News
އިންގްލޭންޑް މެޗަށް ފަރިތަކުރުމުގެ ތެރޭގައި ލިވަޕޫލްގެ ގޯމޭޒަށް އަނިޔާވެއްޖެ
11 ނޮވެމްބަރު 2020
އިންގްލޭންޑްގެ މެޗަކަށް ފަރިިިިިިިިިިތަކުރުމުގެތެރޭގައި ލިވަޕޫލްގެ ސެންޓްރަލް ޑިފެންޑަރ ޖޯ ގޯމޭޒަށް އަނިޔާވެއްޖެ އެވެ.
23 އަހަރުގެ ގޯމޭޒަށް އަނިޔާވީ ބުރާސްފަތި ދުވަހު އިންގްލޭންޑުން އަޔަލޭންޑާއި ދެކޮޅަށް ކުޅޭ މެޗް ފެށުމުގެ ކުރިން ޕްރެކްޓިސް ކުރުމުގެ ތެރޭގައެވެ.
ގޯމޭޒަށް އަނިޔާވެފައި މިވަނީ ލިވަޕޫލްގެ ސެންޓަރ ބެކް ވާޖިލް ވެންޑައިކަށްވެސް އަނިޔާވެ ގިނަ ދުވަސްތަކަކަށް ކުޅުމާއި ދުރަށްދާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.
ވެންޑައިކް ވަނީ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއާއި ގުޅިގެން 17 އޮކްޓޯބަރުގައި ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. އޭނާއަށް އަނިޔާވީ އެވަޓަން އާއި ދެކޮޅަށް ލިވަޕޫލް ކުޅެ 2-2 ން އެއްވަރުވި މެޗްގައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށް ގިނަ ކުޅުންތެރިންތަކެއްގެ އަނިޔާގެ މައްސަލަ ކުރިމަތިވެފައެވެ. އެޓީމުގެ ފެބިއާނޯއަށްވެސް ވަނީ އަނިޔާވެފަ އެވެ. އޭނާއަށް އަނިޔާވެފައިވަނީ ފައިގެ ކުޑަކަޅުވާއަށެވެ.
ލިވަޕޫލްގެ މުހިންމު ކުޅުންތެރިންގެ ތެރެއިން ރައިޓް ބެކް ޓްރެންޓް އެލެގްޒެންޑަރ އާނޯޑް ވެސް އަނިޔާއަކާއި ގުޅިގެން 1-1 ން މެންޗެސްޓާ ސިޓީ އާއި އެއްވަރުވި މެޗުގައި ކުޅޭކަށް ނާރައެވެ.