޓީމުތަކެވެ. މި ގްރޫޕްގައި ހިމެނެނީ 2017 ގެ ޗެމްޕިއަން މަޖީދިއްޔާ، އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، އަމީނިއްޔާ ސްކޫލް އަދި 2015 ގެ ޗެމްޕިއަން މުހްޔިއްދީން ސްކޫލެވެ.
ގްރޫޕް ސްޓޭޖްގައި މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅު ތާވަލްގެ އެއްވަނާގައި އޮތް މަޖީދިއްޔާ ސްކޫލް ނިކުންނާނީ އަހުމަދިއްޔާ އާއި ދެކޮޅަށެވެ. އަމީނިއްޔާ ނިކުންނާނީ މުހްޔިއްދީނާއި ދެކޮޅަށެވެ. ކުޅުނު ދެމެޗުންވެސް ބަލިވެ މުބާރާތުގައި ކުރިއަށްދިއުމުގެ އުއްމީދު މުހްޔިއްދީނަށްވަނީ އެއްކޮށް ގެއްލިފައެވެ. ކުއާޓަރ އަށް ދަތުރުކުރާ ދެ ޓީމުގެ ޖާގައަށް ވާދަކުރަން މި ގްރޫޕްގައި މުހްޔިއްދީން ފިޔަވައި ބާކީ އޮތް 3 ޓީމަށްވެސް ފުރުސަތުއެބައޮތެވެ. އެންމެ ފަހި ފުރުސަތެއްއޮތީ މަޖީދިއްޔާއަށެވެ. އެއީ ފަހު މެޗުން އަހުމަދިއްޔާ އަތުން ބަލިނުވެ ފަރުޖައްސާލައިގެންވެސް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓަރ އަށް ދެވޭނެތީއެވެ. އަނެއްކޮޅުން އަމީނިއްޔާއަށްވެސް އޮތީ އަހުމަދިއްޔާއަށްވުރެ ތަނަވަސް ފުރުސަތެކެވެ. އެއީ މިމުބާރާތުގައި ދައްކާ ކުޅުމަށްބަލާފައި އަހުމަދިއްޔާ ގަހު މެޗުގައި އިދިކޮޅަށް ނިކުންނަ މަޖީދިއްޔާގެ ކުޅުމަށްވުރެ އަމީނިއްޔާ އިދިކޮޅަށް ނިކުންނަންޖެހޭ ޓީމު، މުހްޔިއްދީނުގެ ފެންވަރު ދަށްވުމެވެ.
ނަމަވެސް ވުމަށްވުރެ ނުވުން ގާތްނަމަވެސް މަޖީދިއްޔާ ތަފާތުބޮޑުކޮށް ބަލިކޮށް އަހުމަދިއްޔާ ވެސް ދެވެނަ ބުރަށް ދެވިދާނެއެވެ. މަޖީދިއްޔާ ޓީމުގެ ފެންވަރާއި އަހުމަދިއްޔާގެ ފެންވަރާއި ބަލާއިރު ލަފާކުރެވެނީ މަޖީދިއްޔާގެ މައްޗަށް މެޗު ބުރަވާނެކަމަށެވެ. ނަމަވެސް މެޗެއްގެ ނަތީޖާ ހަމަ އެންމެ ސިކުންތަކުންވެސް ބަދަލުކޮށްލެވިދާނެއެވެ.
އިންޓަރ ސްކޫލް ފުޓްބޯލް ޓްވާރޑްސް ފިއުޗަރ