News
ވޯލްޑްކަޕާއި އޭޝިއަން ކަޕްގެ ކޮލިފައިން މެޗުތައް އަންނަ އަހަރުގެ މާޗްގައި ފަށަނީ
12 ނޮވެމްބަރު 2020
ކޮރޯނާވައިރަހުގެ ބަލިމަޑުކަމާއި ހުރެ ފަސްކޮށްފައިވާ 2022ގެ ފީފާ ވޯލްޑް ކަޕް ކޮލިފައިން އާއި 2023 ގައި ޗައިނާގައި ބާއްވާ އޭޝިއަން ކަޕްގެ ކޮލިފައިން މެޗުތައް ކުޅޭނީ އަންނަ އަހަރުގެ މާޗްމަހުން ފެށިގެން ކަމަށް ނިންމައިފިއެވެ.
އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އެފްސީން) މިގޮތަށް ނިންމާ އެކަން އިއުލާނުކުރީ މެލޭޝިޔާގައި ބޭއްވި އޭއެފްސީ ކޮމްޕެޓިޝަންސް ކޮމިޓީގެ ބައްދަލުވުމުގައެވެ. އެކޮމިޓީން ނިންމާފައިވަނީ ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތައް ޖޫން 15ގެ ނިޔަލަށް ނިންމާލުމަށެވެ.
އެހެންކަމުން 2021 ވަނަ އަހަރުގެ މާޗްމަހު ހަތްވަނަ ބުރާއި އަށްވަނަ ބުރުގެ މެޗުތައްކުޅުމަށާއި އަދި ފަހު ދެބުރުގެ މެޗުތައް ޖޫންމަހު ކުޅުމަށް އެ ކޮމިޓީން ވަނީ ނިންމާފައެވެ.
ރާއްޖެ ހިމެނޭހެން ބާއްވާ މި ކޮލިފައިން މެޗުތަކުގެ ބައެއް ބުރުތައް ވަނީ ކޮވިޑްގެ ކުރިން ކުޅެ ނިންމާފައެވެ.
މީގެ އިތުރުން އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތައް 2022ވަނަ އަހަރުގެ މާޗްގެ ނިޔަލަށް ނިންމުމަށް ވެސް ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ކަނޑައަޅާފައިވެއެވެ.