News
އިންގްލޭންޑާއި ލިވަޕޫލްގެ ލެޖެންޑް، ކީޕަރު ކްލެމެންސް މަރުވެއްޖެ
15 ނޮވެމްބަރު 2020
އިންގްލޭންޑާއި ލިވަޕޫލް އަދި ޓޮޓެންހަމްގެ ކުރީގެ ކީޕަރު
ރޭ ކްލެމެންސް އުމުރުން 72 އަހަރުގައި މަރުވެއްޖެ އެވެ.
އޭނާ މަރުވީ ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުންދާތާ
އަހަރުތަކެއް ފަހުންނެވެ.
ކްލެމެންސްގެ އާއިލާއިން އާދިއްތަ ދުވަހު އާންމުކުރި
ބަޔާނެއްގައި ބުނެފައިވަނީ އޭނާ މަރުވީ މިއަދު އާއިލާގެ މެންބަރުންގެ ހާޒިރުގައި
ކަމަށެވެ.
އޭނާއަށް ކެންސަރު ޖެހުނީ 2005 ވަނަ އަހަރެވެ.
އިނގިރޭސި ފުޓްބޯޅައިގެ ލެޖެންޑެއް ކަމުގައިވާ
ކްލެމެންސްވަނީ 1967 އާއި 1981 އާއި ދެމެދު އޭރު ކުޅެމުން އައި ޓީމު ލިވަޕޫލާއި
އެކު ފަސް ފަހަރަށް ލީގް ޓައިޓަލް އަދި 3 ޔޫރަޕިއަން ކަޕް ހޯދާފައެވެ.
އަދި އެފްއޭކަޕާއި ލީގު ކަޕް އަދި ދެފަހަރަށް ޔުއެފާ
ކަޕްވެސް ހޯދާފައިވެއެވެ. ޓޮޓެންހަމް އަށް
ބަދަލުވުމުގެ ކުރިން ލިވަޕޫލް ޖޯޒީގައި ކްލެމެންސް ވަނީ 470 މެޗު ކުޅެފައެވެ.
ޓޮޓެންހަމްގައި ހޭދަކުރި ހަތް އަހަރުދުވަހުގެ ތެރޭގައި
1982ގެ އެފްއޭ ކަޕް އެޓީމަށް ހޯދައިދިނުމުގައި ކްލެމެންސް ވަނީ މުހިންމު ދައުރެއް
އަދާކޮށްފައެވެ. އެޓީމާއެކު އޭނާ ވަނީ 330 މެޗު ކުޅެފައެވެ.
އިންގްލޭންޑް ޓީމުގެވެސް ގޯލްކީޕަރުކަން ކުރި ކްލެމެންސް އެންމެ ފުރަތަމަ އެޓީމަށް ކުޅެން ފެށީ 1972ގައެވެ. އޭނާ ވަނީ އެއްފަހަރު ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކޮށްފައެވެ. އެއީ ބްރެޒިލް އާއި ދެކޮޅަށް 1981 ގައި ވެމްބްލީގައި ކުޅުނު މެޗެއްގައި އެކަންޏެވެ. އޭގެފަހުން އޭނާ ހިޔާރުކުރީ ގޯލްކީޕަރ ކޯޗެއްގެ މަގާމުގައި ފުޓްބޯޅައަށް ހިދުމަތް ކުރުމަށެވެ. އޭނާ ވަނީ އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަންގައި ގޯލްކީޕަރު ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

ކްލެމެންސްގެ އާއިލާއިން ނެރުނު ބަޔާނުގައި އޭނާގެ އަންހެނުން ވެރޮނިކާ އާއި ނިއުކާސަލް ޔުނައިޓެޑްގެ މިހާރުގެ އެސިސްޓެންޓް ކޯޗް އަދި ކްލެމެންސްގެ ފިރިހެން ދަރިފުޅު ސްޓެފަން އާއި ދެ އަންހެން ދަރިން ކަމުގައިވާ ޖޫލިއާ އާއި ސްޓެފަން ވަނީ ކްލެމެންސަށް ހެޔޮއެދޭ ފަރާތްތަކުން ފާއިތުވީ އަހަރުތަކުގައި ދެމުންދިޔަ ލޯތްބާއި ސަޕޯޓަށް އާއިލާއިން ވަރަށް ބޮޑަށް ޝުކުރުވެރިވާކަމަށް ބުނެފައެވެ. އަދި އެކަން ހަނދާނުން ފޮހެވިގެން ނުދާނެ ކަމަށް އާއިލާއިން ބުނެއެވެ.
ކްލެމެންސްގެ މަރުގެ ހަބަރާއި އެކު ކްލެމެންސް އާއި އެކު ފުޓްބޯޅަ ކުޅުނު ލެޖެންޑުންނާއި އޭނާއަށް ސަޕޯޓްކުރާ ފަރާތްތަކުން އަންނަނީ ސޯޝަލްމީޑިއާގައި ހިތާމަފާޅުކުރަމުންނެވެ.
އިންގްލޭންޑް ގައުމީ ޓީމުގައި ކްލެމެންސް އާއި އެންމެ ވާދަވެރިކޮށް މަސައްކަތް ކުރި ގައުމީ ކީޕަރު ޕީޓާ ޝިލްޓަން ޓްވިޓާގައި ބުނެފައިވަނީ އެކުވެރިޔާގެ މަރުގެ ހަބަރު ލިބުމުން ހިތާމަ ކުރާ ކަމަށާއި، އެ ދެމީހުންނަނީ ވާދަވެރިން ކަމުގައިވިޔަސް ގާތް ދެ ރަހްމަތްތެރިން ކަމަށެވެ. އަދި ފުޓްބޯޅައިން ރިޓަޔާ ކުރިފަހުންވެސް ގިނަ އަހަރުތަކެއް ވަންދެން އެ ދެމީހުންނަކީ ރައްޓެހިން ކަމަށާއި، އޭނާގެ މަތިން ވަރަށް ހަނދާން ވާނެ ކަމަށެވެ.
ލިވަޕޫލްގެ ކުރީގެ މަޝްހޫރު ފޯވާޑް އަދި ފަހުން އެޓީމުގެ ކޯޗުކަން ކުރި ސާ ކެނީ ޑަލްގްލިޝްވެސް ޓްވިޓާގައި ބުނެފައިވަނީ "މިއަދު މި ގެއްލުނީ ހަގީގީ ލެޖެންޑެއް" ކަމަށެވެ. އަދި ކްލެމެންސް އަކީ ރަނގަޅު ޓީމް މޭޓެއް ކަމަށާއި، ލިވަޕޫލްގައި ހަމަޖެހިލުމަށް އޭނާއަށް ކްލެމެންސް ވެދިން އެހީތެރިކަން ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ކްލެމެންސްގެ އާއިލާގެ ހިތާމައިގައި ބައިވެރިވާ ކަމަށެވެ.